ބެންޖަމިން ސެސްކޯ: އޭނާ ގަންނަން ޔުނައިޓެޑުން ޝައުގުވެރިވޭ --- ފޮޓޯ: ގެޓީ އިމޭޖަސް
31 ޖުލައި 2025 - 10:39
ފަސް އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑުން ސޮއި ކުރުވަން މަސައްކަތް ކުރި ބެންޖަމިން ސެސްކޯ އަށް އެ ކްލަބުން އަނެއްކާވެސް ފާރަލާން ފަށައިފި އެވެ.
ޖޫން 2019 ގައި އޭރު އުމުރުން 16 އަހަރުގެ ސެސްކޯ ސޮއި ކުރުވަން ޔުނައިޓެޑުން މަސައްކަތް ކުރި އިރު އޭނާ ކުޅެމުން ދިޔައީ އަމިއްލަ ގައުމު ސްލޮވޭނިއާގެ ކްލަބް ޑޮމްޒޭލްގެ ޔޫތު ޓީމަށެވެ. އޭރު އޭނާގެ ޓްރާންސްފާގެ އަގަކަށް ޔުނައިޓެޑުން ހުށަހެޅީ 3.1 މިލިއަން ޑޮލަރެވެ. އެ އަގާ މެދު ޑޮމްޒޭލުން ވެސް ހިތްހަމަޖެހުނެވެ.
ދެ ކަލްބުން ވާހަކަތައް ފެށި ނަމަވެސް ދެން ކުރިމަތިވީ އެހެން މައްސަލައެކެވެ. ރެޑްބުލް ސަލްސްބާގްގެ ސްކައުޓް ޑިޕާޓެމެންޓްގައި މަސައްކަތް ކުރާ މުވައްޒަފަކު އަޑުފަތުރާލީ ސެސްކޯއަކީ ނޯވޭގެ އާލިން ހާލަންޑަށް ވުރެ ވެސް މޮޅު ކުޅުންތެރިޔަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެ ވާހަކަތަކުގައި ސްލޮވޭނިއާގެ ކްލަބުން ޖެހި ޔުނައިޓެޑުން ހުށަހެޅި އަގު ކުޑަކަމަށް ބުންޏެވެ. ޓްރާންސްފާގެ ވާހަކަތައް ވެސް ހުއްޓާލީ އެވެ. އޭނާގެ ސޮއި ކުރުވީ ސަލްސްބާގުންނެވެ.
ޖޫން 2023 ގައި ސަލްޒްބާގުން އޭނާ ވިއްކާލީ ރެޑްބުލް ގުރޫޕްގެ އަނެއް ކްލަބް، ލައިޕްޒިގަށެވެ. އެ ޓްރާންސްފާ އަށް 27 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ.
މިހާރު އުމުރުން 22 އަހަރުގައި ސެސްކޯގެ އަގު އުޅެނީ 75 މިލިއަން ޑޮލަރަށް ވުރެ ވެސް މަތީގަ އެވެ. އޭނާގެ ޓްރާންސްފާ އަށް ވާދަކުރަން އޮތް ކްލަބްތަކުގެ އަދަދު ވެސް އިތުރު ވެއްޖެ އެވެ.
ޔުނައިޓެޑްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑުން ވެސް ސެސްކޯ ގެންދަން ޝައުގުވެރި ވެއެވެ. އެ ޓީމުގެ އެލެގްޒެންޑާ އިސާކް ލިވަޕޫލަށް ބަދަލުވާން އުޅޭތީ، ސެންޓަ ފޯވާޑްގެ މަގާމަށް ނިއުކާސަލުން ބޭނުންވާ ކުޅުންތެރިޔަކީ ސެސްކޯ އެވެ.
ޔުނައިޓެޑުން މިހާރު ވެސް ވަނީ އެޓޭކިން ޑިޕާޓްމެންޓަށް އާ ދެކުޅުންތެރިން އިތުރުކޮށްފަ އެވެ. ވްލްވާހެމްޓަން ވޮންޑާސްގެ ކުރީގެ ކުޅުންތެރިންތާ މެތިއުސް ކޫނާ އާއި ބްރެންޓްފޯޑްގެ ބްރަޔަން އެމްބާމޯ ސޮއި ކުރުވިޔަސް ސެންޓަ ސްޓައިރެއް ޔުނައިޓެޑުން ބޭނުންވެ އެވެ.
މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި ސްޓައިކަރަކު ސޮއި ކުރުވާނަމަ، ޔުނައިޓެޑުން ސޮއި ކުރުވާނީ ސެސްކޯ ކަމަށް އެ ކްލަބްގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.
ސެސްކޯ ވަނީ ލައިޕްޒިގަށް ކުޅުނު 87 މެޗުގައި 39 ގޯލް ޖަހައިފަ އެވެ. ސްލޮވޭނިއާގެ ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 18 އަހަރު ފުރުނު ދުވަހު ނޫން އަނެއް ދުވަހު އެވެ. މިދިޔަ އަހަރުގެ ޔޫރޯގައި ވެސް ކުޅުނު ސެސްކޯ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 41 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy