ދެކުނު ކޮރެއާގެ ސޯލްގެ ސެމްސަންގް ފިހާރައެއްގައި މީހަކު ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް7 އެއް އިއްޔެ ބަލަނީ: މިއީ ކުރިއަށްވުރެ މާ ތުނި ފޯނެއް. -- ފޮޓޯ: އޭއެފްޕީ
10 ޖުލައި 2025 - 11:19
ސެމްސަންގުގެ ފަތްޖެހޭ ސްމާޓްފޯނު ކުރިއަށްވުރެ މާ ތުނިކޮށް ހަދައި "ޒެޑް ފޯލްޑް7" ގެ ނަމުގައި އިއްޔެ ދައްކާލައިފި އެވެ.
ފްލެކްސިބްލް ސްކްރީން ހިމަނައިގެން އެންމެ ފުރަތަމަ ސްމާޓްފޯން، ފްލެކްސްޕާއި" ލޯންޗުކުރީ މީގެ ހަތް އަހަރު ކުރިން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ރޮޔޯލް އިންނެވެ. އެކަމަކު މިިދިޔަ އަހަރު އެ ކުންފުނި ވަނީ ބަނގުރޫޓުވެ ހުއްޓުމަކަށް އައިސްފަ އެވެ. މި ޑިވައިސްތަކަށް އަދި އޮތީ ސްމާޓްފޯން މާކެޓް ވިޔަފާރީގެ އެންމެ ދެ ޕަސެންޓް ކަމަށް ސީއެސްއެސް އިންސައިޓްގެ ބެންވުޑް ވިދާޅުވެފައިވެ އެވެ.
ފަތްޖެހޭ ފޯނަށް މާކެޓުން ޖާގަ ހޯދަން ދަތިވެފައިވާ މައިގަނޑު ސަބަބުތައް ކަމަށް ވެފައިވަނީ އޭގެ ބޯމިނާއި ކެމެރާގެ ފެންވަރު ދަށްވުމާއި ބޮޑު އަގެވެ.
ދެކުނު ކޮރެއާގެ ސޯލްގެ ސެމްސަންގް ފިހާރައެއްގައި މީހަކު ސެމްސަންގުގެ އާ ފޯނުތައް އިއްޔެ ބަލަނީ. -- ފޮޓޯ: އޭއެފްޕީ
ސެމްސަންގަކީ 2019 ވަނަ އަހަރު "ގެލެކްސީ ޒެޑް ފޯލްޑް" ނެރުނު ހިސާބުން މި ބާވަތުގެ ފޯނުގެ މާކެޓް ލީޑްކުރަމުން އަންނަ ކުންފުންޏަށް ވިޔަސް ޗައިނާގެ ވާދަވެރި ކުންފުނިތައް ކަމަށްވާ ހޮނާ އަދި ވަން ޕްލަސް އާއި އެމެރިކާގެ މޮޓޮރޯލާ ފަދަ ކުންފުނިތަކުގެ ސަބަބުން މާކެޓް ޝެއާއިން ބައެއް ވަނީ ގެއްލިފަ އެވެ.
"ސެމްސަންގް ތަންކޮޅެއް ކޮންޒަވެޓިވްކޮށް އޮތުމަށް ފަހު އެ މީހުންގެ ޖާދޫ އަލުން ހޯދައި، މި ވަނީ ފަތްޖެހޭ ފޯނުގެ އެންމެ ރަނގަޅު ފެންވަރުގެ ފޯނެއް ނެރެފައި،" ވޫޑް ވިދާޅުވި އެވެ.
އަލަށް ނެރުނު ގެލެކްސީ ޒެޑް ފޯލްޑް7 ގެ އަގަކީ 2،000 ޑޮލަރެވެ. އަދި ގެލެކްސީ ޒެޑް ފްލިޕް7 ގެ އަގަކީ 1،200 ޑޮލަރެވެ. މިއީ މި ސީރީޒްގައި މިހާތަނަށް ނެރުނު އެންމެ ތުނި ފޯނަށް ވާއިރު ކުރީގެ ޑިވައިސްތަކާ އަޅާބަލާއިރު، ފަތްޖަހާލާފައި އޮންނަ އިރު ދެ ބައިކުޅަ އެއް ބައި ތުނިވާނެ އެވެ.
ދެކުނު ކޮރެއާގެ ސޯލްގެ ސެމްސަންގް ފިހާރައެއްގައި މީހަކު ސެމްސަންގުގެ ފަތްޖެހޭ ފޯން ސީރީޒްގެ ފޯނުތަކުގެ ބޯމިނުގައި ހުރި ފަރަގު އިއްޔެ ބަލަނީ. -- ފޮޓޯ: އޭއެފްޕީ
"މިއީ ސެމްސަންގްގެ ފޯލްޑަބަލް ޑިޒައިން އަލުން ދިރުވައި އާ ޒަމާނަކަށް ގެނެސް، ޓެބްލެޓަކަށް ބަދަލުކޮށްލެވޭ ސުޕަ ޕްރިމިއަމް ފޯނެއް. އަދި މިއަށް ތައްޔާރުކޮށްފައިވާ ސޮފްޓްވެއާއިން މިކަން އިތުރަށް ފުރިހަމަކޮށްދޭ،" ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޓެކްސްޕޮންޝަލްގެ އަވީ ގްރީންގާޓް އޭއެފްޕީއަށް ވިދާޅުވި އެވެ.
ސެމްސަންގުން މިފަހަރު ވަނީ ބިލްޓް-އިން ކެމެރާގެ ޕާފޯމަންސް ވެސް އިތުރުކޮށް، ވައިޑް އޭންގަލްގައި 200 މެގަޕިކްސެލްގެ ރިޒޮލިއުޝަންގައި ފޮޓޯ ނެގޭ ގޮތް ހަދައިފަ އެވެ. މިއީ ޒެޑް ފޯލްޑް6 އަށް ވުރެ ހަތަރު ގުނަ އިތުރުވުމެކެވެ. މިއާ އެކު ސްމާޓްފޯންގައި މިހާރު ލިބެން ހުރި އެންމެ މަތީ ފެންވަރުގެ ކެމެރާތަކާ އެއް ހަމަވީ އެވެ.
މި ފޯނުތަކުގައި ވަނީ އޭއައި ޓެކްނޮލޮޖީ ވެސް ވަަރަށް ބޮޑަށް ހިމަނައި އިތުރު ފުރިހަމަކަން ގެނެސްދީފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
12 July 2025
ތި ސަކަރާތް ބަރާބަރު 1އަހަރުގެ ތެރޭގައި ސްކްރީން ފަތްޖެހި ރޮގު ހަލާކުވެ ސްކްރީން ހަލާކުވަނީ!