22 ޖުލައި 2025 - 12:49
އިންޑިއާގެ ގައުމީ ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 170 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
އެ މަގާމަށް މަޝްހޫރު ބައެއް ކޯޗުން ކުރިމަތިލި އެވެ. ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ކުރީގެ ކޯޗު ޕީޓާ ސެގަޓް އާއީ މީގެކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާގެ ކޯޗުކަން ކުރި ސްޓެފަން ކޮންސްޓަންޓީން ވެސް އެ މަގާމަށް ކުރިމަތިލި އެވެ.
މިދިޔަ މަހުގެ ނިޔަލަށް ކޮންސްޓަންޓީން ހުރީ ޕަކިސްތާނުގެ ކޯޗުގެ މަގާމުގަ އެވެ. އޭނާގެ ކޯޗުކަމުގެދަށުން ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުން ފުރަތަމަ ފަހަރަށް ޕާކިސްތާނަށް ޖާގަ ހޯދައި ދިނެވެ.
ސެގަޓް އެންމެ ފަހުން މަސައްކަތް ކުރީ ތަޖިކިސްތާނުގަ އެވެ. މިދިޔަ އަހަރުގެ އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލަށް އެ ގައުމު ގެންގޮސްދިން ކޯޗު ވަނީ 2018 ގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ބަލިކޮށް ރާއްޖެ އަށް ތަށި ހޯދައި ދީފަ އެވެ. އޭރު އިންޑިއާ ޓީމުގެ ކޯޗަކީ ކޮންސްޓަންޓީނެވެ.
ސެގަޓް އާއި ކޮންސްޓަންޓީން މީގެ ކުރިން ވަނީ ފަސް ފަހަރު އެކަކު އަނެކަކާ ދެކޮޅަށް ވާދަކޮށްފަ އެވެ.
އިންޑިއާގެ ކޯޗުކަމުގައި ކޮންސްޓަންޓީން ދެވަނަ ފަހަރަށް ހޭދަކުރި މުއްދަތުގައި އަފްޣާނިސްތާނާއި ރާއްޖޭގެ ކޯޗުކަމުގައި ސެގަޓް އޭނާއާ ދެކޮޅަށް ތިން ފަހަރު ނުކުތެވެ. ޕާކިސްތާނުގެ ކޯޗުކަމުގައި ކޮންސްޓަންޓީން ހުރި އިރު ތަޖިކިސްތާނު ގޮވައިގެން ސެގަޓް ވަނީ ކޮންސްޓަންޓީނާ ދެކޮޅަށް ދެފަހަރަށް ނުކުމެފަ އެވެ.
ސެގަޓް އާއި ކޮންސްޓަންޓީނަށް ވުރެ މަޝްހޫރު ކޯޗުން އިންޑިއާގެ ގައުމީ ޓީމުގެ މަގާމަށް ވާދަކުރި އެވެ.
ކުރިން ލިވަޕޫލަށް ކުޅުނު ރޮބީ ފައުލާ އާއި 2018 ގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާގެ ކޯޗިން ޓީމުގައި މަސައްކަތް ކުރި ރޮއެލް ކޫމަންސް އާއި ބާސެލޯނާގެ ބީ ޓީމުގެ ކުރީގެ ކޯޗު ޖޯޑީ ވިނިޔަލްސް އާއި މޯހަން ބަގާންގެ ކުރީގެ ކޯޗު އެންޓޯނިއޯ ހެބާސް ހިމެނެ އެވެ.
އިންޑިއާގެ މަޝްހޫރު ކޯޗު ހާލިދު ޖަމާލު ވެސް ވަނީ ގައުމީ ޓީމުގެ ކޯޗުކަމަށް ކުރިމަތިލާފަ އެވެ.
ޓައިމްސް އޮފް އިންޑިއާއިން ބުނީ ނަންތައް ޝޯޓްލިސްޓް ކުރުމަށް ފަހު ޓެކްނިކަލް ކޮމިޓީ އަށް ފޮނުވާނެ ކަމަށެވެ. ކޯޗު އައްޔަންކުރާނީ ޓެކްނިކަލް ކޮމިޓީން ކުރިއަށްގެންދާ އިންޓަވިއު އަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ސައީދު 2
23 July 2025
ރާއްޖޭގެ ކުރީގެ ކޯޗު ޕީޓާ ސެގަޓް ވަނީ އަސްފާގު ނުލާ ގޮސް އިންޑިއާ ބަލިކޮށް ސާފު ނަގާދީފަ! ދެން ލަލަލާ!
ޢަލީ ސަވާދު 2
23 July 2025
ގްރޫޕް ސްޓޭޖުގަ ލަނޑެއް ނުޖެހުނުތާގަ އޮން ޓާގެޓަށް ޝޮޓެއް ނެގިފަ ވެސް ނުވޭ، 2002 ވަނަ އަހަރުގެ ފަހުން ރާއްޖެ އަތުން މޮޅުވެފައި ނުވާ ލަންކާ ބަލި ނުކުރެވުނު އިރު ގޯލެއް ވެސް ނުޖެހުނު. ސެމީ އަށް ދިޔައީ ގުރު ލައިގެން. ދެން ލަލަލާ...