އޮޅުހިޔާއަށް ގެންދަން މާލޭ މެރީ ބްރައުން ސަރަހައްދުން ބުޅާތަކެއް ނަގައިފައި.-- ފޮޓޯ: ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ
02 އޯގަސްޓް 2025 - 22:55
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ"ގެ ކަރަންޓީން ބައިގެ ޖާގަ ބޮޑުކޮށް، އިތުރު 75 ބުޅާ އެ ފެސިލިޓީއަށް ގެންގޮސްފި އެވެ.
ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ސަރުކާރު ވެބްސައިޓުގައި މިރޭ ބުނީ އޮޅުހިޔާގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށްފައި ވާތީ، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ވިއްސާރައާ ގުޅިގެން އެ މަސައްކަތް މެދުކެނޑާލުމަށް ފަހު މިއަދު އަލުން ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އޮޅުހިޔާ ހުޅުވިއިރު، އެތަނުގެ ކަރަންޓީން ޖާގައިގައި ކަރަންޓީން ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަމަށެވެ. އެހެންވެ، އޭރު ކޮށިތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވެއްދި ކަމަށާއި އޭގެ ފަހުން ވެސް އެކި ފަހަރު މަތިން ބުޅާތައް އެ ފެސިލިޓީއަށް ނަގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަރަންޓީނުގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހޭތީ، އޮޅުހިޔާގެ ޖާގަ އެކި ފަހަރު މަތިން އިތުރުކުރަމުން ގޮސް މިހާރު އެއް ފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެ ވަރަށް ޖާގަ އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޮޅުހިޔާއަށް ގެންދަން ހުޅުމާލޭގެ ތަނަކުން ބުޅާތަކެއް ނަގަނީ.-- ފޮޓޯ: ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ
މިނިސްޓްރީން ބުނި ގޮތުގައި، އޮޅުހިޔާއަށް އިތުރު ބުޅާ ނެގުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 28 ދުވަހު އެވެ. ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތް މެދުކަނޑާލުމަށް ފަހު މިއަދު އެ މަސައްކަތް އަލުން ފެށިއިރު ކަރަންޓީނުގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ ވަނީ ކޮށިތަކަށް ބަދަލުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގެ މަގުތަކުން ޖުމްލަ 75 ބުޅާ މިހާރު ވަނީ އެ ފެސިލިޓީއަށް ނަގައިފަ އެވެ.
މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިއަދު ބުޅާތައް ފެސިލިޓީއަށް ނަގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މިވަގުތު އޮޅުހިޔާގައި ތިބި ބުޅަލުގެ ޖުމްލަ އަދަދަކީ 112 އެވެ. އެއީ ކަރަންޓީނުގައި ތިބި ބުޅާތަކާއި ކޮށީގައި ތިބި ބުޅާތައް ހިމެނޭހެންނެވެ.
މާލޭގެ އެކި ތަންތަނުން ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މާދަމާ ވެސް ކުރާނެ ކަމަށާއި، ކަރަންޓީން މަރުހަލާ ނިމުމަށް ފަހު ބުޅާތައް ލާން ޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން ހެދި އޮޅުހިޔާ ހިންގުމުގެ ކަންކަން ކުރިއަށް ގެންދަން ކުރިން ނިންމީ ކައުންސިލުންނެވެ. ނަމަވެސް، އެތަން ހިންގުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް މިދިޔަ ޑިސެމްބަރު މަހު އެންގުމުން، އެތަން މިހާރު ބަލަހައްޓަމުން އަންނަނީ އެ މިނިސްޓްރީންނެވެ.
މިނިސްޓްރީއާ ގުޅިގެން އޮޅުހިޔާ ހިންގާނެ ބަޔަކު ހޯދަން މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި އެ މަސައްކަތަށް ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓްރީން "މިހާރު"އަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުޅާހިޔާ
04 August 2025
އޮޅުހިޔާ ހެދީ މާލެސަރަހައްދުގައި އުޅޭ 3000 ބުޅާ އެތަނަށް ގެންދިއުމަށެވެ. އެތަނަށް ދިހަވަރަކަށް ބުޅާ ނުގެންދެވެނިސް އެތަނުގެ ޖާގަ ބޮޑުކުރަށް މިޖެހުނީ ކިހިނެއްވެގެންކަން ސާފުކޮށް ބުނެދީބަލާށެވެ.
