ރާއްޖޭގެ ޒުވާން ޓީމު މި މަހު އޮސްޓްރޭލިއާގެ އެކަޑަމީއަކާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11، މި މެޗުން ރާއްޖެ މޮޅުވީ 6-0 އިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
20 ޖުލައި 2025 - 14:00
އަންނަ ސެޕްޓެމްބަރު މަހު ސްރީލަންކާގައި ބާއްވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދެކުނު އޭޝިއާގެ ހަތް ގައުމުގެ މެދުގައި ގުރު ނަގައިފި އެވެ.
ސެޕްޓެމްބަރު 15-27 އަށް ސްރީލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުރިއަށް ގެންދާ މުބާރާތުގައި ރާއްޖެ ހިމެނިފައި ވަނީ އިންޑީއާ އާއި ޕާކިސްތާން އަދި ބޫޓާނާ އެކު ގުރޫޕް ބީގަ އެވެ. ބަންގްލަދޭޝް އާއި ނޭޕާލް އަދި މުބާރާތް ބާއްވާ ސްރީލަންކާ ހިމެނެނީ ގުރޫޕް އޭގަ އެވެ.
ސަތާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަމުން އަންނަނީ ތިން ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރާއި 16 އަހަރު އަދި 17 އަހަރުން ދަށެވެ. މިއީ، ސާފުން މި ތިން އުމުރުފުރާއަށް ހާއްސަކޮށް، ބާއްވާ 10 ވަނަ މުބާރާތެވެ. ސާފުން އެ އަހަރަކު މުބާރާތް ބާއްވާނެ އުމުރުފުރާއެއް ކަނޑައަޅަނީ އޭއެފްސީ ކޮލިފައިންގެ ޝެޑިއުލަށް އަށް ބަލައިގެންނެވެ.
މިއީ 17 އަހަރުން ދަށަށް މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. ފުރަތަމަ ދެ ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ އިންޑިއާ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އިންޑިއާ އާއި ބަންގްލަދޭޝް އާއެއް ގުރޫޕެއްގައި ހިމެނިގެން، ރާއްޖެ ވަނީ ބަންގްލަދޭޝްއާ އެއްވަރު ކޮށްފަ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ބަންގްލަދޭޝްއާ އެއްވަު ކުރި މެޗުގައި ރާއްޖޭގެ ފުރަތަމަ 11.-- ފޮޓޯ: ސާފް
އިންޑިއާ ވަނީ ކޮންމެ ކެޓަގަރީއަކުން ވެސް ދެ ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އިންޑިއާގެ އިތުރުން ބަންގްލަދޭޝް ވަނީ 15 އަހަރާއި 16 އަހަރުން ދަށުގެ ޗެމްޕިއަންކަން އެއްފަހަރު ހޯދައިފަ އެވެ. އަދި އެންމެ ފުރަތަމަ 2011 ވަނަ އަހަރު ބޭއްވި 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޕާކިސްތާނެވެ.
ދިވެހިރާއްޖެ ވަނީ 2023 ވަނަ އަހަރު ބޫޓާންގައި ބޭއްވި 16 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލް ކުޅެފަ އެވެ.
މިއަހަރު ވަނީ ސާފްގެ 20 އަހަރުން ދަށުގައި ހިމެނޭ ތިން ކެޓަގަރީގެ ތެރެއިން، 19 އަހަރުން ދަށުގެ މުބާރާތް ކުރިއަށް ގެންގޮސްފަ އެވެ. އެ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ.
ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމް ވަނީ ދާދި ފަހުން ގަލޮޅު ދަނޑުގައި އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ސޮކަ އެކަޑަމީ (އައިއެސްއޭ) އާ ވާދަކޮށް 6-0 އިން މޮޅުވެފަ އެވެ.
ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު މޯލްޑިވްސް ސޮކަ މޭޓްސްއާ ގުޅިގެން އައިއެސްއޭއިން މި މަހު ރާއްޖެއަށް ކުރި މި ދަތުރުގައި ގަލޮޅު ދަނޑުގައި ވަނީ ހަތަރު މެޗެއް ކުޅެފައެވެ. އެންމެ ފުރަތަމަ މެޗުގައި ވެލެންސިއާގެ 17 އަހަރުން ދަށުގެ ޓީމުން 3-0 އިން އައިއެސްއޭ ބަލި ކުރި އިރު، މާޒިޔާ ވަނީ 2-0 އިން މޮޅުވެފަ އެވެ. އައިއެސްއޭ މޮޅުވީ އެމްއެސް މޭޓްސްއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy