މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އިސްވެރިންނާއި އެތުލެޓިކްސް އެސޯސިއޭޝަން މޯލްޑިވްސްގެ އިސްބޭފުޅަކު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
29 ޖުލައި 2025 - 14:02
ދިރާގުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މި އަހަރުގެ ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލައިފި އެވެ.
މިކަން އިއުލާން ކުރަން ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއަހަރުގެ ދުވުމަށް މިހާރު ވެސް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އޭނާ އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް ޖާގަ ކަށަވަރު ކުރުމަށެވެ.
އޮކްޓޯބަރު 24 ގައި އޮންނަ މި އަހަރުގެ ދުވުމުގައި ދޫކުރާނީ 4،000 ޖާގަ އެވެ.
Dhiraagu Maldives Road Race - About us
Join the biggest annual running event in the Maldives - Dhiraagu Maldives Road Race 2025
މި ލިންކުން ދުވުމުގައި ރަޖިސްޓްރީކުރެވޭނެ.
މި އަހަރުގެ ދުވުން އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އާ ރޫޓެއް ހިމަނާފައިވާ ކަން ވެސް މިއަދު އިއުލާނު ކުރި އެވެ.
މި ރޫޓާ ގުޅޭ ގޮތުން މިރުޝާން ވިދާޅުވީ މިއީ، މިހާރުގެ ޓްރެފިކް ފްލޯއަށް ބެލުމަށް ފަހު، އެންމެ ރަނގަޅަށް ދުވުން ކުރިއަށް ގެންދެވޭނެ ގޮތް ބަލައި ކަނޑައެޅި ރޫޓެއް ކަމަށެވެ. އަދި މި ރޫޓަކީ ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސެޓިފައިޑް ރޫޓެއް ކަމަށް ވިދާޅުވި އެވެ.
މިރުޝާން ވިދާޅުވީ އޮފީސް/ރިސޯޓުތަކުން ބައިވެރިވެވޭ ގޮތަށް ހަތަރު މީހުންގެ ޓީމު ހިމެނޭ ކޯޕަރޭޓް ޓީމުތަކުގެ ކެޓަގަރީ މިއަހަރު ވެސް އޮންނާނެ ކަމަށެވެ. މިދިޔަ އަހަރު އަލަށް ތައާރަފްކުރި މި ކެޓަގަރީއަށް މިއަހަރު ވެސް ހޫނު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން (ވ) މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ހާފް މެރަތަންގެ ދުވުން މި އަހަރު ބާއްވަން ހަމަޖެހިފައި ވަނީ ދަންވަރު 2:30ގަ އެވެ. މި ރޭހުގެ 10ކޭ ދުވުން އޮންނާނީ ފަތިހު 5:30ގަ އެވެ. އަދި 5ކޭ ދުވުން އޮންނާނީ ހަވީރު 4:30ގަ އެވެ.
ދިރާގު މެނޭޖަރު، ބްރޭންޑް ނާޔާ ޝަރީފު ވިދާޅުވީ މިއަހަރު ހާފް މެރަތަން ދަންވަރު ބާއްވަން ނިންމީ، ބައެއް ދުވުން ތެރިން 5ކޭގައި ވެސް ބައިވެރިވުމުގެ ފުރުސަތަށް އެދެމުން އަންނާތީ ކަމަށެވެ. އަދި މި އަހަރުގެ ދުވުމަށް 280،000ރ. ޕްރައިޒް ޕޫލެއް ހުށަހަޅާފައިވާ ކަން ނާޔާ ފާހަގަކުރެއްވި އެވެ. އަދި ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން ދުވުންތެރިން ހޮވުމަށް ހަމަޖެހިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
މި ދުވުމުގެ ހާފް މެރަތަންގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 15،000ރ. ހުށަހަޅަފައި ވާއިރު 3 ވަނަ އަށް ހުށަހަޅާފައި ވަނީ 10،000ރ. އެވެ. މި ދުވުމުގެ 10ކޭ އަދި 5ކޭ އޯޕަން ކެޓަގަރީގެ އެއް ވަނަ އަށް ހުށަހަޅާފައިވަނީ 10،000ރ. އެވެ. ދެ ވަނަ އަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 6000ރ. އެވެ.
މި ދުވުމުގެ ސްކޫލްތަކުގެ 13 އަހަރުން ދަށުގެ ކެޓަގަރީ އާއި 13 އަހަރުން މަތީގެ ކެޓަގަރީގެ އެއް ވަނަ އަށް ހުށަހަޅަފައި ވަނީ 5،000ރ. ވައުޗަރެވެ. މި ކެޓަގަރީތަކުގެ ދެ ވަނަ އަށް 3000ރ. ވައުޗަރެއް ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 1،000ރ. ވައުޗަރެކެވެ. އަދި ރިސޯޓު/އޮފީސް ޓީމުތަކުގެ ޗެމްޕިއަން ޓީމަކަށް 10،000ރ. ހުށަހަޅާފައި ވާއިރު ރަނާއަޕްއަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. އަދި ސެކަންޑް ރަނާއަޕްއަކަށް 6،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރު ވެސް ދިރާގު ރޯޑް ރޭސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޝިއާރާ އެކުގަ އެވެ. މި ދުވުމުގައި މި އަހަރު ވެސް 13 ޖަމިއްޔާއަކުން ބައިވެރިވެ އެވެ. އަދި މި ތަނުން އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ އިތުރުން ކޮންމެ ރެޖިސްޓްރޭޝަނަކުން 100ރ. އާއި ސްޕެޝަލް ބިބްތަކުގެ ފައިސާ ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިހާރު ރެޖިސްޓްރީ ވާއިރު، ދުވުންތެރިން ބޭނުން އެންޖީއޯ ނޮމިނޭޓުކުރެވޭނެ އެވެ.
އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް އެންޖީއޯއަށް ދެ ލައްކަ ރުފިޔާގެ ފައިސާގެ އެހީ ލިބޭނެ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy