ވިޔަފާރި / ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ

ޓޫރިޒަމްގެ ބޭނުމަށް ދެން އިޝްތިހާރު ކުރެވޭނީ ހިންގުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން އެކަނި

ގެސްޓް ހައުސް އަށް ހާއްސަ ރަށުގެ ގޮތުގައި މަޝްހޫރު ވެފައިވާ މާފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު

05 އޯގަސްޓް 2025 - 08:51

2 comments

ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަން ހާއްސަ ގަވާއިދެއްގެ އިމުގެ ތެރޭގައި އިޝްތިހާރު ކުރެވޭނެ ގޮތް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައި އެ ގަވާއިދު އާންމުކޮށްފި އެވެ.

އެ މިނިސްޓްރީން ރޭ އާންމުކުރި ގަވާއިދުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ބޭރު ދުނިޔެ އަށް ރާއްޖެ އިޝްތިހާރު ކުރާއިރު، ތެދު އަދި ފުށުއެރުމެއް ނެތް މައުލޫމާތު ދޭކަން ކަށަވަރު ކުރުމާއި ޓޫރިޒަމްގެ މިންގަނޑުތަކުގެ ތެރޭގައި ޒިންމާދާރުކަމާ އެކު އިޝްތިހާރު ކުރުން ކަމަށެވެ.

އަދި ޑިޖިޓަލް މީޑިއާ އާއި އެކިއެކި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޓޫރިސްޓުންނަށް އޮޅުވާލައި، އެ މީހުންގެ ފައިސާ ނަހަމަ ގޮތުގައި ހޯދުމަށް މަސައްކަތްކުރުން ފަދަ ކަންތައްތަކުން އެ މީހުންނާއި ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ރައްކާތެރި ކުރުމަކީ ވެސް ގަވާއިދުގެ މަގުސަދެއް ކަމަށް ބަޔާން ކޮށްފައި ވެ އެވެ.

ގަވާއިދުގެ ތެރެއަށް ފެތެނީ:

1- ޓޫރިސްޓް ރިސޯޓް.

2- އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު.

3- ޕްރައިވެޓް އައިލެންޑް.

4- ޓޫރިސްޓް ހޮޓާ.

5- ޓޫރިސްޓް ގެސްޓް ހައުސް.

6- ޓޫރިސްޓް އުޅަނދު.

7- ޔޮޓު ބަނދަރު.

8- ފީނުމުގެ ހިދުމަތްދޭ ތަންތަން.

9- މޫދާއި މޫދާ ގުޅުން ހުރި ކުޅިވަރާއި ފެނުގައި ހިންގާ އެކި ކުޅިވަރުތަކާއި އެކްސްކާޝަންތަކުގެ ހިދުމަތްދޭ މަރުކަޒު.

އެކަމަކު، ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާ އެކު، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރަމުން އަންނަ ތަންތަން އިޝްތިހާރު ކުރުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު އެ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވެ އެވެ. އަދި ޓޫރިޒަމްގެ ބޭނުމަށް ހިންގުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ އެހެނިހެން ތަންތަނާއި ވަކިން ހިންގުމުގެ ހުއްދަ ދީފައިވާ ތަންތަން ވެސް މި ގަވާއިދުގެ ތެރެއަށް ފެތެ އެވެ.

ގަވާއިދުގައިވާ ގޮތުން ޓޫރިސްޓް ހިދުމަތްދޭ ތަންތަން ދެން އިޝްތިހާރު ކުރެވޭނީ ހިންގުމުގެ ހުއްދަ ހޯދައިގެންނެވެ. އެ ހުއްދަ ލިބޭނީ މިނިސްޓްރީން ކަނޑައަޅާ ޕޯޓަލެއް މެދުވެރިކޮށް ފޯމު ހުށަހަޅައިގެން ކަމަށް ގަވާއިދުގައި ވެ އެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރާ ތަންތަން އިޝްތިހާރު ކުރެވޭނީ ވަކި އުސޫލެއްގެ ތެރެއިންނެވެ. އެއީ:

1- މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ތަންތަން އިޝްތިހާރު ކުރަން ޖެހެނީ އެ ތަންތަން ކުއްޔަށް ދިނުމަށް މިނިސްޓްރީ އާއި ކުއްޔަށް ހިފި ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ދަރަޖަ ނުވަތަ ގިންތިއާ އެއްގޮތްވާ ގޮތުގެ މަތިން.

2- ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ނުވަތަ އަމިއްލަ ބިންތަކުގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރަމުން އަންނަ ތަންތަން އިޝްތިހާރު ކުރަން ޖެހެނީ މިނިސްޓްރީން ގަބޫލުކުރާ ދަރަޖަ ނުވަތަ ގިންތިއާ އެއްގޮތްވާ ގޮތަށް.

3- އިޝްތިހާރު ކުރުމުގައި އެ ތަނެއްގެ ދަރަޖަ ނުވަތަ ގިންތި ރަނގަޅަށް ދޭހަވާ ގޮތަށް މައުލޫމާތު ހާމަކުރުން.

ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން އިޝްތިހާރު ކުރުމުގައި ގެންގެންޖެހޭ އުސޫލުތަކުގެ ތެރޭގައި ތެދު އަދި ފުރިހަމަ މައުލޫމާތު ދިނުމާއި އިޝްތިހާރުތަކުގައި ހިމެނޭ ހިޔާލުތަކާއި ތަސައްވަރު ކޮށްދޭ ކަންކަމާއި މައުލޫމާތު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފެއްތުން ހިމެނެ އެވެ.

އިޝްތިހާރު ކުރަން ވާނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ތިމާވެށި ހިމާޔަތް ކުރުމުގައި އަދާކުރަންޖެހޭ ޒިންމާތަކުގެ އިމުގެ ތެރޭގަ އެވެ. ހާއްސަކޮށް ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނާ ބެހޭ މައުލޫމާތު ސާފުކޮށް އިޝްތިހާރުގައި ބަޔާންކުރަން ވާނެ ކަމަށް ގަވާއިދުގައި ބުންޏެވެ.

ޑިޖިޓަލް ޕްލެޓްފޯމުތަކުގައި އިޝްތިހާރު ކުރެވޭނެ އުސޫލުތައް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައި ވެ އެވެ. އެއީ:

1- ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރާއިރު، އެއީ އިޝްތިހާރެއްކަން ސާފުކޮށް އެނގޭނޭހެން ފާހަގަކޮށް ހާމަކުރުން.

2- ހަގީގަތާ ހިލާފު ފޮޓޯތަކާއި ވީޑިއޯތައް ބޭނުން ނުކުރުން.

3- ހަގީގަޔާ ހިލާފު އޮންލައިން ރިވިއުތަކާއ، ކޮމެންޓްތަކާއ، ރޭޓިންތައް ނުހެދުމާއި ނުދެއްކުން.

4- އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މެޝިން ލާނިން ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓް ބޭނުންކުރާ ނަމަ އެކަން ސާފުކޮށް ހާމަކުރުން.

5- އިޝްތިހާރުކުރުމުގައި ބޭނުންކުރާ ކޮންޓެންޓަކީ އިޝްތިހާރުކުރާ ފަރާތުގެ އަމިއްލަ ކޮންޓެންޓަކަށް ވުން ނުވަތަ ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނާ ހިލާފުނުވާ ކޮންޓެންޓެއްކަން ޔަގީންކުރުން.

ޓޫރިޒަމާ ގުޅުން ހުރި ތަންތަން އިޝްތިހާރު ކުރާއިރު، ހިދުމަތްދޭ ތަންތަނުގެ ނަންތައް ރަޖިސްޓަރީ ކުރަން ވެސް ގަވާއިދު ލާޒިމްކުރެ އެވެ. އެގޮތުން:

1- ވަކި ރަށެއްގައި ގާއިމުކޮށްފައިވާ ތަނެއް ނަމަ ރަށުގެ ނަމާއި އަތޮޅުގެ ނަމާއި އޮޕަރޭޓިން ލައިސަންސްގައި ބަޔާންކޮށްފައިވާ ނަން ބަޔާންކުރަންޖެހޭ.

2- މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ރަށެއްގެ ވަކި ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ތަނެއް ނަމަ ރަށުގެ ނަމާއި އަވަށުގެ ނަމާއި އަތޮޅުގެ ނަން ޓޫރިސްޓުމީހާ އަށް އެނގި އޮޅުންފިލާ ފަދަ ގޮތަކަށް ސާފުކޮށް ބަޔާންކުރަންޖެހޭ.

ގަވާއިދާ ހިލާފުވާ ނަމަ ޖޫރިމަނާ ކުރާނެ

ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނާއި ޓޫރިޒަމްގެ ބޭނުމަށް މިނިސްޓްރީން ކުއްޔަށް ދޫކޮށް ތަރައްގީ ކުރަމުން އަންނަ ތަންތަނާއި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ނުވަތަ އަމިއްލަ ބިންތަކުގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރަމުން އަންނަ ތަންތަނުން މި ގަވާއިދާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅޭނެ އުސޫލުތަކެއް ވެސް ބަޔާންކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

1- ސައުވީސް ގަޑިއިރުގެ ތެރޭގައި އިޝްތިހާރު ނަގަން އެންގުން.

2- އިޝްތިހާރު ނަމަ ފުރަތަމަ ފަހަރު 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ. ދެވަނަ ފަހަރު 50،000ރ. އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ. ތިން ވަނަ ފަހަރު 100،000ރ. އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ. އަދި ތިން ފަހަރަށް ވުރެ އިތުރަށް ގަވާއިދާ ހިލާފުވެއްޖެ ނަމަ ލިޔުމުން އެންގުމަކާ ނުލައ،ި ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 100،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގަވާއިދުގައި ވޭ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާބަކުރުބެއްޔާ

05 August 2025

ހުއްދަ ކަމަކަށްވާތީ އިސްތިހާރުކޮށްގެން އެސައިންމެންޓް ހަދައިދެނީ. މިރާއްޖޭގައި އޮންނަނީ ނުބީހެއްޏާ ކަނޑާހަމަ އުސޫލެވެ.

The name is already taken The name is available. Register?

ަމަަ

05 August 2025

ބަލަ މުޅި ރާއްޖެ އަކީ ބުރޭންޑެއް ނޫން ތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454