ރިޕޯޓް / މިނިވަން ދުވަސް

ނާސިރު: އަބަދުވެސް މިނިވަންކަން ހޯދައިދެއްވުމުގެ ފިކުރުގައި

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު (ވ) އާއި އިނގިރޭސި ހައިކޮމިޝަނަރު މައިކަލް ވޯކާ، ހަދިޔާ ބަދަލުކުރައްވަނީ. -- ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފު

އެއީ ޑިސެމްބަރު، 1956 ގެ ފަހުކޮޅުން ދުވަހެކެވެ. މެންދުރުވާން ގާތްވެފައިވަނިކޮށް، ވަޒީރުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މުލިއާގޭގައި ފަށައިފި އެވެ. ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ސިލޯނުން ވަޑައިގެން ބޭއްވެވި މި ޖަލްސާގެ އެޖެންޑާގައި އޮތީ، ރާއްޖެ އާއި އިނގިރޭސިންނާ ދެމެދު ވެވޭ އެއްބަސްވުމަކަށް ވަޒީރުންގެ ރުހުން ހޯއްދެވުމެވެ. ބުނެވޭ ގޮތުގައި ބޮޑުވަޒީރު ރާއްވަވާފައި އޮތީ، އެ ޖަލްސާ އަށް ފަހު އެ އެއްބަސްވުމުގައި އިނގިރޭސި ސަފީރާ އެކު، ސޮއިކުރައްވާ ގޮތަށެވެ.

އެއްބަސްވުމުގެ ދިވެހި ތަރުޖަމާ ޖަލްސާގައި އިއްވުމާ އެކު، ހައިރާންކަމާއި ސިހުމުގެ ހިމޭންކަމެއް މާލަމަށް ވެރިވި އެވެ. އެ އިއްވި އެއްބަސްވުމުގައި ބުނަނީ އައްޑު އަތޮޅު ގަމާއި ހިތަދޫން ބައެއް އިނގިރޭސީންނަށް 100 އަހަރުގެ މުއްދަތަކަށް، މަހަކު 2000 ޕައުންޑުގެ ކުއްޔަކަށް ދޭން ދިވެހި ސަރުކާރުން އެއްބަސްވާ ކަމަށެވެ. ހަގީގަތުގައި ބޮޑުވަޒީރު ވަނީ އޭގެ ދުވަސްކޮޅެއް ކުރިން ސިލޯނުގައި، އެ އެއްބަސްވުމުގައި އިނީޝިއަލް ކޮޕީގައި ސޮއިކުރައްވައިފަ އެވެ. އެ ޖަލްސާ އަށް ފަހު، ފައިނަލް ކޮޕީގައި ސޮއިކުރެއްވުމަށްޓަކައި، ވަޒީރުންގެ ރުހުން ހޯދަން މަސައްކަތް ކުރައްވަނީ އެވެ.

"ދެން އިވުނީ އެއްވެސް ޖެހިލުމެއް ނެތި ފިސާރި ހަރުދަނާ ކަމާއި މަތިވެރި އަޒުމެއްގައި ވާހަކަ ދެއްކެވި މެމްބަރެއްގެ އަޑުފުޅެވެ،"

ވަޒީރުންގެ ތެރެއިން އެންމެ ޒުވާން މެމްބަރު، އުމުރުން 29 އަހަރުގެ އިބްރާހީމް ނާސިރު، ތެދުވެވަޑައިގެން އެކަމާ ފާޅުގައި ދެކޮޅު ހެއްދެވީ އެވެ. އެ ހިސާބުން އައްޝައިހް އިބްރާހީމް ރުޝްދީ، ހިމެނިވަޑައިގަންނަވާހެން، ކެބިނެޓުގައި ސީނިއާ ބޭފުޅުން ވެސް ނާސިރަށް ތާއީދުކުރައްވައި، އެ އެއްބަސްވުމާ ދެކޮޅަށް ޝުއޫރު ފާޅުކުރައްވަން ފެށްޓެވި އެވެ. ނަތީޖާއަކަށްވީ، ފައިނަލް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި ބުރަކި ޖެހުމެވެ.

މިދިޔަ ގަރުނުގައި ރާއްޖޭގެ ސިޔާސީ މައިދާން ދުށް އެންމެ ނުފޫޒު ގަދަ އެއް އާއިލާ ކަމުގައިވި، ވެލާނާގެ އަށް ނިސްބަތްވެވަޑައިގެންނެވި ނާސިރަކީ އަބަދުވެސް މިނިވަންކަމުގެ ފިކުރު ގެންގުޅުއްވި ބޭފުޅެކެވެ. އެހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ގިނަ ބޭފުޅުން ގަބޫލު ކުރެއްވީ ރާއްޖެ އަށް ކުރިއަށް ދެވެން އޮންނާނީ އިނގިރޭސިންގެ މަދަދާ އެކު އެކު ކަމަށެވެ. އިނގިރޭސިންނަށް އައްޑު އަތޮޅުން ބައެއް 100 އަހަރަށް ކުއްޔަށް ދެއްވުމަށް ބޮޑުވަޒީރު ކިލެގެފާނު އޭރު ނިންމެވީ ވެސް އެ ސަބަބާ ހުރެ އެވެ. ކުލީގެ ގޮތުގައި ބޮޑު އަދަދެއް ލިބެން އޮތުމުންނާއި އިނގިރޭސިން ރާއްޖޭގައި ހޮސްޕިޓަލާއި ސްކޫލް އަޅައިދޭން އެއްބަސްވުމުން ކިލެލެގެފާނު އެގޮތް ނިންމެވީ އެވެ.

ފާމުލަދޭރި ކިލެގެފާނު (ކ) މުހައްމަދު އަމީން ދީދީ (ވ-2)، އަދި އިންޑިއާގެ ކުރީގެ ރައީސް ވީ.ވީ ގިރީއާ އެކު މުލިއާގޭގައި.

ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން އަސްކަރީ މަރުކަޒެއް ހަދައިގެން ތިބި ގަން، އިނގިރޭސިން އަލުން ބޭނުންވީ، ސިލޯނުން ފައިބަން ޖެހުމުންނެވެ. އެހެންވެ ޒުވާން ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި، ކިލެގެފާނުގެ އެ ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ރާއްޖެ އަށް ކުރު މުއްދަތުގައި ކިތަންމެ ފައިދާއެއް ވިޔަސް، އޭގެ ސަބަބުން ދުރު ރާސްތާގައި އޮތީ ގެއްލުމެވެ. ވަޒީރުންގެ މަޖިލީހުގައި އެކަމާ ދެކޮޅަށް އަޑުއުފުލެއްވެވީ އެހެންވެ އެވެ.

ނާސިރު ދެން މަސައްކަތްކުރެއްވީ ވޯރާއިން ފައްސާލެއްވުމަށެވެ. ރާއްޖޭގެ އިގުތިސާދު 1880ގެ އަހަރުތަކުން ފެށިގެން ކޮންޓްރޯލް ކުރަމުން އައި ވޯރާއިންގެ ނުފޫޒު އޭރު ވަރަށް ގަދަ އެވެ. އެބައި މީހުންގެ ސަބަބުން ރާއްޖެ އަށް ދިޔައީ ފެށުނީއްސުރެ ދަތިތަކާ ކުރިމަތިވަމުންނެވެ.

އެހެންވެ، ބޮޑުވަޒީރު ރާއްޖޭގައި ނެތް ދުވަސްވަރެއް ބައްލަވައި ނާސިރު ކުރެއްވި ކަމަކީ، ހެންވޭރުގެ އެއް މެމްބަރު މާދޫގޭ އަލީ އަހުމަދު ލައްވައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އެވެ. މާޗު 29، 1957 ވަނަ ދުވަހުގެ ރޭ އޮތް ޖަލްސާގައި އެޖެންޑާކުރި އެ ބިލުގައި އޮތީ އިމްޕޯޓް-އެކްސްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރިން ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭން ފޮނުވާލަން ސަރުކާރަށް ލާޒިމުކޮށްފަ އެވެ.

ބިލު ހުށަހަޅުއްވަމުން އަލީ އަހުމަދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ ތިން ބައިކުޅަ ދެބައި ދިވެހިންގެ އަތްމައްޗަށް އަރާފައިވީ ނަމަވެސް ހަރުދަނާ ގޮތެއްގައި ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދެވޭނީ ސައްތައިން ސައްތަ ދިވެހިންގެ އަތްމައްޗަށް އެކަން އަރައިގެން ކަމަށެވެ. ބިލު ހުށަހެޅުއްވީ އަލީ އަހުމަދު ކަމަށް ވިޔަސް، އެކަމުގެ ފަހަތުގައި ހުންނެވީ ހެންވޭރުގެ އަނެއް މެމްބަރު ނާސިރުކަން އެންމެންނަށް އެނގެ އެވެ.

ބިލުގައި ބިދޭސީ ވިޔަފާރިވެރިންނޭ ބުނެފައި އޮތް ނަމަވެސް އެ ބިލު އަމާޒުވަނީ ރާއްޖޭގެ އިގުތިސާދު ބަނޑުދަށު ލައިގެން ތިބޭތާ އޭރު ގަރުނެއް ވާން ކައިރިވެފައިވާ ވޯރާ ވިޔަފާރިވެރިންނަށް ކަން ވެސް އެންމެންނަށް އެނގެ އެވެ.

