އޭސީޕީގެ މަގާމުން ވަކިކުރި އާސިފް: އޭނާ ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާތީ އެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލަން ކޯޓުން ވަނީ އަމުރުކޮށްފައި
20 ޖުލައި 2025 - 13:26
ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ކަރެކްޝަންސްގެ ޕްރިޒަންސް ކުލަބްގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލާގެ ތުހުމަތުގައި ކަރެކްޝަންސްގެ އޭސީޕީ މުހައްމަދު އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު މިދިޔަ ބުދަ ދުވަހު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
އެ މައްސަލާގައި އާސިފްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ އޭނާ ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް ދައުވާކުރަން ނިންމާފައިވާތީ، އެ މައްސަލާގައި ކޯޓުން ގޮތެއް ނިމެންދެން އެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
މިހާރު އަމަލުކުރާ މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ދައުވާ ހުށަހެޅުމުގެ ކުރިން ވެސް ވަގުތީ އަމުރަކަށް އެދެވިދާނެ އެވެ.
އެހެންވެ، ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ވަގުތީ އަމުރުގައިވަނީ ކަރެކްޝަންސް އޭސީޕީގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށާއި އަދި އެ މަގާމުގެ މައްޗަށް ތިން ވަނަ ފަރާތެއްގެ ހައްގެއް އުފަން ވެދާނެ އެއްވެސް ކަމެއް ކުރާނަމަ އެކަމެއް ވަގުތުން ހުއްޓާލަން އަންގާ ކަމަށެވެ.
ނަމަވެސް ކޯޓުގެ އަމުރުގައިވާ ގޮތުން އެ މައްސަލާގައި ދައުވާކުރާނަމަ، ކަރެކްޝަންސްއާ ދެކޮޅަށް އަންނަ މަހުގެ 17 ގެ ކުރިން ދައުވާ ހުށަހަޅަންޖެހެ އެވެ. އަދި އެ މުއްދަތުގައި ދައުވާ ނުކޮށްފިނަމަ ވަގުތީ އަމުރު ނިމުމަކަށް އަންނާނެ ކަމަށާއި އަދި އެ މައްސަލަ ހުށަހަޅައިފި ނަމަ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އެ އަމުރު ދެމިއޮންނާނެ ކަމަށް، އިސް ގާޒީ މަރިޔަމް ވަހީދު ނެރުއްވި އަމުރުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާސިފް
20 July 2025
ބޮޑެތި މީހުންނަށް ކަނބައިދީގެން އުޅޭ ކޮރަޕްޓު މީހުން ވެސް އުޅެ
ސިޔާނު
20 July 2025
އަހުރެން އާސިފް ނުދަންނަން. ނަމަވެސް މިއީ ތިންވަނަ ފަހަރުކަން ހަނދާންވޭ މީނާގެ އިންޓެގްރިޓީއާއި ގުޅޭގޮތުން ދިމާވި، ހަމަ ހަބަރުން ދުށިން. ކުރީގައިވެސް ސަސްޕެންޑް ކުރި. އެތަނުގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހާވެސް މީނާއަށް އިހްތިރާމް ނުކުރޭ. ކްލަބުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރީ މިފަހަރު. އެ ނަހަމަގޮތުގައި ބޭނުންވެސް ކުރިކަމަށް އެއޮތީ ފެންނަން. އެކަމުވެސް ހަމަ ސާފު ތޯ؟
ނަމާރީސް
20 July 2025
ކޮންފަދަ ކްލަބެއްތަ؟ ކޮންމެ މުއައްސަސާއަކުން ކްލަބްހަދަންޖެހޭތަ؟ މިފަދަ ހުރިހާ ކްލަބެއް އުވާލާ. ކްލަބް ހަދަން ބޭނުންނަމަ ގޭދޮށު ކްލަބް ހަދާ
މުލޭ
20 July 2025
ޚިޔާނާތް ހިންގާފައި ވެސް ލަދެއް ޙަޔާތެއް ނެތި މިއުޅެނީ.
ޢާޝިފް
20 July 2025
އުސޫލްތަށް ބަދަލު މިކުރަނީ ޒަރީރުގެ ބިޒްނަސް ހިންގަދޭ މީހާ އަށް މަގާމް ދޭންދޯ. ޢަންވަރަށް އަނެއްކާވެސް ކެހި ލިބެނީބާ.
ޣޮން
20 July 2025
ސަބާހް ސަރ އަށް އޭސީޕީ ކަން ދޭންވެގެން ކުރިއަށް ގެންދާ ޕްލޭނަށް އަނެއްކާވެސް ހުއްޓުމެއް އައީތާ.