ރައީސް މުއިއްޒު ވަޑައިގެން އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާގައި އެ ދާއިރާގެ މެމްބަރު ސަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
11 އޯގަސްޓް 2025 - 23:19
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިނުގަނެ ކުޑަތަންކޮޅެއް ލަސްވި ނަމަވެސް ގައުމު "ހަލާކުވެގެން ދިޔައީސް" ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރައީސް މުއިއްޒު ބ. އަތޮޅުގެ 13 ރަށަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން ބޭއްވެވި ޖަލްސާގަ އެވެ.
ސަލީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ދާއިރާއެއް ވެސް އޮތީ ވަރަށް ނާޒުކު ހާލަތުގައި ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ދަރަނީގެ ހާލަތުގެ ވާހަކަތައް ރައްޔިތުންނަށް ދޭތެރެދޭތެރެއިން ހަނދާން ކޮށްދޭން ޖެހޭ ކަމަށެވެ.
އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެއީ އަޅުގަނޑުމެންނާ ހަވާލުވިއިރު، ރާއްޖޭގެ ދަރަނި އޮތީ ނުބައްދަލު ހިސާބަށް ގޮސް. ގައުމު އޮތީ ހަވާލުވިއިރު ވެސް ކުންފުނިތައް އޮތީ އެތައް ބިލިއަނަކުން ދަރާފައި. ދިވެހި ދައުލަތް އޮތީ އެތައް ބިލިއަނަކުން ދަރާފައި. މި ހާލަތުގައި އޮތް ގައުމެއްގައި އަޅުގަނޑުމެން މިހާރު މި އުޅެނީ،" ރައްޔިތުންގެ މަޖިލިހުގައި ވެސް އިގުތިސާދާ ބެހޭ ކޮމިޓީތަކުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ މާތް މަގުސަދަކަށް ވާނީ ގައުމު ސަލާމަތް ކުރުން. އަޅުގަނޑުމެން މި އަށް ވުރެ ލަސްވިނަމަ [ވެރިކަމާ ހަވާލުވާން] މި ގައުމު ހަލާކުވީސް. ގައުމުގެ އިގްތިސާދީ ހާލަތެއް ނޫން، އިޖްތިމާއީ ހާލަތެއް ނޫން، ހުރިހާ ހާލަތެއް ވެސް އޮތީ އެ ހާލަތުގައި."
އޭގެ މިސާލެއްގެ ގޮތުން ސަލީމް ދެއްކެވީ އަންނަ އަހަރު އެއް ބިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހިފައި ވުމެވެ. އެއީ މިހާރުގެ ޑޮލަރު ރޭޓުން ބަލާ ނަމަ 20 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ 20 ބިލިއަން ރުފިޔާ ލޯނު ދައްކާފައި މުސާރަ އަށް 14 ބިލިއަން ހަރަދު ކުރީމާ އެ ދިޔައީ 34 ބިލިއަން ރުފިޔާ. ދައުލަތުގެ އާމްދަނީއަކީ ހަގީގަތުގައި ގާތްގަނޑަކަށް 34-35 ބިލިއަނެއްހާ ރުފިޔާ. އޭގެ މާނައަކީ ހަމައެކަނި ލޯނު ދައްކާށާއި މުވައްޒަފުންގެ މުސާރަ އަށް މި ދިޔައީ މުޅި ދައުލަތް ހުސްވެގެން،" ސަލީމް ވިދާޅުވި އެވެ.
"ދެން ތިޔަބޭފުޅުން ބައްލަވާ ކޮބައިތޯ އޮފީސްތައް ހިންގުން. ކޮބައިތޯ އެހެން ކަންކަން، އިޖުތިމާއީ ކަންކަމަށް ހަރަދު ކުރުން. ތަރައްގީގެ މަޝްރޫއުތަކަށް ކޮންތާކުންތޯ ހަރަދު ކުރާނީ؟ މި ހާލަތުގައި އޮތް ގައުމެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިހާރު މިދަނީ."
އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މަޝްރޫއުތައް ކުރިއަށް ދާން ޖެހޭ އެންމެ ބާރު ސްޕީޑުގައި ކުރިއަށް ނުދާކަން ގަބޫލު ކުރައްވާ ކަމަށާއި އެކަމަށް ހުރަސް ތަކެއް ހުރި ކަމަށް ސަލީމް ވިދާޅުވި އެވެ. ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ އެއްވެސް ޖެހިލުމެއް ނެތި ހުރިހާ މަސައްކަތެއް ކުރައްވަމުން ކަމަށް ސަލީމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު އިގްތިސޯދު އޮތީ ވަރަށް ނާޒުކު ހާލަތުގައި ކަމަށެވެ. އޭރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުން ބަޖެޓު ފާސްކޮށްދިނީ ވެސް މި ސަރުކާރުން ބޭނުންވި ކަންކަން ނުހިމަނައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައްލެ ސަލީމް
13 August 2025
ރައީސް އޭދަފުށްޓަންދިއުން މިއަށްވުރެ ކުޑަތަންކޮޅެއް ލަސްވި ނަމަވެސް މުޅިއޭދަފުށި އަދި ސަލީމްވެސް ހަލާކުވީސް.
ހަމަދު ސަލީމް
12 August 2025
ސަލީމްބެ ހާދަ ގަދައޭ، ރައީސް އުފާވާކަހަލަ ވާހަކަދައްކަން ވަރަށްމޮޅު. ޚުދް ސަލީމްބެވެސް ތިވާހަކައެއް ގަބޫލެއްނުކުރާނެ،
ހޮޅިވާހަކަ
12 August 2025
ހަނދާން ނެތުނީތޯ ރިޔާސީ އިންތިޚާބް ދުވަސްވަރު ރައީސް މުއިއްޒު އަހަރެމެންނަށް ދެއްވި ޔަގީންކަން، ބޭރުގެ އެކި ފަރާތްތަކުން ފައިސާ ހަމަޖެހިފައި ހުރިކަމާއި ހިނގަހިނގާ ހުރި ޕްރޮޖެކްޓެއް ހުއްޓާނުލާނެ ކަމަށާއި ދަރަނީގެ މައްސަލައެއް ކުރިމަތިނުވެ ރައްޔިތުންނަށް ހަމަޖެހިގެން އުޅެވޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ނޯޓު ފޮތުގައި ލިޔުއްވި ވައުދުތައް ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވި ވިދާޅުވުން ކޮބާ
ްައަލީ
12 August 2025
މިހާރު މާބޮޑަށް , ދުވަހަކުވެސް ދަތިނުވާވަރަށްދަތި ..
އަފްރާސިޔާބު
12 August 2025
ސަލީމޫ. ބަލަ ވެރިކަމަށް ކުރިމަތިލިއިރު ރައީސް ވިދާޅުވި. ވެރިކަމަށް ކުރިމަތިލަނީ ރާއްޖޭގެޙާލަތު އޮތްގޮތް އެނގިވަޑައިގެން ދަރަނިހުރިވަރުވެސް އެގޭ. އޮފީސް ތަކުންހިންގިނަމަ ހިންގިކޮރަޕްޝަނުގެ މައްސަލަތައްވެސް އެނގިހުރެ ދަރަނިއަދާކުރެވޭނެ ގޮތްތައްވެސްހޯދައި އަދި ކޮރަޕްޝަންވެސްބަލައި ކުންފުނިތަކަށްދޭނެ ފައިސާވެސް އެނގިހުރެ ފެހިސިގްނަލްލިބި އެހުރިހާކަމެއްވެސް އޮމާންކަމާއެކުގެންގޮސް ތަރައްގީގެ މަޝްރޫއުތައްވެސް ނުހުއްޓި ގެންދެވޭނެކަމުގެ ޔަގީންކަންއޮތީމާއޭ
އާދަނު22
12 August 2025
ކުރިޔަށްވުރެެންމިހާރު މާގޯސް... ކުރިން ކޮވިޑް 2 އަހަރު ދިޔަ ބޭކަރުވެގެން.
ވެރިން
12 August 2025
މި ސިޔާސީ ވެރިން ދައްކާ ވާހަކަ ގަބޫލުކުރާނެ ދިވެއްސަކު ނެތް މިހާރަކު، އަނގަކޮސްގޮވަން ތިބޭ ކަލޭމެން.. އަމިއްލަ ޖީބަށް ބަރުވީމަ ކަލޭމެނަށް ނިމުނީ..
ބަޑޭރި
12 August 2025
ކޮން ކަމެއްތޯ މިހާރު ރަގަޅީ!.. ކޮވިޑުގަ މުއިއްޒު ވެރިކަމުގަ ނެތްކަން ނަސީބު... މިހާރުވަކި ކޮންކަމެއް ކޮށްދެވިގެން ތިއުޅެނީ.. ޑޮލަރު އަގު ތިރިކުރަން ކިތައް ވައުދު ވެއްޖެ؟ ކާބޯތަކެތި ހުރީ އަތްނުފޯރާ ހިސާބުގަ. ރައްޔިތުން ހަނާވަނީ.. އަދިވެސް ކިޔަންވީ ސަނާ؟
ވާންޗޯ
12 August 2025
އަސްލު ކޮވިޑް ގެ 2 އަހަރު ދުވަސް އިބޫ ވެރިކަމު ގާ ދިމާވީ، މިހާރު ދިވެހިން ހަދާނެތް ނެތް ދޯ.
ނަނާހާ
12 August 2025
މި ސަރުކާރަށް އަޅުގަނޑު ކުރާ ވަރަށް ބޮޑު އިލްތިމާސެއް. ޕްލީޒް ދެން ދައުރުގައި ބާކީ އޮތްތާ 'ކުރީ ސަރުކާރު' ނުކިޔާ ކުރިއަށް ގެންދަވާ. ތަފާތު ފެންނަން ބޭނުމީ ޢަމަލުން. އަނގަޔަކުން ނޫން.