އަލީ އަހުމަދު ލައްވައި ނާސިރު ހުށަހެޅުއްވި ބިލަކީ އެ މީހުން ރާއްޖޭން ފޮނުވާލަން އޭނާ އެޅުއްވި ފުރަތަމަ ފިޔަވަޅެވެ. އެރޭގެ ޖަލްސާގައި ބަހުސް ކުރައްވަމުން އަލީ އަހުމަދު ދެއްކެވި ވާހަކަތަކަކީ ނާސިރުގެ ހިތްޕުޅުގެ އުދާސްތަކެވެ. ވޯރާއިންނަށް އިޝާރާތް ކުރައްވައި އަލީ އަހުމަދު މެމްބަރުންގެ ކިބައިން އެއްސެވީ ދިވެހިންނަށް ދަތި ހާލެއް، ނިކަމެތި ކަމެއް ޖެހުނު ވަގުތެއްގައި އެބައި މީހުން އެހީއެއްވި ތޯ އެވެ؟

"ރައްޔިތުންގެ އަތުން ހަ ރުފިޔާ އަށް މަސް ހަންދަރެއް ނުގަތް ހަނދާނެއް އަޅުގަނޑުމެން ނެތުނީ ބާވަ އެވެ؟ އަޅުގަނޑު ދެނެހުރި ގޮތުގައި އެބައި މީހުންނަށް ރާއްޖޭން ލިބުނު ފައިދާ އެބައި މީހުން ކުރެން އަޅުގަނޑުމެންނަށް ލިބުނު ފައިދާ އަށް ވުރެ ބޮޑެވެ،" އަލީ އަހުމަދު ވިދާޅުވި އެވެ.

މާލޭ ބާޒާރުގައި ހުރި ވޯރާއިންގެ ފިހާރައެއް (ކ).

އޭރު ރާއްޖޭގެ ސިޔާސީ އުދަރެހުން އަރަމުން އައި އެ އަލިގަދަ ތަރީގެ މި ބާރުއެޅުއްވުމާ އެކު، ހާޒިރުވެވަޑައިގެން ތިއްބެވި 37 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓާ އެކު ބިލު ފާސްވި އެވެ. އެ ޚަބަރު ލިބިވަޑައިގަތުމާ އެކު، ސިލޯނުގައި ހުންނެވި ބޮޑުވަޒީރު ކިލެގެފާނު ވަގުތުން ރާއްޖެ ވަޑައިގެންނެވި އެވެ. އަދި ވޯރާ އިން ހަ މަސް ތެރޭ ފޮނުވާލަން ފާސްކުރި ގާނޫނު، ބާތިލުކުރުމަށް ވަގުތުން ބިލެއް ހުށަހެޅުއްވި އެވެ. އަދި ބޮޑުވަޒީރު އިސްތިއުފާ ދެއްވަފާނެ ކަމުގެ ބިރަށް ގިނަ މެމްބަރުން ވޯޓު ދެއްވީ، ކުރީގެ ނިންމުން ބަދަލުކުރާށެވެ. ނާސިރު އިތުރު ވާހަކަފުޅެއް ނުދައްކަވައި ހަތިޔާރު ބެހެއްޓެވީ އެވެ.

އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން ނާސިރު ނުކުންނެވީ ސީދާ ބޮޑުވަޒީރާ ދެކޮޅަށެވެ. ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި ބޮޑުވަޒީރުގެ އަމަލުފުޅުތަކުގެ ސަބަބުން ރާއްޖެ އަށް ލިބެމުންދާ ގެއްލުން ބޮޑެވެ. އައްޑު އަތޮޅުން ބައެއް އިނގިރޭސިންނަށް ދެއްވަން ނިންމެވުމެވެ. ވޯރާއިންގެ ދިފާއުގައި ތެދުވެވަޑައިގަތުމެވެ.

ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި އެއީ ބޮޑުވަޒީރު މަގާމު ދޫކޮށްލަން ޖެހޭ ވަރުގެ ކަންކަމެވެ. އެކަމުގައި ގިނަ އަދަދެއްގެ ޒުވާނުން ދިޔައީ ނާސިރާ އެއްކޮޅަށް މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން އެ ހުރިހާ ޕްރެޝަރަކާ އެކު، ކިލެގެފާނު އިސްތިއުފާ ދެއްވީ އެވެ. ސިއްހީ ހާލުކޮޅު އުޒުރަކަށް ދެއްކެވުމަށް ފަހު އެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި އެއީ ނާސިރު ސިޔާސީ ގޮތުން ކުރިއެރުން ހޯއްދަވަން ކުރެއްވި ކަމެކެވެ. ކަންވީ ވެސް އެހެންނެވެ. ކިލެގެފާނަށް ފަހު، ރާއްޖޭގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ނާސިރަށެވެ. އެކަމަކު ބާރު ލިބިވަޑައިގަތުމުން، އެ މަނިކުފާނުގެ މިސްރާބު ބަދަލެއް ނުކުރައްވަ އެވެ. މަސައްކަތް ފެށްޓެވީ، އޭރު އަޑުއުފުލެއްލެވި ކަންކަން ހަގީގަތަކަށް ހެއްދެވުމަށެވެ.

އެންމެ ފުރަތަމަ ހައްލުކުރެއްވީ ވޯރާއިންގެ މައްސަލަ އެވެ. މި ފަހަރު މަޖިލީހަށް މައްސަލައެއް ނުވައްދަވަ އެވެ. ނެރުއްވީ އިއުލާނެކެވެ. އޭގައި އޮތީ މޭ 1، 1962 އިން ފެށިގެން ވޯރާ އިންނަށް ރާއްޖޭން އެކްސްޕޯޓް ކުރެވޭނީ އެ މީހުން އަމިއްލަ އަށް އުފައްދާ ތަކެތި ކަމަށާއި އެކްސްޕޯޓް މުދާ ދިވެހީންގެ އަތުން ގަނެގެން ބޭރުކުރުމަކީ މަނާކަމެއް ކަމަށެވެ. ކަން ދިމާކުރި ގޮތުން ބޮޑުވަޒީރު ނާސިރުގެ ފަރާތްޕުޅުން އެ އިއުލާނުގައި ސޮއިކުރެއްވީ، ވޯރާ އިން ބޭރުކުރަން ނާސިރުގެ ފަރާތްޕުޅުން ބިލު ވެސް ހުށަހެޅުއްވި އަލީ އަހުމަދެވެ.

އެހެންކަމުން އެ އިއުލާނުގެ މުއްދަތު އެ އަހަރުގެ ޖުލައި 31 އަށް ހަމަވުމުން ޖެހިގެން އައި އޮގަސްޓް 1 ގައި ނެރުއްވި އިއުލާނުގައި އޮތީ މުދާ އެކްސްޕޯޓް ކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ އެއްގޮތަށް ވޯރާއިން މަސައްކަތް ނުކުރުމުގެ ސަބަބުން މިއަދުން ފެށިގެން އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އެ މީހުންނަށް ބާތިލްވީ ކަމަށެވެ. އަދި އެކްސްޕޯޓް މުދާ އުފައްދަން އެއްވެސް މީހަކު މަސައްކަތް ނުކުރާތީ މުއްދަތު އިތުރުކުރުމުގެ ހައްގެއް ނެތް ކަމަށާއި އެއާ އެކު، ރާއްޖޭގައި ވޯރާ އިންނަށް އެއްގޮތަކަށް ވެސް ވިޔަފާރިކުރުން މަނާވީ ކަމަށެވެ. އެ ހިސާބުން ވޯރާ އިން ރާއްޖެ ދޫކޮށް ދިޔަ އެވެ. ރާއްޖެ އަށް އިގުތިސާދީ މިނިވަންކަން ލިބުނީ އެވެ. ދެން އެ މަނިކުފާނު ފެށްޓެވީ އިނގިރޭސިންގެ އަތުން މިނިވަންކަން ހޯއްދެއްވުމުގެ މަސައްކަތެވެ. އެގޮތުން 1960ގެ އަހަރުތަކުގައި ތިން ފަހަރެއްގެ މަތިން އެކަމުގެ މަޝްވަރާ އިނގިރޭސިންނާ ކުރެއްވެވި އެވެ. ނަމަވެސް، އެކަން ސީރިއަސްކޮށް ފެށްޓެވީ އިނގިރޭސިންގެ މަދަދާ އެކު، ދެކުނުގެ ތިން އަތޮޅުން ވަކި ދައުލަތެއް އުފައްދަން ކުރި މަސައްކަތަށް ފަހު އެވެ.

އެކަން ފެއިލްވުމުން އެ ދައުލަތުގެ ލީޑަރު އައްޑު އަތޮޅު ހިތަދޫ އަބްދުﷲ އަފީފް ދީދީ އަށް ހިމާޔަތްދިނުމަށްޓަކައި، އިނގިރޭސީން 1963 ގައި އޭނާ ސީޝެލްސް އަށް ގެންދިޔައީ އެވެ. އެ މައްސަލައިގައި އިނގިރޭސި ސަފީރު އަރިހު ނާސިރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި ހުރި ދިވެއްސަކު ދިވެހި ސަރުކާރާށް ނޭގި އެގޮތަށް ނުގެންދެވޭނެ ކަމަށެވެ. ނާސިރު ވަރަށް ހަރުކަށިކޮށް އެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމުން އިނގިރޭސި ސަފީރު ވަރަށް ބޮޑަށް ކޯފާ އިސްވި އެވެ. ވިދާޅުވީ ދިވެހީން ތިބީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ކަމަށް ވުމުން، ބޭނުންތަނަކަށް ގެންދެވޭނެ ކަމަށެވެ.

ނާސިރު (ކ) އެމެރިކާގެ ނޫސްވެރިޔާ އެލިޒަބަތު ކޯލްޓަން އަށް އިންޓަވިއުއެއް ދެއްވަނީ.

އެ ހިސާބުން ނާސިރު ވިދާޅުވީ ހިމާޔަތުގެ އެއްބަސްވުން އުވާލައި، ފުރިހަމަ މިނިވަންކަން ދިނުމާ ބެހޭ ގޮތުން ވާހަކަ ދައްކަން އެއްބަސް ނުވަނީސް ދެން އިނގިރޭސީންގެ އެއްވެސް މަންދޫބަކާ އެ މަނިކުފާނު ބައްދަލުނުކުރައްވާނެ ކަމަށެވެ.

ޖެހިގެން އައި އަހަރު، ކޮޅުނބުގައި، ރާއްޖެ އާއި އިނގިރޭސީންނާ ދެމެދު މިނިވަންވުމުގެ މަޝްވަރާތައް ފެށި އެވެ. އެކަމަށްޓަކައި، އިނގިރޭސި ދައުލަތުން ޑްރާފްޓް އެއްބަސްވުމެއް ހުށަހެޅީ އެވެ. މަޝްވަރާކުރަމުން ދިޔައީ އޭގައި ހިމެނޭ ކޮންމެ މާއްދާއަކަށް ވަކިވަކިންނެެވެ. ރާއްޖޭގެ ފަރާތުން ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވީ ސިލޯނުގައި ހުންނަވާ ދިވެހި ސަފީރު އަބްދުއްސައްޔާރު މޫސާ ދީދީ އާއި ސެކްރެޓަރީ ކަނޑި އަހުމަދު އިސްމާއީލް މަނިކެވެ. ނަމަވެސް މާލޭގައި ހުންނަވައިގެން އެ މަޝްވަރާތައް ލީޑުކުރެއްވީ ހުދު ނާސިރެވެ.

"ކޮންމެ ދުވަހަކުހެން ނޫނީވިއްޔާ ދެން އެއްބަސްވެވޭ ދުވަސްތަކެއްގައި މަޝްވަރާ މެދުވެރިކޮށް ނާސިރަށް ދަންނަވާ ނާސިރުގެ އިރުޝާދު ލިބުމުން އަނެއްކާ ވެސް އަނެއް ބައްދަލުވުން ބާއްވަމުން ގޮސް 1963 ގައި، 1964 ގައި ވެސް ހަމަ އެގޮތަށް މަޝްވަރާކުރެމުން ދިޔަ އެވެ،" އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވެފައިވެ އެވެ.

ނާސިރު ވަނީ، ރާއްޖެ އަށް ހުރިހާ ގޮތަކުން މިނިވަންކަން ލިބޭނެ ގޮތަކަށް އެއްބަސްވުން ބައްޓަން ކުރެއްވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިފަ އެވެ. ރާއްޖޭގެ އިގްތިސާދީ ސަަރަހައްދު ކޮންޓްރޯލް ކުރަން އިނގިރޭސީންނަށް ލިބިފައި އޮތް މާއްދާގެ މަޝްވަރާ ވަރަށް ދިގުލައިގެން ދިޔަ އެވެ.

މަޝްވަރާތައް ކުރިއަށް ދިޔައިރު، ނާސިރު ދެން އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ، ރާއްޖޭގެ އަމިއްލަ އެއާޕޯޓެއް ހެދުމަށެވެ. ހުޅުލޭގައި އޭރު ދަގަނޑު ފިލާ އަޅައިގެން ހަދާފައި އޮތީ އިނގިރޭސީންގެ ސްޓޭޝަނެއް ކަމުން، އަދި އިނގިރޭސީން އެތަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުން ދާތީވެ، ނާސިރު ދެކެވަޑައިގެންނެވި ގޮތުގައި އަމިއްލަ އެއާޕޯޓެއް އެޅުމަކީ، މިނިވަންކަމަށްޓަކައި ކުރަން ޖެހޭ މުހިއްމު ކަމެކެވެ. އެކަން ކުރައްވަން ނާސިރު ނިންމެވި ހާދިސާ ގުޅެނީ، ދިވެހި ސަރުކާރުގެ ވަފުދެއް ސިލޯނަށް ދިއުމަށްޓަކައި އިނގިރޭސިން ގާތު އެދުމުން އެކަމަށް އިޖާބަ ނުދިނުމާ އެވެ.

ނާސިރު ހުޅުލޭ އެއާޕޯޓް ހަދަމުންދިޔަ ދުވަސްވަރު މަސައްކަތް ބައްލަވާލައްވަނީ.

އޭރު ރާއްޖޭން ބޭރަށް ދަތުރެއް ކުރެވެން އޮންނަނީ ހަމައެކަނި އިނގިރޭސީންގެ މަތިންދާބޯޓެއްގަ އެވެ. އަދި ހުޅުލޭ ސްޓޭޝަނަށް އެހެން ބޯޓެއް ވެސް ޖެއްސޭނީ އިނގިރޭސީން ހުއްދަ ދިނުމުންނެވެ. އެ ފަހަރު ސިލޯނަށް ދިއުމަށް އިނގިރޭސީންގެ އެހީތެރިކަން ނުލިބުމުން. ނާސިރު ކުރެއްވި ކަމަކީ އެއާ ސިލޯނުގެ ބޯޓެެއް ޗާޓަރު ކުރެއްވުމެވެ. އެކަމަކު އިނގިރޭސީން އެންގީ، ހުޅުލެ އަށް އެ ބޯޓު ނުޖެއްސޭނެ ކަމަށެވެ. ނަމަވެސް ބޯޓުގެ ކެޕްޓަނަށް ނާސިރު އެންގެވީ، ރާއްޖޭގައި އޮންނާނީ، ދިވެހީންގެ އެއާޕޯޓެއް ކަމަށާއި، އެތަނަށް ބޯޓު ޖެއްސޭނެ ކަމަށެވެ.

