އުތީމު ގަނޑުވަރު: މިއީ ބޮޑުތަކުރުފާނުގެ އާއިލީ ގެކޮޅު. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
15 ޖުލައި 2025 - 10:22
ބޮޑުތަކުރުފާނު ވާހަކަ އާއި އަލިރަސްގެފާނު ވާހަކަ، ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ މުހައްމަދު ޖަމީލް ލިޔުއްވައި ފޮތެއްގެ ސިފައިގައި ނެރެން ތައްޔާރުވެއްޖެ އެވެ.
މީގެ ތެރެއިން ބޮޑުތަކުރުފާނު ވާހަކަ ޖަމީލް ލިޔުއްވީ ހުސެއިން ސަލާހުއްދީން ލިޔުއްވާފައިވާ ފޮތާއި ބުރާރަ މުހައްމަދުފުޅު ކިޔައި ދެއްވާފައިވާ ވާހަކަ އަސްލަކަށް ބަލައިގެންނެވެ. ނަމަވެސް އަލިރަސްގެފާނުގެ ވާހަކައަކީ، އެ ބަތަލާ ބެހޭގޮތުން ދިވެހި ބަހުން ލިޔާ ފުރަތަމަ ފޮތެވެ.
ޖަމީލް ވިދާޅުވީ މި ދެ ފޮތް ލިޔުއްވީ ދަރިވަރުންނާއި ޓީޗަރުންނަށް ގައުމީ އަބުތާލުންގެ ވާހަކަތަކަށް ފަސޭހައިން ވާސިލުވެވޭނެ ގޮތެއް ނެތުމުން އެ ފުރުސަތު ހޯދައިދެއްވުމުގެ ބޭނުމުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ގެންގުޅޭ ބޮޑުތަކުރުފާނު ވާހަކަ ފޮތަކީ، ޝައުގުވެރިކަމާ އެކު ކުދިން އަތްލައި ކިޔާލަން އަތްމަތީގައި ގެންގުޅެން ފަސޭހަވާ ކަހަލަ ގޮތަކަށް އޮންނަ ފޮތަކަށް ނުވާތީ އެ ފަޅުކަން ފިލުވޭނެ ގޮތެއް ހެދުމަކީ މަގުސަދެއް ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު ވެސް އުޅެނީ އެ ހާލުގައި ކިޔާލާނެ ފޮތެއް ނެތިގެން. ބައްޕައެއްގެ ގޮތުގައި އަޅުގަނޑު ވެސް އުޅެނީ ދަރިފުޅަށް ގަނެދޭނެ ދިވެހި ފޮތެއް ނުފެނިގެން. އަޅުގަނޑު ފޮތް ލިޔެ އުޅޭތީ ބުކްޝޮޕްތައް ހިންގަވާ ބައެއް ބޭފުޅުންނާއި ބައެއް ބެލެނިވެރިން ވެސް ދައްކާ ހަދާ ގްރޭޑް ނުވައެއް، ދިހައެއްގެ ކުދީން ކިޔާލާނެ ދިވެހި ފޮތް ނުހުންނަ ވާހަކަ،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވިގޮތުގައި، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވި ބަތަލު، ބޮޑުތަކުރުފާނުގެ ވާހަކަ އަލުން ލިޔުއްވި އިރު، ވާހަކައިގެ އަސްލު ދަމަހައްޓަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. އެކަން ޔަގީންކުރެއްވުމަށްޓަކައި، ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވައި ލިޔުއްވާ ބޭފުޅުންނާއި އަދަބީ ބޭފުޅުންނާއި އިލްމީ ބޭފުޅުންނާއި އަސްކަރީ ތަޖުރިބާކާރުންގެ މަޝްވަރާ ހޯއްދެއްވި ކަމަށް ޖަމީލް ވިދާޅުވި އެވެ.
މަޝްހޫރު ލިޔުންތެރިޔާ ޖަމީލް: އޭނާ ވަނީ މީގެ ކުރިން މަގުބޫލު ފޮތްތަކެއް ލިޔުއްވާފައި. -- ފޮޓޯ: އަވަސް އޮންލައިން
"ހާއްސަ ގޮތެއްގައި އަޅުގަނޑު މަސައްކަތްކުރިން މި ފޮތުގައި ސަލާހުއްދީން ގެންގުޅުއްވާފައިވާ ކްލެސިކް ސްޓައިލް ދެމެހެއްޓޭތޯ. ދިވެހި ބަސްކޮށާރުގެ މުއްސަނދިކަން ފޮތް ކިޔާ ކުދީންގެ ހިތަށް ވައްދަވައިދެވޭތޯ އާއި ކުދީންގެ ޝައުގު ފޮތުގައި ހިފެހެއްޓޭތޯ ވެސް ވަރަށް ބަލައިފައިވާނެ،" ޖަމީލް ވިދާޅުވި އެވެ.
