ޚަބަރު / ލާމަރުކަޒީ ހިންގުން

މާލީ ބާރުވެރިކަން ބޭނުން ކުރަނީ ޒިންމާދާރުކަމާއެކުގައި ކަން ކަށަވަރު ކުރުމުން އިތުބާރު ބޮޑުވާނެ: މިނިސްޓަރު

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު: ވީރާނާ ވެފައިވާ 105 ކައުންސިލް އިދާރާ އިމާރާތް ކޮށްދިނުމަކީ ސީދާ ރައީސް މުއިއްޒުގެ އިސްނެންގެވުމެއް ކަމަށް މިނިސްޓަރު ވިދާޅުވި.

07 އޯގަސްޓް 2025 - 07:42

10 comments

ލޯކަލް ކައުންސިލްތަކުން މާލީ ބާރުވެރިކަމުގެ ބޭނުން ހިފަނީ ޒިންމާދާރުކަމާ އެކުގައި ކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގެންނަން ރަައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހުތަކުގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅުގައި ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.

އާދަމް ޝަރީފު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ.

އޭގެ ތެރޭގައި ކައުންސިލްތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރެއްވުމާއި ކައުންސިލުން ހުށަހަޅާ ގޮތަަށް ކަންކަން ނިންމަވައި ދެއްވުމާއި މަޝްރޫއުތަކަށް ކައުންސިލްތަކުން ހުށަހަޅާ ބަދަލުތައް ގެނެސްދެއްވުން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"[އެއީ] ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ހަގީގީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅުތައް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ވީރާނާ ވެފައިވާ 105 ކައުންސިލް އިދާރާ އިމާރާތް ކޮށްދިނުމަކީ ސީދާ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުން އަންނަ ކަންކަމެވެ.

"ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ އިސްލާހުގެ ބިލްގައި ބުނަނީ ކީކޭ؟

ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:

1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.

2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން. ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައިވާ ގޮތުން:

1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.

2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.

3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.

ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.

ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ގެންދަނީ ފެށުނީއްސުރެ މި އިސްލާހުތަކާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ. އެންމެ ފަހުން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވެސް ވަނީ އެ ބިލް ތަސްދީގު ނުކުރަން ރައީސް މުއިއްޒަށް ގޮވާލައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކާ ދެކޮޅަށް މިހާތަނަށް 56 ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށް، ބަޔާން ނެރެފައި އޮއްވައި ވެސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އެ ކަންބޮޑުވުންތައް އަޑުނާހައި، އެ ބިލު ފާސްކޮށްފައިވާ ކަމަށެވެ.

"މިރޭ އަޅުގަނޑު ހަމަ ގައުމަށްޓަކައި ރައީސް މުއިއްޒަށް އަޅުގަނޑު ހަމަ ގޮވާލަން [ކައުންސިލްތަކާ ގުޅޭ ބިލް] ތަސްދީގުނުކުރަން. ތަސްދީގުނުކުރައްވާށޭ، އަލުން ވިސްނަވާށޭ، ތިކަން ހުއްޓާލައްވާށޭ،" އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެ ޕާޓީގ ޗެއާޕާސަން ފައްޔާޒު ރޭ ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން ކެނޑިނޭޅި ބުނަމުން އަންނަނީ އެ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ނުކެނޑޭނެ ކަމަށާއި އެމްޑީޕީން މަސައްކަތް ކުރަނީ އާންމުންގެ ހިތުގައި ނުބައި ތަސަސްވުރެއް އުފައްދަން ކަމަށެވެ.

"މީގައި މި ބުނަނީ ކައުންސިލްތަކުން ވިޔަފާރި ކުރާށޭ ލޯކަލް ގަވަމަންޓް ކުންފުނިތައް މެދުވެރިކޮށް. ކުރާއިރުގައި އެ ރަށެއްގައި އާންމު ރައްޔިތަކު ކުރާ މަސައްކަތެއް ނުކުރާށޭ. ދިހަ މިލިއަނަށް ވުރެ ބޮޑު އަދަދެއްގެ ވިޔަފާރިއަކަށް ނުވާށޭ. އަދި ހަމަ އެހެންމެ ކައުންސިލުން ކުރަން ކަނޑައަޅާ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއާ ކޮންމެހެން ގުޅިފައިވާ މަސައްކަތަކަށް ވާާށޭ،" ބިލްގެ ބައެއް ތަފުސީލްތައް ތިލަކޮށްދެއްވަމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެފައި ވެ އެވެ.

10 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

07 August 2025

ޕީއެންސީ ވެރިކަމާއި ޚަވާލުވެވަޑައި ގަތުމާއިއެކު އެންމެ ފުރަތަމަކަމަކަށް ކުރެއްވިމަސައްކަތަކީ އިންޑިޔާ ސަރުކާރުން ލ.އަތޮޅުގައި ތަރައްޤީކުރަމުންދިޔަ ކެންސަރު ހޮސްޕިޓަލް ރައީސްގެ ރަށް މާތްވެގެންވާ މުޤައްދަސް މާލެއަށް ބަދަލުކުރުން. އޭގެފަހުން ޤައުމީ ތަރައްޤީގެ ޕްލޭނެއްހަދައި ލިސްޓްކުރެވުނު ރަށްރަށުގެތެރޭގައި އާބާދީ 200 މީހުން ހަމަނުވާ އަދި ބިން ހިއްކައިގެންވެސް ބިން ބޮޑުކުރެވެންނެތް އެތައް ރަށްތަކެއްހިމަނައި އެކުލަވާލި ލިސްޓްވެސް އެއޮތީ ފެންނާން.