ބުޅާކާނާ
03 August 2025
މީދާތައްވެސް ހިފައިގެން ގެންގޮސް ތިޔަތަނަށް ލާންވީ. އަމިއްލައަށް ޝިކާރަކޮށްގެން ކާން ދަސްވާނެ އޭރުން. ކިތަންމެ ލޯބިވިއަސް ބުޅަލަކީ ހަމަ ޖަނަވާރެއް. ޝިކާރަކުރަން ނުދަންނަނަމަ ތިޔަ ހިޔާ ނެތޭ ދުވަހަކުން ނޭނގޭނެ އަމިއްލައަށް ކާނާ ހޯދާނެ ގޮތެއް
އެކޮއި
03 August 2025
ބޮޑު ޚަރަދުކޮށްގެން ގެންގުޅެންޖެހޭއެއްޗެއްތަ ތީ؟؟ މިޤައުމު މިއޮތީ އެފަދަ ޙާލަތެއްގައިތޯ؟ ޤައުމުގެ ދަރަނި އިންތިހާއަށް އަރަމުންދަނީ. ޤައުމުގެ ރައީސް ދުނިޔެ ބެލުމުގެ ދަތުރުތަކުގައި އަބަދު ޖައްވުގައި. ބުޅާ ފެސިލިޓީއަށް މިލިޔަނުން ޚަރަދުކުރަނީ. ޕްރޮޖެކްޓެއް އޮތިއްޔާ މަޖްލީހުގައި އުޅޭ ކުދިންގެ އަތްދަށުން ސަލާމަތެއްނުވޭ. ޑޮލަރެއް ގަންނަން މިލިބެނީ 20 ރުފިޔާއިން މަތިން. ތަކެތީގެ އަގު އޮބިނޯންނަވަރަށް އަރަމުންދަނީ. މިޤައުމަށް މިނޫންދުވަހެއް ދައްކަވާށި.
ބުޅާ ކޮއްތު ހަމަޖައްސާ ކުދިންނަށް
03 August 2025
ވެދުން ސަލާމަތްފަހު ދަންނަވަމެވެ. މަގުގައި މީހުން އާންމުކޮށް ބޭނުން ނުކުރާ ދިމަދިމާލުގައި އަދި ސައިކަލުތައް ޕާކުނުކުރާ ތަންތަނާ ދިމާލުގައި ކާއެއްޗެހި ބެހެއްޓުން އެދެމެވެ. އަދި 2 ފުޓޫޓޫ 2 ފޫޓުން މާގިނައިން ކާއެއްޗެހި ނޭޅުންވެސް އެދެމެވެ. މިގޮތަށް މި ދެންނެވީ ސައިކަލުގައި ބުޅާ ގުއި އަބަދުހުންނާތީ އާއި އޭގެ ނަޖިސް ދަރިންގެ ސްކޫލް ޔުނިފޯމާއި ގައިގަ ހޭކޭތީއާއި މުޅި ސަރަޙައްދު ބުޅާ ގުއިން ނަޖިސްވާތީ އާއި ބުޅަލައްވުރެ ގިނައިން ކާޅު ކާތަކެތި ކާތީވެއެވެ.
މޭޔަރު ޒިމް
03 August 2025
އާދަމް އާޒިމް ދެން ހަދަންވީނުން މަސްގެންގުޅޭ ތަނެއް!
ޖައިލަމ ސލޑ
03 August 2025
ބުޅާތައް މަގުމަތިން މަދުމިވަނީ ބުޅާތަކައް ފުރިހަމަ ރައްކާތެރި މާހައުލެއް މި ސަރުކާރު ގާއިމް ކުރުމުން.
ޑރ ބުރާންތި
03 August 2025
މި ގައުމު މިއޮތީ ސައިކިއެޓްރިސްޓަކަށް ދައްކަން ޖެހިފައި
ށސ11
03 August 2025
ހެޔޮނުވާނެ. ކާންޖެހޭ ބޭސް މިއުޅެނީ މިތާ އަތްފުނާ އަޅައިގެން ނުލިބިގެން. މިކަން ހައްލުވާނީ ކޮންޒަމާނަކުންތަ؟
އަތްލޮބް
03 August 2025
މީގެ ސަބަބުން ދެން މަގުން ގުއި ވަހާ އެއްޗެސް ނުދުވާނެ. ނިކަން އުފާވެއްޖެ
ސިއްބަތް އަޒީޒް
03 August 2025
މިހެންވެ ދޯ ބުޅާ މަދީ މިހާރު މަގުމަތިން. ނިކަން އުފާވެއްޖެ
ޖަލީލީ
03 August 2025
ޗައިނާ މީހުންނަށް ބުޅާ ވިއްކޭނެ މަގެއް ހޯދަންފެނޭ. އޭރުން ދަތިވެފައިވާ ރާއްޖޭގެ އިގުތިސާދަށް އިތުރު އާރޯކަމެއްވެސް ލިބޭނެ.