މި ފޮތުގައި، ބޮޑުތަކުރުފާނު ދަތުރުކުރެއްވި އޮޑި ކަމަށްވާ ކަޅުއޮށްފުންމި ސިފަކޮށްދޭ ޒަމާނީ ކުރެހުމެއް ހިމެނެ އެވެ. އަދި ބޮޑުތަކުރުފާނަށް ނިސްބަތްވާ އާސާރުތަކުގެ ކުލަ ފޮޓޯތަކާއި ބައެއް ޗާޓުތައް ވެސް ހިމެނެ އެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށް ޝަހީދުވެވަޑައިގެންނެވި އަލިރަސްގެފާނު ފޮތުގެ ތެރެއިން ރާއްޖޭގެ ތާރީހުގެ މުހިއްމު ޝަހުސިއްޔަތުތަކުގެ މައުލޫމާތު މި ޖީލުގެ ކުދީންނާ ހަމަޔަށް ގެނެސްދެއްވަން ވަރަށް ބޮޑަށް މަސައްކަތްކުރައްވާފައިވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ކަޅުމުހައްމަދު ރަސްގެފާނު، ދޮންބުޅާފާށަނާ، އެރަސްގެފާނުންގެ ދައިތާފުޅު ބުރެކިރަނިން، އެ ކަމަނާގެ ދަރިކަނބަލުން ކަނބާއައިޝާ އަދި ކަނބާއައިޝާ އާއި އަލިރަސްގެފާނު ކައިވެނިފުޅު، ލިބިވަޑައިގެންނެވި ސިއްތިމާވާ ރަނިކިލެގެފާނު، އަދި ރަސްކަމުގެ ތަހުތާމެދު ހިނގަމުންދިޔަ ދެކޮޅުވެރިކަން އެހެންގޮސް ބޮޑުތަކުރުފާނުގެ ވާހަކައާއި ހަމައަށް ދެމިގެން މިއަންނަ ގުޅުން ކުރުގޮތަކަށް ވާހަކައެއްގެ ގޮތުގައި ތަންކޮޅެއް ފަސޭހައިން ކިޔައިދެވޭތޯ އަޅުގަނޑު މި ފޮތުގައި މަސައްކަތްކޮށްފައިވާނީ،" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފޮތްތައް ލިޔުއްވުމަށް އެންމެ ބޮޑު ހިތްވަރަަކަށްވީ ރައީސް މުހައްމަދު މުއިއްޒު، ގައުމިއްޔަތު ދިރުވުމަށް އިއުލާންކުރެއްވީ މަޝްރޫއު ކަމަށެވެ. އެގޮތުން އެ މަޝްރޫއު އިއުލާންކުރެއްވުމާ އެކު، ފަރުދީ ހައިސިއްޔަތުން މިފަދަ ކަމެއް ކުރައްވަން އެންމެ ބޮޑަށް ބާރު އެޅުއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީ ކަމަށް ޖަމީލް ވިދާޅުވި އެވެ.
މި ދެ ފޮތް، ޗާޕުކޮށްދެއްވީ ކޮންސްޓްރަކްޝަން ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރިކުރައްވާ މުހައްމަދު އަލީ ޖަނާހެވެ. މި ފޮތް ނެރުމަށް ރާވާފައި އޮތީ މި އަހަރުގެ ގައުމީ ދުވަހު އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ވެސް 35 އަހަރު ހޭދަކުރައްވާފައިވާ ޖަމީލް ވަނީ މީގެ ކުރިން ތިން ފޮތް ލިޔުއްވައިފަ އެވެ. އެއީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާގެ މައްޗަށް ލިޔުއްވާފައިވާ 'އޯކިޑް'، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޯގްރަފީ 'އިންސާފު'، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ބަޔޯގްރަފީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރޫމް
20 July 2025
ވިލިނގިލީ ރުކެއްގައި އޮތް ރާބެ އަކަށް އަލި ރަސްގެފާނު ކަރުހިއްކައިގަނެފައި ހުރިތަން ފެނުމާއި، ރާބަދި ހިފައިގެން ފަތާފައި މާލެއަށް އައުމާއި، އަލި ރަސްގެފާނު ކަނޑި ހަނގުރާމައެއްގެ މެދު ތެރެއިން ރުކުރާ ހިއްޕަވަން އިން އިނުމާއި، ބެހޭ ގޮތުން ވާހަކަ ދެއްކީމާ އެވާހަކަ ދައްކާ މީހާ ވަރުގެ ނުބައި މީހެއް ނުހުންނާނެ. ވަރަށް ސަލާމް.