އެއާ އެކު، އޭޕްރިލް، 27، 1964 ގައި ސަރުކާރުން އިއުލާނެއް ނެރުނެވެ. ހުޅުލޭގައި ދިވެހީންގެ އަމިއްލަ އެއާޕޯޓެއް ހެދުމަށް، ފައިސާގެ ގޮތުންނާއި، ތަކެތީގެ ގޮތުންނާއި މަސައްކަތުގެ ގޮތުން އެހީތެރިކަން ބޭނުންވާ ކަމަށް ބުނެ އެވެ. އެކަމަށް އެތައް ބަޔަކު އެއްބާރުލުންދިނެވެ. އަދި ދަގަނޑު ފިލާތައް ނައްޓައި، އިނގިރޭސީންގެ ސްޓޭޝަން ރޫޅާލުމަށް ފަހު، ދިވެހީންގެ އަމިއްލަ މަސައްކަތުން އެއާޕޯޓެއް ހެދި އެވެ.

ނަތީޖާއަކަށްވީ، ޖެހިގެން އައި އަހަރު، އިނގިރޭސިންގެ އަތުން މިނިވަންކަން ލިބި، އެކަމަށް އެއް އަހަރު ފުރުނުއިރު، ރާއްޖޭގައި އަމިއްލަ އެއާޕޯޓެއް އޮތުމެވެ.

ހަމައެކަނި އެޔެއް ނޫނެވެ. ރާއްޖޭން އަމިއްލަ ޝިޕިން ލައިނެއް އުފަންކުރި އެވެ. ޓޫރިޒަމް ތައާރަފުކުރި އެވެ. މަސްވެރިކަން ފުޅާކުރި އެވެ. ތައުލީމު އާލާކުރި އެވެ. ނާސިރު ސާބިތުކޮށްދެއްވީ، އިނގިރޭސީންގެ އެހީއާ ނުލާ ވެސް، ނުވަތަ މިނިވަން ގައުމެއްގެ ގޮތުގައި އޮވެމެ ވެސް ރާއްޖެ އަށް ތަރައްގީ ހޯދޭނެ ކަމެވެ. އެ މަނިކުފާނަކީ އަބަދުވެސް، ކޮންމެކަމެއްގައި ވެސް މިނިވަންކަމުގެ ފިކުރު އިސްކުރެއްވި ލީޑަރެކެވެ.

18 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 6%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުންދުސީ ޕަރްވީން ބަބީ

27 July 2025

އހަރެމެން ދިވެހިި އިގިރޭސިން ލިޔަން 'ލެޓިން' އަކުރު ތައް ނުވަތަ އިގިރޭސިން ދިވެހި ލިޔާނެ ގޮތް ތައާރަފް ކުރީ ވެސް ނާސިރު

The name is already taken The name is available. Register?

އަސްލު

28 July 2025

އެއީ އަހްމަދު ޒަކީއާއި އަހްމަދު ހިލްމީދީދީގެ އުފެއްދުމެއް. މި ދެބޭފުޅުން ސަފީރު ކަމުގައި ތިއްބެވި ދުވަސްވަރު ލެޓިން އަކުރުން ލިޔެ ސިޓީ ފޮނުވަން ފެށީ. މައުމޫންވެސް ސަފީރަކަށް ހުންނެވި ދުވަސްވަރު ލެޓިން އަކުރުން ސިޓީ ލިޔުއްވި. އޭގެ ފަހުން ރަސްމީކޮށް ލެޓިން އަކުރު ނާސިރު ތައާރަފުކުރީ. ލެޓިން އަކުރުން ލިޔަން ގަވާއިދު ހެދި ކޮމިޓީގައި ވެސް މައުމޫން ހިމެނުއްވި.

The name is already taken The name is available. Register?

ނާސިރު/ޔާމީން

26 July 2025

ނާސިރަށްފަހު އެވަރުގެ ސިކުނޑިއަކަށް ދެން ފެނުނީ ޔާމީން. އެކަމަކު ނާސިރާ ދޭތެރޭ ތަކުރާރުވީ ކަންކަން ޔާމީނާ ދޭތެރޭވެސް ވަމުން މިދަނީ.

The name is already taken The name is available. Register?

މޮޑަން

26 July 2025

މިޒަމާނުގެ ކުދިންނަށް ނާސިރުގެ ސިފަ ކިޔައިދެންޏާ ބުނެވޭނީ އެއީ ޔާމީނޭ. ގޮތްދޫނުކުރުމާ ހަރުކަށިކަން އަދި ޚުދުމުހުތާރު ވެރިކަމެއް ކުރަން އުޅުން. އެކަމުގެ ތެރެއިންގޮސް މިނިވަންކަންވެސް ހޯދި. ޓޫރިޒަމްވެސް ތައާރަފްކުރި. އެކަމަކު ގިނަ ރިޒޯރޓްތަކަކީ އޭނަގެ ވިޔަފާރި. ދައުލަތުގެ ޚަޒާނާހުންނަނީ ވެލާނާގެ މޭޒެއްގެ މަތީގަ. ބުނަންޏާ ބުނެވޭނީ ދައުލަތް ހިންގީ އަމިއްލަ ކުންފުންޏެއް ހިންގާ ބީދައިން. މީހަކަށް ގެއިންބޭރުގަ ނާސިރޭވެސް ކިޔަން ނުކެރޭނެ. އެހާޚުދުމުހުތާރ

The name is already taken The name is available. Register?

މާކޮސް

27 July 2025

މިހާރު ފުރައްސާރަ ކުރުމުގެ އެދުވަސް ( ރަންނަބަނޑޭރި ކިލެގެފާނު އަށް )މާޒީވެ ގޮސްފި އަދި ތަކުރާރު ކުރުމަކުން ވާނެ އިތުރު ކަމެއް ނެތް ބަލައިގަނެ ކަމެއް ކޮށްދެވޭ ހާލަތެއްގައި ނޫން އެކަން އެއިރު ކުރުވި މީހާ ހުރީ އަކީ ކޮން ރައީސެއްތޯ ތިބުނާހައި ތާހިރީ ފުރަތަމަ ރައީސް ތުރުކުރައްވައިގެން ހުންނެވި ހެނދުންކޮޅު ބަލާލަބަލަ ރަންތިރީސް ކިހެނެއްތޯ ؟

The name is already taken The name is available. Register?

ސިކުނޑިއެއް

26 July 2025

ނާސިރުގެ ހުންނެވީ ބިޔޮންޑް ދަ ހޮރައިޒަން އަށް ވިސްނަވާ، ތޫނުފިލި ވުސްނުންފުޅަކާއި ސިކުނޑިއެއްކަން މިވަނީ މުޅި ދިވެހި ޤައުމަށް ސާބިތުކޮށްދީފައި.

The name is already taken The name is available. Register?

ހަސަދު

26 July 2025

އެނާސިރަސް ދިވެހިން ކަމް ކުރީ ކިހިނެތް. ކި ލަވަތައް ހަދާން އެބަހުރިތޯއެވެ.

The name is already taken The name is available. Register?

ސައިމާ

26 July 2025

ނާސިރަށްފަހު އެފަދަ ވަރުގަދަ ދެވަނައަކީ ޔާމީން. މިޒަމާނުގެ ވޯރާއިންގެ ނުފޫޒު ނައްތާލަން ހަރުދަނާ ބިންގާތަކެއް އެޅުއްވި. ހިތާމައަކީ އިބޫގެ ވެރިކަމުގައި އެ ބިންގާތައް ފަނާވާން ދޫކޮށް، ވޯރާއިންގެ އުނގަށް ވެއްޓުނުކަން. ނާސިރަކީ ހިތްވަރުގަދަ، ޖެހިލުމެއްނެތި ބަސްބުނި، ބަތަލެއް. ގައުމުގެ ކުރިމަގު ބައްޓަންކުރި، ދުރުވިސްނޭ ފަހުލަވާނެއް. މިނިވަންކަމަކީ މިފަދަ ފަހުލަވާނުންގެ މަތިވެރި ޖިހާދުގެ ނަތީޖާ.

The name is already taken The name is available. Register?

އަފްރާސިޔާބު

26 July 2025

ނާސިރު ކުޅަފަދަވެރިކަމެއް ޔާމީނަކަށްނުކުރެވޭ. އެއަށްވުރެއަމިއްލަ އެދުނ ބޮޑުވެރިއެއް ޔާމީނަކީ. ތެދެއް ނާސިރުގެވިޔަފާރިތައް މާލޭގައިހިނގި. ސަރުކާރުން ޑޮލަރު މާރުކުރާ އަގަކީ 3.93 ރުފިޔާ. ބީޗްކުރެސެންޓުން ޑޮލަރު ގަންނަރޭޓަކީ 7.50ރުފިޔާ. ނާސިރު އަމިއްލަ އަށް ވޭލަރުގައި ކައިރީގައިއޮތް "އޭނާ"ގެރިސޯޓަށް އޮފީސްނިންމާފައި ބައެއްދުވަހު ދަތުވެސްވެސް ކުރި. އެކަމަކުބޭރު ބަޔަކަށް އެއްވެސް ރަށެއް ވިއްކާލާފައި ނުވޭ. މީހާރު ގިރިއެއް ފަޅުވެސް100އަހަރަށްވިއްކާލާފައި

The name is already taken The name is available. Register?

ޝާމީނު

27 July 2025

ޔާމީނު އެޅި ކޮންމެ ބިންގަލަކުން ދިވެހިން ފިތުނީ ފުރީޓުރޭޑާއި އިކޮނޮމިކު ޒޯނާއި، ބޮޑެތިލޯނުތަކުން ދިވެހިން އަޅުވެތި ވުންނޫން ކަމެއްނުވި، ބޭރު މީހުންނަށް 99 އަހަރަށް ރާއްޖޭގަ ބިންތައް ލިބޭގގޮތަށް ހެދީވެސް ޔާމީނު

The name is already taken The name is available. Register?

ޖަގޭ

26 July 2025

ރ.ނާސިރު ގައުމު މިނިވަން ކުރެއްވީ އިގިރޭސިން އަތުން އެކަންޏެއްނޫން އެތެރޭގައި އުފެދުނު ވަރުގަދަ ނުރައްކާތެރި ބޮޑު ބަޣާވާތްތަކާވެސް އެކުގައި އެމަނިކުފާނަކީ، ރާއްޖެ އަދު މިދެކޭ ހުރިހާ ތަރަށްގީއެއްގެ ބިންގާ އެޅުއްވި މޭސްތިރި ދުރު ވިސްނުންފުޅުގެ ރާސްތާހުރީ 100 އަހަރުންވެސް މައްޗައް، ދެއްވީ ވަގައްގެ ލަގަބު ޢައްދާރެއްގެ ލަގަބު، ލޯމަރާލަން ޖެހުނީ އުފަން އެހާމެ ލޯބިވާ ފަސްގަޑުގައި ފައިބީއްސާލާނެ ފުރުސަތުވެސް ނުދީ، އުފަންވި އަމިއްލަ ގެ ޢަސްބުން ފޭރިގަތް

The name is already taken The name is available. Register?

ޗަކް

26 July 2025

އެއްވެސް ހަތިޔާރެއްނެތް ބައެއްގެ ބޮލަށް ބަޑިޖަހައި މަރާލުން ހާދަ ހިތްވަރުގަދަކަމެއްގެ ގޮތުގައި ތިސިފަކުރީ. ނާސިރަކީ ތިހާ ވިސްނުން ތޫނު މީހެއްނަމަ ގައުމު ނުހިންގޭނެހެން ހީވުމުން ދޫކޮށްލާފައި ނުދާނެ.

The name is already taken The name is available. Register?

އެކޮއި

26 July 2025

އެކަމަކު މި ޤައުމުގެ ކޯޓަކުން ދިވެއްސަކަށް ކުރި އެންމެ ވަރުގަދަ ހުކުމެއްކޮށްފައިވަނީ ނާޞިރަށް. 2 ބިލިޔަން ޑޮލަރުގެ ދަރަންޏެއް ނާޞިރުގެ މައްޗަށް ސާބިތުވާކަމަށް މިޤައުމުކެ ކޯޓަކުން ޙުކުމްކޮށް އެ މަނިކުފާނުގެ ހުރިހާ މުދަލެއް ދައުލަތަށް ނަގާ ތަރިކަމުދަލުން ދަރީން މަޙުރޫމްކޮށްފައިވާއިރު މީ މުޅި ޤައުމު ލަދުވެތިވާންޖެހޭ ކަމެއް. ނާޞިރަށް ފުރައްސާރަކޮށް ލަވަޔާ ބަންޖާއާ އަންބާކީވެސް ހަމަ ދިވެހީން. އެމަނިކުފާނުގެ ފާފަ ފުއްސަވާ ޢަފޫކުރައްވާށި. އާމީން.

The name is already taken The name is available. Register?

އާން ތެދެއް

26 July 2025

އެމަނިކުފާނުފެ ފާފަ ފުއްސަވާނދޭވެ. އާމީން.

The name is already taken The name is available. Register?

އޮޅުވައިނުލާ

26 July 2025

ރައީސް ކަމުގައި ނާސިރު ހުންނެވި ނަމަވެސް ސަރުކާރު ހިންގުން އަހްމަދު ޒަކީއާ ހަވާލުކުރައްވާފައި އޮތް ދުވަސްވަރެއް އޮތް. އެ ދުވަސްވަރު ހަރުދަނާ ޚާރިޖީ ސިޔާސަތެއް އެކަށައަޅައި ޓޫރިޒަމް، ސިއްހަތު، ތަޢުލީމު، ދަޑުވެރިކަން ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި. މިކަންކަމަށް ޔޫއެންގެ އެހީގައި 1 މިލިއަން ޑޮލަރުގެ ޕްރޮކެޓެއް 1973 ހިސާބުގައި ފެށްޓެވި. ތާރީޚު ލިޔަންވާނީ ތެދުވެރިކަމާއެކު.

The name is already taken The name is available. Register?

ބައިރަހާ

26 July 2025

އަޑުއަހާގޮތުގައި ކުއްލިޔަކަށް ނާސިރު ވެރިކަން ދޫކޮށްލަން ނިންމީ އޭނަ ފެށި ގިނަ ކަންކަން ކުރިޔަށް ގެންދެވިދާނެތޯ ސުވާލު އުފެއްދުމަށްފަހު.

The name is already taken The name is available. Register?

ކަހެރުވައް

26 July 2025

ކަން މިހެން ހުރުމުން މިހާރުގެ ސިޔާސީމީހުން މިނިވަންކަން ދަމަހައްޓަނީ އަނގައިން އެކަނި. އަމަލީގޮތުން ކުރަމުންދާ ކަމަކީ ނާސިރު ހޯދައިދިން މިނިވަންކަން ޒަމާނާ އެއްގޮތަށް ގެއްލުވާލުން. ނާސިރު ރާއްޖެ ދޫކޮށް ދިޔައީމާ ނާސިރުވަރުގެ ނުބައި ނުލަފާ މީހަކު ނެތްކަމަށް ހަދާ ނާސިރުއާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވާ ނާސިރުގެ ގުރުބާނީ ވަޅުލީ. މިއީ މިނިވަންކަމޭ ކިޔައިގެން މިއުޅޭ މިހާރުގެ ދިވެހިންގެ ހާލަތު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454