18 އޯގަސްޓް 2025 - 11:10
ސައު ޕައުލޯ (އޮގަސްޓް 18) - ބްރެޒިލް ލީގުގައި ރޭ ވަސްކޯ ޑަ ގާމާއާ ވާދަކޮށް 6-0 ގެ ނަތީޖާއަކުން ސަންޓޯސް ބަލިވެއްޖެ އެވެ.
ނޭމާ ޖޫނިއާކުޅެމުން އަންނަ ސަންޓޯސް ކޮޅަށް، ރެލިގޭޝަން ޒޯނުގައި އޮތް ވަސްކޯ ކާމިޔާބުކުރި ހަ ގޯލުގެ ތެރެއިން ދެ ގޯލު ޖަހާފައި ވަނީ، ނޭމާއާ އެކު ބްރެޒިލް ގައުމީ ޓީމަށް ކުރިން ކުޅުނު ފިލިޕޭ ކުޓީނިއޯ އެވެ.
އިންޓަ މިލާނާއި ބާސެލޯނާ އަދި ލިވަޕޫލް އަދި ބެޔާން މިއުނިކަށް ވެސް ކުޅުނު ކުޓީނިއޯ، 33، ވަނީ މިދިޔަ ޖުލައި މަހު އެސްޓަން ވިލާ ދޫކޮށް އޭނާ ޔޫތު ކެރިއަރު ފެށި ވަސްކޯ އަށް ބަދަލުވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައި އިން ފެށިގެން އޭނާ އައީ ލޯނު އުސޫލުން ވަސްކޯއަށް ކުޅެމުންނެވެ.
މި ނަތީޖާއާ އެކު ވަސްކޯ ވަނީ ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލައި، 15 ވަނައިގައި އޮތް ސަންޓޯސްއާ ދެ ޕޮއިންޓާ ގާތަށް ޖެހިލައިފަ އެވެ. ސަންޓޯސް އަށް 21 ޕޮއިންޓް ލިބިފައި ވާއިރު، ވަސްކޯ ވަނީ އެއް މެޗު މަދުން ކުޅެގެން، 18 މެޗުން 19 ޕޮއިންޓް ހަމަކޮށްފަ އެވެ.
މިހާތަނަށް ކުޅުނު 19 މެޗުން ސަންޓޯސް ވަނީ 10 މެޗުން ބަލިވެފަ އެވެ. ނަމަވެސް މިއީ މިހާ ތަފާތު ބޮޑުކޮށް އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.
އުމުރުން 33 އަހަރުގެ ނޭމާ މިހާތަނަށް މި ސީޒަންގައި ސަންޓޯސް އަށް ޖުމްލަ ހަ ގޯލު ޖަހައިދީފައި ވެ އެވެ. އޭގެ ތެރޭން ތިން ގޯލު ޖަހައިދީފައި ވަނީ ލީގުގަ އެވެ.
ރޭގެ ގޯލުތަކަކީ ކުޓީނިއޯ ދާއިމީ ކޮންޓްރެކްޓުގައި ވަސްކޯ އަށް ބަދަލުވި ފަހުން އޭނާ ލީގުގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ މި ސީޒަންގައި މިހާތަނަށް ޖުމްލަ އަށް ގޯލު ކާމިޔާބު ކޮށްފަ އެވެ.
މިއީ 2000ގެ މެދުތެރޭގައި އުމުރުފުރާގެ މުބާރާތެއްގެ މެޗެއްގައި މި ދެ ޓީމުގެ ކުރިމަތިލުމެއްގައި ދެ ކުޅުންތެރިން އިދިކޮޅުން ވާދަކުރި ފަހުން، މި ދެ ޓީމުގެ ޖޯޒީގައި ދެ ކުޅުންތެރިންގެ ފުރަތަމަ ކުރިމަތިލުމެވެ.
ބްރެޒިލް ލީގުގައި ކުޅޭ 20 ޓީމުގެ ތެރެއިން ފުލަށް ދާ ހަތަރު ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެ އެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތްކަމަށްވާ ކޮޕާ ލިބަޓެޑޯރެސްގެ ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އަދި ފަސްވަނަ އާއި ހަވަނައަށް މުބާރާތުގެ ކޮލިފައިން ޖާގައެއް ލިބޭނެ އެވެ.
މީގެ އިތުރުން، ލީގުގެ ހަތްވަނައިން ފެށިގެން 12 ވަނައިގައި ނިންމާ ޓީމުތަކަށް ސަރަހައްދުގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ކޮޕާ ސުދަމެރިކާނާގެ ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy