ކުޅިވަރު / ވިމްބްލްޑަން ޓެނިސް މުބާރާތް

ޖޮކޮވިޗް ބަލިކޮށް ސިނާ ފުރަތަމަ ވިމްބެލްޑަން ފައިނަލަށް

ސިނާ ވަނީ މިއަހަރު މިހާތަނަށް ބޭއްވި ތިން ގްރޭންޑް ސްލޭމްގެ ވެސް ފައިނަލަށް ދަތުރު ކޮށްފަ.-- ފޮޓޯ: އޭއެފްޕީ

12 ޖުލައި 2025 - 10:36

ލަންޑަން (ޖުލައި 12) - ސާބިއާގެ ނޯވަކް ޖޮކޮވިޗް، 38، ބަލިކޮށް އިޓަލީގެ ޔަނިކް ސިނާ، 23، ފުރަތަމަ ފަހަރަށް ވިމްބެލްޑަން އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިދިޔަ އަހަރުގެ ފްރެންޗް އޯޕަންއަށް ފަހުން ރޭންކިންގެ އެއް ވަނައަށް އެރި ސިނާ ވަނީ، ރޭ ކުޅުނު މި އަހަރުގެ ވިމްބެލްޑަންގެ ސެމީ ފައިނަލްގައި ސީދާ ތިން ސެޓުން 6-3، 6-3 އަދި 6-4 އިން ޖޮކޮވިޗް ބަލިކޮށްފަ އެވެ.

ސެމީ ފައިނަލް މެޗަށް ފަހު ސިނާ އާއި ޖޮކޮވިޗް.-- ފޮޓޯ: އޭއެފްޕީ

"މިއީ ކުޑައިރު ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން. އަހަރެންނަށް މިއަދު ވަރަށް ރަނގަޅަށް ސާވް ކުރެވުނު. ކޯޓުމަތީގައި ވަރަށް ހިތްހަމަ ޖެހިގެން ކުޅެވުނު މެޗެއް،" މެޗަށް ފަހު ސިނާ ބުންޏެވެ.

"ތިން ވަނަ ސެޓުގައި އަހަރެމެންނަށް ފެނުނު އޭނާ [ޖޮކޮވިޗް] ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި. އޭނާ ކުޅުނީ އުނދަގޫތަކަކާ އެކު. އެކަމަކު އަހަރެން ބެލީ ހަމަޖެހިގެން ހުރެ އަހަރެންގެ އެންމެ މޮޅު ކުޅުން ދެއްކޭތޯ."

ފައިނަލްގައި ސިނާ ނުކުންނާނީ، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް، 22، އާ ދެކޮޅަށެވެ. އަލްކަރާޒް ވަނީ ސެމީ ފައިނަލްގައި 3-1 ސެޓުން އެމެރިކާގެ ޓައިލާ ފްރިޓްޒް ބަލިކޮށްފަ އެވެ. މެޗުގެ ސެޓްތައް އޭނާ ގެންދިޔައީ 6-4، 5-7، 6-3 އަދި 7-6 (8-6) އިންނެވެ.

މިއީ އަލްކަރާޒް ވިމްބެލްޑަންގެ ފައިނަލަށް ޖެހިޖެހިގެން ދަތުރު ކުރި ތިންވަނަ ފަހަރު.-- ފޮޓޯ: އޭއެފްޕީ

އެންމެ ފަހުން މި އަހަރު އޮތް ފްރެންޗް އޯޕަންގެ ފައިނަލް ވެސް ކުޅުނީ މި ދެ ކުޅުންތެރިންނެވެ. އެ މެޗު އަލްކަރާޒް މޮޅުވީ ފަހަތުން އަރައި 3-2 ސެޓުންނެވެ. އޭގެ ކުރީ އަހަރު ވެސް ޗެމްޕިއަނަކީ އަލްކަރާޒް އެވެ. އެ ފައިނަލްގައި މޮޅުވީ ޖޮކޮވިޗާ ވާދަކޮށެވެ.

ސިނާ ވަނީ މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ވެސް ކާމިޔާބު ކޮށްފަ އެވެ. އެލެކްސެންޑަ ޒްވެރޭވްއާ ވާދަކޮށް އޭނާ ވަނީ އެ ފައިނަލް ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ވެސް ކާމިޔާބު ކުރީ އޭނާ އެވެ.

ސިނާ ވަނީ މިހާތަނަށް އޮސްޓްރޭލިއަން އޯޕަން ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް ވެސް ކާމިޔާބު ކޮށްފަ އެވެ.

އަންހެން ސިންގަލްސްގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ޕޮލެންޑްގެ އީގާ ސްވިއާޓެކް އާއި އެމެރިކާގެ އަމަންޑާ އަނީސިމޯވާ އެވެ. ރޭންކިންގެ 12 ވަނައިގައި އޮތް އަނީސިމޯވާ ވަނީ ސެމީ ފައިނަލްގައި، ރޭންކިންގެ އެއް ވަނަ ބެލަރޫސްގެ އަރީނާ ސަބަލެންކާ ބަލިކޮށްފަ އެވެ.

މިދިޔަ އަހަރުގެ ވިމްބެލްޑަންގެ އަންހެން ސިންގަލްސް ކާމިޔާބު ކުރި ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެސިކޯވާ ވަނީ ތިން ވަނަ ބުރުން ކަޓައިފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454