ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. މާފަރު ކައުންސިލާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
21 ޖުލައި 2025 - 12:33
ޓޫރިސްޓުން މަޑުކޮށްލާނެ ހޮޓަލަކާ އެކު އާ ޓާމިނަލެއް ހިމެނޭހެން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު މާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.
ނ. އަތޮޅަކީ ރާއްޖޭގައި ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަތޮޅުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާފަރު އެއާޕޯޓަށް އިތުރު ކަންކަން ވެސް ބޭނުންވާ ކަމަށެވެ.
މާފަރުން މަރުހަބާ ކިޔަން ދިޔަ ކުއްޖަކާ ރައީސް ސަލާމްކުރައްވަނީ. -- ފޮޓޯ | މިހާރު
އެއާޕޯޓަށް ޓޫރިސްޓުން އައިސް ވަގުތީ ގޮތުން މަޑުކޮށްލާނެ ހޮޓަލެއް އެޅުމާއި އެތަނަށް އާ ޓާމިނަލެއް އެޅުން ވެސް ޕްލޭން ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއާޕޯޓުގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ޕްލޭން ކުރަމުން މި ދަނީ. މިހާރު އެ އޮތް މަސައްކަތްތައް ކުރި ފަރާތާ ވެސް އަޅުގަނޑުމެން މި ދަނީ ވާހަކަ ދައްކަމުން. އެ ބޭފުޅުންގެ ޝައުގުވެރިކަން ވެސް ހުރި ކަމެއްގެ ވާހަކަ މި ދަންނަވަނީ. އެ ބޭފުޅުން ވެސް ދަނީ އެކަމުގައި ދިރާސާތައް ހައްދަވަމުން،" ރައީސް ވިދާޅުވި އެވެ.
"ވަށާޖެހިފައިވާ ފުރިހަމަ އެއާޕޯޓަކަށް ހެދުމަށް މިދެންނެވި ކަންކަމަށް ރިއާޔަތް ކުރެވިގެން، ޓާމިނަލާއި އަދި ދެން ވެސް މިހުރި ކަންކަން ކުރުމުގެ ވިސްނުމުގައި އަޅުގަނޑުމެން މި ކުރިއަށް ދަނީ."
މާފަރު އެއާޕޯޓަށް ޖެޓުތައް ޖައްސާފައި.
އެމަނިކުފާނު ވަނީ މާފަރު އެއާޕޯޓުގެ ތަރައްގީ އަށް ކުރަން ހުރި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އިންޓަނޭޝަނަލް ފެންވަރުގައި މާފަރު އެއާޕޯޓު ހުޅުވީ މި މަހު 8 ގަ އެވެ.
ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެ އެއާޕޯޓުގައި ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލުކަން ހުރި މިންވަރު ބެލުމަށް މިދިޔަ މެއި މަހު ވަނީ އެމިރޭޓްސް އެއާލައިންގެ ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް ވެސް ޖައްސައިފަ އެވެ.
މާފަރު އެއާޕޯޓު އަޕްގްރޭޑް ކުރަން، ބޭރުން އަންނަ ޖެޓްތަކުގެ ދަތުރުތައް މިދިޔަ އަހަރުގެ މެއި މަހު މެދުކަނޑާލުމަށްފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ޖެޓްތަކުގެ ދަތުރުތައް އަލުން ފަށައިފަ އެވެ. އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މާފަރު އެއާޕޯޓް ހުޅުވީ ޑިސެމްބަރު، 2019 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާލިފް މުހައްމަދު
22 July 2025
ތަރައްގީ މުޅި ގައުމަށް. މި ރައީސް ތަފާތުވާނެ
ކަބިލި
21 July 2025
ފުރަންގޮސް ތިބޭ މީހުން ސައިބޯލަން ހޮޓަލެއް އެޅުމަކީ ވަރަށް މުހިއްމު ކަމެއް! ސަބަހާ ޑަކްޓަރު ރައީސް!
ނުނން
21 July 2025
އަންނަނީ އަންނަނީ ........