ދޮންފަނު ކައުންސިލްގެ ރައީސް އިރުޝާދު މިއަދުގެ ޖަލްސާގައި ވާހަކަަ ދައްކަވަނީ
13 އޯގަސްޓް 2025 - 21:49
ލޯކަލް ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގު ނުކުރައްވަން ބ. ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް މުއިއްޒު މިއަދު ހަވީރު ދޮންފަނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ޝުކުރު ދެންނެވުމުގެ އައިޓަމްގައި ކައުންސިލްގެ ރައީސް އެ ކަމަށް އެދިވަޑައިގަތީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލް މިދިޔަ ބުދަ ދުވަހު ފާސްކޮށް ތަސްދީގު ކުރުމުގެ މަރުހަލާ އަށް ފޮނުވާފައިވާތީ އެވެ.
އިރުޝާދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒަށް ތައުރީފު ކުރައްވަމުން ދޮންފަނު ކައުންސިލްގެ ރައީސް އިރުޝާދު ވިދާޅުވީ، އެއީ ރައްޔިތުންގެ އަަޑުއައްސަވައިގެން ސަރުކާރުގެ ނިންމުންތައް ބައްދަލުކުރައްވާ ވެރިއެއް ކަމަށެވެ. މި ސަރުކާރުގައި މިދިޔަ ދޮޅު އަހަރު އެކަން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދޮންފަނު ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"ދޮންފަނުގެ ތަރައްގީ އަށް އެންމެ ބޮޑު އުންމީދަކީ ލާމަރުކަޒީ މާލީ ބާރުވެރިކަން. އެއީ ކައުންސިލް އިމާރާތަކަށް ވުރެ މާ މުހިންމު ކަމެއް. ރައްޔިތުންގެ މަޖިލިހުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ މެދު ނުހަނު ކަންބޮޑުވޭ. ކައުންސިލްގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ވަރަށް އަދަބުވެރިކަމާ އެކު އަޅުގަނޑު އެދެން،" އިރުޝާދު ވިދާޅުވި އެވެ.
ދޮންފަނު ކައުންސިލްގެ ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ ތަރައްގީގެ ކަންކަމާއި ދަތިތައް އެ ރަށަކަށް ރައީސް މުއިއްޒު ވަޑައިގެން ކައިރިން ބެއްލެވުމުން އެނގެނީ ރައްޔިތުންގެ އަޑުއަހައިގެން ސަރުކާރު ހިންގުމަށް ދެއްވާ އިސްކަން ކަމަށެވެ.
ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:
1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.
2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައި ވާ ގޮތުން:
1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.
2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.
3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.
ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.
ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.
ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން އެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކުން މާލީ ބާރުވެރިކަމުގެ ބޭނުން ހިފަނީ ޒިންމާދާރުކަމާ އެކުގައި ކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ..
ހާއްސަކޮށް ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސް މުއިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ޕީއެންސީގެ މެމްބަރުން އަދި ކަމާ ގުޅޭ މިނިސްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެކަމަކު، އިދިކޮޅު އެމްޑީޕީން ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހުތައް ހުށަހަޅާފައި ވަނީ ކައުންސިލްތަކުގެ ބާރުވެރިކަން ނިގުޅައިގަންނަން ކަމަށެވެ. އަދި އެ އިސްލާހުތައް ތަންފީޒު ނުކުރަން ވަނީ ތަކުރާރުކޮށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
14 August 2025
"މާލޭސަރުކާރާއި މާލޭމީހުންނާއި ދެކޮޅަށް އެއްޗެއްބުނަން ކަމެއްކުރަން ކެރޭނީ އައްޑޫ ހުވަދޫ މީހުންނަށް ކަމަށް" ރާއްޖޭގެ ގިނަބަޔަކު ޤަބޫލު ކުރި. ޚަޤީގަތުގައިވެސް މިކަންއޮތީ މިހެންކަމަށް ޤަބޫލުކުރެވޭ ސާބިތުހިފޭ ހެކިވެސް އެބަހުރި. އެހެންކަމުން ދެންޖެހެނީ އެއީ ކިހިނެއްވެގެން ވަމުންދާ ގޮތެއްކަން ދެނެގަތުން. ސަބަބުދެނެގަތުމަށް ވިސްނާލުމުން ވަރަށްރަނގަޅަށް އިގޭ އިޤްތިސޯދީ މިނިވަންކަން ނުވަތަ ފުދުންތެރިކަމުން މިފަދަ ހިތްވަރާއި ޖޯޝް ރައްޔިތުނަށް ލިބޭކަން.
އޮނަރަބްލް އަފީފު ދީދީ
14 August 2025
ރާއްޖެ ހިންގަން ވާމީ ލާމަރުކަޒީ އުސޫލުން ކަމަށް ޤާނޫނު އަސާސީގައި ގަދަ އަމުރުން އަމުރު ކޮށްފައިވާތީ، ވޭތުވެދިޔަ 60 އަހަރު މާލޭސަރުކާރުން ގެންގުޅުނު އެއްރަށް ދައުލަތް ސިޔާސަތު ކޮންމެވެސް ވަރަކަށް ބަލިކަށިވެ ތުރާކުނުން އައްޑުއަށްހިމެނޭ އެހެން ރަށްތަކަށްވެސް ފައިސާފޮއްޗެއް ލިބޭގޮތްވުމުން ފުދުންތެެރިކަން އޮންނަ ނަމަ އަޅުވެތިވެގެން ތިބެންނުޖެހޭނެކަން ދޮންފަނު ކައުންސިލްގެ ރައީސް ރާއްޖޭގެ ހުރިހާރައްޔިތުނަށް ވަރަށްރަނގަޅަށް ދަސްކޮށް ދަސްކޮށް ދެއްވައިފި.
އޮނަރަބްލް އަފީފު ދީދީ
14 August 2025
ދޮންފަނު ކައުންސިލް ފަދަ ކުދިކުދި ކައުންސިލް ތަކުގެ ގޮތުގައި ޚަރަކާތް ތެރިވެގެން މާލޭސަރުކާރު ހިންގާން ޙަވާލުވާ ފަރާތްތަކުން ގެންގުޅެމުން އަންނަ "އެއްރަށްދައުލަތް ސިޔާސަތާއި ދެކޮޅަށް ރަނގަޅު ގޮތުގައި މަސައްކަތް ނުކުރެވޭނެތީ" ރައްޔިތުން އެބަޖެހޭ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ހިމެނޭ ފެޑަރަލް ޕާލަމެންޓަރީ ނިޒާމެއްގެނައުމަށް މަސައްކަތްކޮށް އެކަންކުރަން.
އަފުން
14 August 2025
ކައުންސިލަރު އެންމެ ފަހަރަކުވެސް ކިޔުއްވާލެއްވިންތޯ ބިލް. ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކަކީ ކައުންސިލްތަކުގެ ބާރުކަނޑުވާލަން ގެންނަ ބަދަލުތަކެކޭ ކިޔާފަ ނިކަން އަޑުގަދަކޮށް ހަޅޭއްލެވި މީހެއްކުރެން އަހަރެން އަހައިލިން "ތިބޭފުޅާ އެ ބިލް ބައްލަވައިލައްވާ ވިދާޅުވިންތޯ" ޖަވާބުގައި ބުނީ އަދި ނުކިޔަމޭ.
އެންމެކަމެއް
14 August 2025
ހަބަރުގަ ހުރި ވާހަކަތައް ކިޔާލިއިރު މުޅިންހެންވެސް ހުރީ ކައުންސިލްތައް ޒިންމާދާރު ކުރުވުމައް ހުރި ކަންތައްތައް. މަށައް އަޅައިގަތް ހަމައެކަނި ކަމަކީ ކައުންސިލްތަކުގެ ބިމުން ބައެއްކަހަލަ ކަންތަކައް ކުލި ނުނެގޭނަކަން އޮތްއޮތުން. ކޮންމެވެސް ހައްދެއްގެ ތެރެއިން މިއީ ކުރުން ހުއްދަކަމަކައް ވާންޖެހޭ.
