އަރުދާ ގުލާ އާއި ކިލިޔަން އެމްބާޕޭ: ރެއާލްގެ 10 ނަންބަރު ޖޯޒީ ހޯދުމަށް ވާދަކުރަނީ އެ ދެ ކުޅުންތެރިން --- ފޮޓޯ: ގޭޓީ އިމޭޖަސް
23 ޖުލައި 2025 - 05:22
ރެއާލް މެޑްރިޑްގެ 10 ނަންބަރު ޖޯޒީ ހޯދުމުގައި ރޭސް ވާދަވެރި ވެއްޖެ އެވެ.
ނިމިދިޔަ ކްލަބް ވޯލްޑް ކަޕަށް ފަހު، ރެއާލްގެ ކުރީގެ ކެޕްޓަން ލުކަ މޮޑްރިޗް އެ ޓީމު ދޫކޮށްލުމުން އެ ޓީމުގެ 10 ނަންބަރު ޖޯޒީ އޮތީ ހުސްކޮށެވެ.
ކޮރޮއޭޝިއާގެ ކެޕްޓަން ވަނީ ރެއާލް ދޫކޮށް ހިލޭ ޓްރާންސްފާގައި އޭސީ މިލަނަށް ބަދަލުވެފަ އެވެ. އޭނާ ޓީމު ދޫކޮށްލާނެކަން ޖޫން މަހު އިއުލާން ކުރުމާ އެކު އޭރު ބެލެވުނީ ސުވާލެއް ވެސް ނެތި އެމްބާޕޭ އަށް 10 ނަންބަރު ދޭނެ ކަމަށެވެ.
އެކަމަކު މިހާރު، އެ ނަންބަރު ހޯދުމުގައި އެމްބާޕޭ އަށް ގެންޖެހުން ކުރިމަތިވެފައިވާ ކަމަށް ސްޕެއިންގެ ކުޅިވަރު ނޫސް 'މާކާ'އިން ބުންޏެވެ. އެ ނޫހުން ބުނީ 10 ނަންބަރު ޖޯޒީ ހޯދުމުގެ ރޭހުގައި ތުރުކީގެ މިޑްފީލްޑަރު އަރުދާ ގުލާ އެމްބާޕޭއާ ވާދަކުރާނެ ކަމަށެވެ.
މިދިޔަ 15 ވަރަކަށް އަހަރު ވެސް ރެއާލްގެ 10 ނަންބަރު ޖޯޒީގައި ކުޅެފައި ވަނީ މިޑްފީލްޑަރުންނެވެ. މެސްޓް އޮޒިލް އާއި ހާމެސް ރޮޑްރިގޭޒް އަދި މޮޑްރިޗެވެ.
އެ ސަބަބާ ހުރެ 10 ނަންބަރު ޖޯޒީ ހޯދުމުގެ ރޭސް، ގުލާ އަށް މާބޮޑަށް ފަސޭހަވެފައިވާ ކަމަށް މާކާއިން ބުންޏެވެ. އެމްބާޕޭ ރެއާލްއާ ގުޅުމުގެ އެއް އަހަރު ކުރިން ފެނަބާޗޭގެ ކުރީގެ ކުޅުންތެރިޔާ ވަނީ ރެއާލްއާ ގުޅިފަ އެވެ. އެހެންވެ އެ ނަންބަރު ލިބުމުގައި އެމްބާޕޭ އަށް ވުރެ ގުލާ އިސްވާނެ އެވެ. ގުލާ މިހާރު ބޭނުން ކުރަނީ ޖޯޒީ ނަންބަރު 15 އެވެ.
ރެއާލްގެ ކުރީގެ ކޯޗު ކާލޯ އަންޗެލޮޓީގެ ޕްލޭނުގައި ގުލާ އަށް ބޮޑު ދައުރެއް ނުލިބުނު ނަމަވެސް، އެ ޓީމުގެ މިހާރުގެ ކޯޗު ޒަބީ އަލޮންސޯގެ ޕްލޭނުގައި ގުލާއަކީ މުހިންމު ކުޅުންތެރިޔެކެވެ. ނިމިދިޔަ ކްލަބް ވޯލްޑް ކަޕްގައި އަލޮންސޯގެ ކޯޗުކަމުގެދަށުން އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މިޑްފީލްޑްގައި ކުރިން މޮޑްރިޗް އަދާކުރި ދައުރު، ކްލަބް ވޯލްޑް ކަޕްގައި އެންމެ އިސްކޮށް އަދާކުރީ ގުލާ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލަކީ މޮޑްރިޗް އެ ކްލަބްގެ ކޯޒީގައި ކުޅުނު ފަހު މެޗެވެ. އެ މެޗުގައި އޭނާ ބޭނުން ކުރި ޖޯޒީ މޮޑްރިޗް ހަދިޔާ ކުރީ ގުލާ އަށެވެ.
ފްރާންސްގެ ގައުމީ ޓީމުގައި 10 ނަންބަރު ޖޯޒީގައި ކުޅޭ، އެމްބާޕޭ ރެއާލްގައި ހޭދަ ކުރި ފުރަތަމަ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. ޔޫރަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު މި ސީޒަނުގައި ހޯދީ އެމްބާޕޭ އެވެ. ރެއާލްގައި އޭނާ ބޭނުން މިހާރު ބޭނުން ކުރަނީ ނުވަ ނަންބަރެވެ.
ރެއާލްގެ 10 ނަންބަރު ޖޯޒީ ހޯދުމުގައި އެ ކްލަބްގެ ސަޕޯޓަރުންގެ ފޭވަރިޓަކީ އެމްބާޕޭ ކަމަށް މާކާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy