"ވަން ބެޓުލް އާފްޓާ އެނަދާ"ގެ މަންޒަރެއްގައި ހޮލީވުޑްގެ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯ.
28 ޖުލައި 2025 - 13:03
ހޮލީވުޑްގެ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯގެ އާ ފިލްމު "ވަން ބެޓުލް އާފްޓާ އެނަދާ"ގެ ޓްރެއިލާއެއް އާންމުކޮށްފި އެވެ.
ވޯނާ ބްރަދާސް އިން ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ އާންމުކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
"ވަން ބެޓްލް އާފްޓާ އެނަދާ" އަކީ އޮކްސާ އެވޯޑަށް ނޮމިނޭޓްވެފައިވާ އަދި ބާފްޓާ އެވޯޑު ކާމިޔާބުކޮށްފައިވާ ޑައިރެކްޓަރު ޕޯލް ތޯމަސް އެންޑަސަންގެ އެކްޝަން ތުރިލާއެކެވެ. އޭނާއަކީ "ބޫގީ ނައިޓްސް" އާއި "ދެއާ ވިލް ބީ ބްލަޑް" އަދި "ދަ މާސްޓަ" ކަހަލަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
އެންޑަސަން އެންމެފަހުން ގެނެސްދިން ފިލްމަކީ 2021 ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ޑްރާމާ "ލިކޯރައިސް ޕިއްޒާ" އެވެ.
މި އަހަރު އެންމެ އިންތިޒާކުރެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވަން ބެޓުލް އާފްޓަ އެނަދާ"ގެ ކާސްޓުގައި ލިއޮނާޑޯއާއެކު މުހިންމު ރޯލުތައް ކުޅެނީ ޓެނާޔާ ޓޭލާ، ޗޭޒް އިންފިނިޓީ، ބެނިކޯ ޑެލް ޓޯރޯ، ރެޖީނާ ހޯލް، ޝޯން ޕެން، އެލާނާ ހައިމް، ވުޑް ހެރިސް އަދި ޖެކް ޓްރޫޓް ހިމެނެ އެވެ.
އެ ފިލްމުގައި ދައްކާނީ އިންގިލާބަށް މަސައްކަތްކުރާ ގްރޫޕެއްގައި ހިމެނޭ މީހަކު އޭނާގެ ގެއްލިފައިވާ އަންހެން ދަރިފުޅު ހޯދުމަށް އިންގިލާބަށް މަސައްކަތްކުރާ އެހެން ގްރޫޕްތަކުން އެހީ ހޯދުމުގެ ތެރޭގައި ދިމާވާ ތަފާތު ކަންތައްތަކެކެވެ.
ލިއޮނާޑޯ އެންމެފަހުން ފެނުނީ 2023 ވަނަ އަހަރު ނުކުތް ފިލްމު "ކިލާސް އޮފް ދަ ފްލާވާ މޫން" އިންނެވެ. މާ ބޮޑު ތަރުހީބެއް ނުލިބުނު އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ފްލޮޕްވެފަ އެވެ.
"ވަން ބެޓްލް އާފްޓާ އެނަދާ" ޕްރިމިއާކުރަނީ އަންނަ ސެޕްޓެމްބަރު މަހު 24 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy