ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑްގައި އެއްވެސް މިސްރާބެއް ނެތް: ރަޝްފޯޑް

ބާސެލޯނާއިން އަލަށް ސޮއި ކުރުވި ފޯވާޑް މާކޯސް ރަޝްފާޑް: އޭނާ ބުނީ ޔުނައިޓެޑްގައި މިސްރާބެއް ނެތް ކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް

14 އޯގަސްޓް 2025 - 06:50

މެންޗެސްޓާ ޔުނައިޓެޑްގައި އެއް މިސާރަބަކަށް ދަތުރު ކުރާ ޕްލޭނެއް ނެތް ކަމަށް އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރެ ބާސެލޯނާ އަށް ލޯނު އުސޫލުން ބަދަލުވި މަކޯސް ރަޝްފޯޑް ބުނެފި އެވެ.

"ރެސްޓް އިޒް ފުޓްބޯލް" ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ރަޝްފޯޑް ބުނީ އެއް ގޮތެއްގައި އެއް މިސްރާބަކަށް ދަތުރު ކުރާނެ ޕްލޭނެއް ޔުނައިޓެޑްގައި ނެތް ކަމަށެވެ.

ކްލަބްގެ ލެޖެންޑް ކޯޗު އެލެކްސް ފާގަސަން ރިޓަޔާ ކުރިތާ 12 އަހަރުވީ އިރު ގިނަ އަދަދެއްގެ ކޯޗުން ބަދަލު ކޮށްފި އެވެ. އެކަމަކު އެ ކާމިޔާބު ތަކުރާރު ނުކުރެވުނެވެ.

"ފާގީ [ފާގަސަން] ކޯޗު ކަމާ ހަވާލުވި އިރު ހަމައެކަނި ސީނިއާ ޓީމުން އަމަލުކުރާނެ އުސޫލުތަކެއް ނޫން ކަނޑައެޅީކީ. މުޅި އެކަޑަމީގެ އޮނިގަނޑު އެކުލަވާލި. އުމުރުން 15 އަހަރުންފެށިގެން ދޮށީ ކުޅުންތެރިން ހޮވާނެ ގޮތަށް ދާންދެން. އަދި މެންޗެސްޓާ ޔުނައިޓެޑްގެ އުސޫލުތަކުގައި ކުޅޭނެ ގޮތް އެ އެންމެންނަށް ވެސް އެނގޭނެ. ނޫންތަ؟،" ރަޝްފޯޑް ބުންޏެވެ.

ވިދިވިދިގެން ދެވަނަ ލޯނު ޓްރާންސްފާގައި ކްލަބް ބަދަލު ކުރި ރަޝްފޯޑް ބުނި ގޮތުގައި ކޮންމެ ކޯޗަކު މަގާމާ ހަވާލުވެ، އާ ޕްލޭނަކަށް މަސައްކަތްކޮށްގެން، ޔުނައިޓެޑަށް ޕްރިމިއާ ލީގު ކާމިޔާބެއް ނުކުރެވޭނެ އެވެ.

އޭނާ ބުނީ ކޯޗު ބަދަލުވާ ކޮންމެ ފަހަރަކު، ކޯޗުގެ ޕްލޭނަށް ފެތޭ ކުޅުންތެރިން ސޮއި ކުރުވާ ކަމަށެވެ. އަނެއްކާ އަނެއް ކޯޗު އައުމުން، އެ ކޯޗުގެ ޕްލޭނަށް އެ ތިބި ކުޅުންތެރިން ހޭނެން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.

"ކުޅުންތެރިން ތިބެނީ ކާމިޔާބު ހޯދަން ފެން ބޮވައިގެންފަ. އެހެންވީމަ ބަލާނެ ވީ އެންމެ ބޮޑަކަށް މަސައްކަތްކޮށްގެން އެ ޕްލޭނަށް ހޭނެން. އަދި އެ ޕްލޭނަށް އާ ކުޅުންތެރިން ވެސް ގެންނާނެ. އެކަމަކު އެންމެ ފަހުން (އެހެން ކޯޗަކު އަންނަ ހިސާބުން) އެކަން ވަނީ ބޭކާރުކަމަކަށް،" ރަޝްފޯޑް ތަފުސީލުކޮށް ދިނެވެ.

"މިސްރާބު އަބަދުވެ ބަދަލުވެ ބަދަލުވެ އޮންނަންޏާ ލީގު ކާމިޔާބެއް ނުކުރެވޭނެ. ތެދެއް ކޮންމެ ވެސް މުބާރާތެއް. ތައްޓެއް ހޯދިދާނެ. އެކަމަކު އެއީ ރަނގަޅު ކޯޗަކު ވެސް ހުރީމަ."

ރަޝްފާޑް ބުނީ ޔުނައިޓެޑަށް މި ވަގުތު އެންމެ މުހިންމު ކަމަކީ އެއް ކޯޗަކު ހުރެގެން އެއް ޕްލޭނެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމުގައި ދެމިތިބުން ކަމަށެވެ.

"އަހަރުތަކެއް ވެއްޖެ ކިޔާތާ ޔުނައިޓެޑް މިއޮތީ އަލުން ބިނާކުރުމުގެ މަރުހަލާގައޭ. އެ މަރުހަލާގައި ކުރިއަށްދަންޏާ ޖެހޭނެ އެކަން ފެންނަން ފަށަން. އެކަމަކު އެކަން ނުފެނޭ. އޭގެ މަނައަކީ އެ މަރުހަލާ އަދިވެސް ނުފަށަނީ އޭ،" އޭނާ ބުންޏެވެ.

ފާގަސަން ރިޓަޔާ ކުރި ފަހުން، ޔުނައިޓެޑްގައި 10 ކޯޗުން މަސައްކަތް ކުރި އެވެ. އެކަމަކު އެއްވެސް ކޯޗަކަށް މިހާތަނަށް ތިން އަހަރު ވެސް ހިފަހައްޓައެއް ނުލެވުނެވެ.

ރަޝްފޯޑް ބުނީ އެ ހާލަތު ޔުނައިޓެޑުން ބަދަލުކުރަން ޖެހޭ ކަމަށެވެ. އޭނާ މިސާލަކަށް ދެއްކީ ޔުނައިޓެޑްގެ ޒަމާންވީ ވާދަވެރިޔާ ލިވަޕޫލެވެ.

ޔާގަން ކްލޮޕް އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ ފަސް އަހަރު އޭނާގެ ޕްލޭނަށް އެ ކްލަބުން މަސައްކަތް ކުރި އެވެ. އޭގެ ނަތީޖާއަކީ 20 އަހަރު ފަހުން ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ޗެމްޕިއަންކަން ލިވަޕޫލުން ހޯދުންކަން ރަޝްފޯޑް ފާހަގަ ކުރި އެވެ.

"މި މަރުހަލާ ލިވަޕޫލުގައި ދިޔަ. ކްލޮޕް ކޯޗުކަމަށް ހަމަޖައްސާފަ އޭނާގެ ޕްލޭނަށް އެ ކްލަބް ފެއްތީ. އެ ޕްލޭން ދެމެހެއްޓީ. ފުރަތަމަ ފެށިގެން އައިއިރު އެ މީހުންނަށް ކާމިޔާބެއް ނުލިބޭ. އެކަމަކު މީހުން ހަދާންހުންނާނީ ކްލޮޕްގެ ފަހު އަހަރުތަކުގަ ކާމިޔާބުކަމާ އެކު ކުރި މަސައްކަތް،" ރަޝްފޯޑް ކިޔައި ދިނެވެ.

"އޭނާ [ކްލޮޕް] މެންޗެސްޓާ ސިޓީއާ ވާދަކުރަމުން އަދި އެންމެ ބޮޑު ތަށިތައް ހޯދަމުން ދިޔަ ދުވަސްތައް މަތިން. އެކަމަކު އޭނާ ފެށިއިރު ފުރަތަމަ ތިން އަހަރު ކާމިޔާބެއް ނުލިބޭ." ރަޝްފޯޑް ބުނީ ޓީމެއް ބިނާ ކުރުމުގެ މަރުހަލާއަކީ އުނދަގޫ މަސައްކަތެއް ކަމަށެވެ. އެކަމަކު ކެތްތެރިކަމާ އެކު އެ މަރުހަލާ ޔުނައިޓެޑުން ފަށަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454