ޒިމާން
20 July 2025
ރައީސް އަލްމަރުޙޫމް މުޙައްމަދު އަމީން އާއި ހިސާބުން ރައީސް ވަޙީދާއި ހިސާބަށް ބަޔޯގްރަފީ ލިޔުއްވި އިރުގައި އެދެ މެދުގައި ރައީސްކަން ކުރެއްވި އެހެން ރައީސުންގެ ބަޔޯގްރަފީ ކޮބައިތޯ ސުވާލު އުފެދޭ
ގުދުގުދާބެއްޔާ
16 July 2025
ކެއުމާގެން ސަހީދުވީތަ؟
ކޮބާއެފޮތް
15 July 2025
މިހާރުގެ ކުދިންނަކީ ދިވެއްސަށްވުރެ އިނގިރޭސިބަހަށް ފަރިތަ ބައެއް. މައުމޫން ވެރިކަމުގެ ފަހުކޮޅު ބޭރު މީހަކު އިނގިރޭސިބަހުން ލިއެފަ އޮތް 'އަ ހީރޯ އިން ޓައިމް' ފޮތަކީ ބޮޑުތަކުރުފާނާ ބެހޭ ގޮތުން ތާރީޚީ ކަންކަން ދިރާސާކޮށްފަ ނެރެފައިވާ ފޮތެއް. އެ ފޮތް ވުޖޫދުގައި އޮތްކަން ނޭނގެނީބާ
ކަޅު ހިޔަލަ
16 July 2025
އަސްލުވެސް ނޭނގޭ. އަންގާލީތީ ޝުކުރިއްޔާ
މުޑަހަންޖާ
15 July 2025
ތިހާދިސާގެ މާބޮޑު ހަގީގަތެއް ނޭނގުނަސް ކުރީޒަމާނެއްގައި އުތީމު ގުރޫޕަކާ ޕޯޗުގީޒު ބަޔަކާ މައްސަލަގަނޑެއްޖެހި މާރާމާރީތަކެއް ހިނގާފައޮތުން ގާތް. ރަނގަޅަށް ދިރާސާކުރަން ޖެހެނީ.
ޑުރެކިއުލާ
15 July 2025
ޕޯޗުގުއީޒުން ތިބިނަމަ އައްޑޫ ލިންކުރޯޑު މަރާމާތުނުކުރެވި މައިދޮރާއްޓޭ ކިޔާފަ ލިޒްބަން އެއާޕޯޓު ހަދާތަން ޓީވީން ބަލަބަލާނޫންތޯ އަހަރެމެން ތިބޭނީ. އުތީމުގައި ނަރުދަމާ އަޅައިފިތަ.
ކައްކާ
15 July 2025
ތިކަހަލަ ވާހަކައެއް ކިޔަންފެށިއިރު ވިޔަޒޯރު އެކަނިހުއްޓާ އޭނަ ހިޔާލަށް އައި ކަންކަންވެސް ހުރި ލިޔެފައި. އެހިސާބުން ވާހަކަ ނަގާފަ ފެންލައިޓުން އެއްލާލައިފިން.
ދަގަތްފާނު
15 July 2025
ތިހާދިސާގެ ސީސީޓީވީ ފުޓޭޖު ލިބިގެން ކުރީގަ އެނގިފަނެތް އާކަންތައްތަކެއް ފާހަގަވީތަ.
މުޑަހަންޖާ
15 July 2025
ތިކަހަލަ ވާހަކަތައް ލިޔާއިރު ވާހަކައިގެ ފުރަތަމަ ސަފުހާގައި ޑިސްކުލެއިމާ ޖަހަންޖެހޭގޮތަށް ގާނޫނުއަސާސީއަށް ބާބެއް އިތުރުކުރަންޖެހޭ. ވާހަކަ ކިޔާއިރު ވާހަކައަކީ ހަގީގަތެއްނޫންކަމާއި އިތުބާރުހިފޭ އެއްވެސް މަސްދަރެއް ނެތްކަމާއި ބޮޑަށް ހުރުން ގާތީ ރޯބުހުތާނު ދޮގުވާހަކަކަން ކިޔާމީހާއަށް އެނގެންޖެހޭ. އަދި ވާހަކައިގަ ހުރި ކަންތައްތައް ހަގީގަތެއްކަމަށް ދޭހަވާގޮތަށް ޖަލްސާއެއްގައި ކިޔައިފިއްޔާ ގާނޫނުތެރެއިން އެމީހަކު ފުރުންމަނާކޮށް ޖަލަށް ލެވެންޖެހޭ.
ބޮލްބެ
15 July 2025
ދެވާހަކައަކީވެސް ފޭކު ފުލޯކް ވާހަކަ.
ސަހަރޯވެރި
22 July 2025
ގައުމިއްޔަތުގެ ކަންފުޅެއް ނެތް ބައެއްގެ ކޮމެންޓުތައް. ޙިތާމަހުރި.