ކުޅިވަރު
14 August 2025
ގިނަ ކައުންސިލްތަކުން ކުޅިވަރު ކުޅޭތަން ފެންނަނީ
ބުނަން
14 August 2025
ތީކީރައްޔަތުން އަޑެއްނޫން ކައުންސިލް ތަކުގެ އަމިއްލަ އަޑު ކައުންސިލް ބަޖެޓުން ހަރަދުކޮށްގެން އަހަރަކު އެއްފަހަރު އެމެރިކާ އަށް ދެވޭގޮތައް މިހާރު އޮތިއްޔާ އެކަން އެއީ ބޭކާރުކަމަކަށް ސަރުކާރަށް ފާހަގަވެގެން އެކަން ގާނޫނަކުން މަނާކުރިޔަސް ކަލޭމެން ބުނާނެ އެކަން ނުކުރަން
އެކޮއި
14 August 2025
ހުރިހާ އާރަކާއި ބާރެއް އޮންނަންވީ މަޖްލީހުގައި ތިބޭ ކުދިންކޮޅު ބޭނުންވާގޮތަކަށް. އެމީހުންގެ މުސާރަކުޑަވެގެން އެއިން ނުފުދިގެން އުޅޭވާހަކަދައްކާއިރު ޤައުމުގައި ކިހާ ނިކަމެތި ޙާލެއްގައި ބަޔަކު ތެޅޭކަމެއްވެސްނޭނގެ. އަދި މުޅި ޢުމުރުދުވަހަށް މުސާރަނަގަމުންދާއިރު 24ގަޑިއިރު މަސައްކަތްކޮށްގެންވެސް އަހަރެމެން މިއުޅެނީ އަނގަޔާ އަތާދިމާނުވެގެން. މީތޯ މިޤައުމުގައ އަހަރެމެންނަށް ލިބެންޖެހޭ މަޤާމަކީ
ވާ ނު ވާ
14 August 2025
ތީ ފިރެހުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނުނަށާ ރައްޔިތުންގެ ހައްގުގަ ބަސްބުނަންކެރުން އެއީ ގަޓު ހުރި މީހުންނަކީ
މިސްޓަރ ގަޓް
14 August 2025
ގަޓު ހުރިއްޔާ ބިލް ތަސްދީގުކުރީމަ އަމިއްލައަށް އިސްތިއުފާ ދީބަލަ. އެނގިދާނެތާ
އުސްމާނުބެ
14 August 2025
ހައްގުބަސްބުނުމަކީ ، ބިރިެއް ނެއް ޒިންމާދާރު ވުމެއް ނެތި ބޭނުން ގޮތަކައް ފައިސާ ތަޅަން ވަކާލާތު ކުރުން ކަމުގަ ވެއްޖެޔާ ރަގަޅު ، އެއި ތެދު ހައްގުބަސް ދެން އިވޭނީ - ހަމަރިޕީޓް ގަ - ކުރީސަރުކާރު ނުވަރަ ކައުންސިލުން މިވެނި ކަމެއް އެވެނިކަމެއް ކޮއްގެން ޒިންމާދާރު ވަޒީފާގައި ތިބެގެން ޒިންމާނަގާގޮތުގެ ވާހަކަ .. ރަގަޅައް ކަމެއް ކުރަން ބޭނުން ވާބަޔަކު އެބުނާ ބިލް ފާސްކުރިޔަސް ތެޅޭކައް ނުޖެހޭ
އޮނަރަބްލް އަފީފު ދީދީ
14 August 2025
އިލްމު އުގެނި ކަންކަމުގެ ތަޖުރިބާ ހޯދާފައިވާ ހިލްމު ހުރެގެން ކަންކަން ކުރާ މީހާ މޮޅު މީހަކަށް ވާފަދައިން އަނގަ އާއި އަތާއި ދިމާނުކުރެވޭ ވަރަށް އިޤްތިސޯދީ ހާލަތު ނިކަމެތިވެ ބިކަވެފައި ހުންނަ މީހާ އާއި. ތިމާގެ ފުދުންތެރިކަން ރަނގަޅު އަދި އަތް މަތި ތަނަވަސްވުމުގެ އިތުރަށް އިޤްތިސޯދު ކޮށްގެން އަމިއްލަ އިޙްތިޔާރުގައި ފައިސާ ރައްކާކޮށް ޚަރަދު ކުރުމުގެ މިނިވަންކަން އޮވެ ކަންކުރާ މީހާއާއި ދެމީހުންގެ މެދުގައި ހުންނަ ތަފާތު މިހިރީ ވަރަށް ރަނގަޅަށް އިގެން.