The name is already taken The name is available. Register?

އަފްރާސިޔާބު

07 August 2025

އަސްލުވެސް ކައުންސިލް ތަކުންވެސް ސަރުކާރަށްވެސް ވަޒީފާއާއި ޕްރޮޖެކްޓްތަކާއި މާފުކުރުންތަކާއި ދަރަނި ވެސް ނުނެގޭ ގޮތަށް އޮންނަންވާނީ.

The name is already taken The name is available. Register?

މަ ބުނީ

07 August 2025

މަ ބުނީ މަގޭ މަގާމެންގައި ހުރިނަމަ މަގާމު ދިފާއުކުރަށް ތިއަށްވުރެ ބޮޑުވަރުކޮއްލީމުއެވެ ! މަނިކުފާނެވެ ވިސްނުމުގައި ދެޕޮއިންޓުން ވާދަވެރިޔާ މޮޅުވީމަ ވައްޓާލުމަށް ތިޒާތުގެވާހަކަ ވަރަށް ކަމުދެއެވެ !ސަނާކިޔައި ރަނގަޅަށް ނިންދަވާށެވެ ! ވަގުތުޖެހުމުން ހޭލެވޭނެއެވެ ހޭލެވޭއިރު ވަގުތު އޮންނާނި އޮއްސިފައެވެ ! .

The name is already taken The name is available. Register?

ސަސި

07 August 2025

ތިކަްކަމުގެ މާ ބޮޑު ތަފްސީލެއް ނުދިނަސް އޯކޭ ވާނެ

The name is already taken The name is available. Register?

ކައްޒާބު

07 August 2025

ހެޔޮނުވާނެ ރައީސް ދަނީ ހުރިހާ ބާރެއް އަމިއްލަ ކުރަމުން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 August 2025

ދައުލަތުގެ މުއްސަނދި ކަމާއި ވަސީލަތް އަދި ފައުލަތުގެ ވެލްތް ޑިސްޓްރިބިއުޓް ކުރުމެއްނެތި ހުރިހާ ވަސީލަތެއް ކ.އަތޮޅު މާލެއަށް ޖަމާކޮށްފައިވާ "އެއްރަށްދައުލަތް ސިޔާސަތު" ފުޅާކޮށް ވަރުގަދަ ކުރުމަށްޓަކާ ފަހަރަކު ޤާނޫނެއް ކޮށާ ކުދިކޮށް ލާމަރުކަޒީ ޤާނޫނު ތަކަކީ ބޭކާރު އެއްޗެއް ކަމަށް މުޅިން ހަދާލާފައި މިހާރު މިސްރާބް ޖަހާފައިވަނީ ކައުންސިލް އިންތިހާބާއި އެކުގައި ޤާނޫނުއަސާސީގައި ހުރި މިފަދަ މާއްދާތަށް ވެސް ޤާނޫނުއަސާސީ އިން އުނިކޮށްލާނެ ގޮތެއް ހޯދަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 August 2025

ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދެމުންގެންދާ ވާހަކަ ދައްކަވާއިރު އިސްލާޙް ކުރި ޤާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އައްޑޫގެ ރައްޔިތުންގެ ފުރިހަމަ ޢައުލަބިއްޔަތަކުން ނިންމާފައިވާ ނިންމުމަކަށް އިޚްތިރާމް ކުރުމެއްނެތި "އައްޑޫސިޓީ އުވާލާފަައި" އައްޑޫ ބައިބައިކޮށް ސިޓީއެއްގެ ގޮތުގައި އޮތް އައްޑޫ ވަކިވަކި ރަށް ތަކަކަށް ހަދާލަން އުޅެނީ ވެސް ބޭޅާމެން ތިޔަ ގެންގުޅުއްވާ ބާރުވެރިކަމުގެ ސިޔާސަތުގެ ދަށުންތޯ؟!

The name is already taken The name is available. Register?

‫އޮނަރަބްލް ވާންޗޯ

07 August 2025

‫ހެޕީ ތައް؟ އެމެން ހެޕީތައް؟

The name is already taken The name is available. Register?

ސަލާމަ

07 August 2025

އިހުލާސްތެރިކަމެއް ނަޒާހާތްތެރިކަމެއް ހުރި ހަމަ އެކަކުވެސް މިގައުމުގެ މަތިފަޑީގައި ނެތީތޯ އެއީ އަހަރެން ވަރަށް ހިތަށްއަރާ ސުވާލެއް. ތެދުވެރިކަމާއެކު ހަގީގަތް ހާމަކުރުމުގައި ގައިމުވެސް ފައިދާ ބޮޑުވާނެ. ދީންވެރިކަމަކީ ހަމައެކަނި އިންތިހާބެއް ކާމިޔާބު ކުރަން ބޭނުން ކުރަން އޮންނަ އެއްޗެއް ނޫން.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

07 August 2025

މާލީ ބާރުވެރިކަން ޒިންމާދާރުކަމާއެކު ބޭނުންކުރާ އިރާ މުޅިގައުމުގައި ކަރަޕްޝަނާއި ވައްކަން! ލޯނު ނަގާ ނަހަމަ ގޮތުގައި ވެރިން ސަރުކާރުގެ ފައިސާ ބޭނުން ކުރުމުން ދަރަނި އެވަނީ އެތަކެއް ބިލިއަން ޑޮލަރަށް އަރާފަ! މިއަދު ޑޮލަރެއްގެ އަގަކީ 20ރ. ޢާފަލެއްގެ އަގަކީ 11ރ. ލަދުކޮބާތޯ؟؟؟.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454