އަދާލަތު ޕާޓީ އަށް 20 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި އިޔާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
22 އޯގަސްޓް 2025 - 11:13
އަދާލަތު ޕާޓީ އަށް 20 އަހަރު ވީއިރު އެ ޕާޓީން ވުޖޫދުން ފޮހެލުމަށް "ބާރުގަދަ" ފަރާތްތަކުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމަކު އެކަން ކާމިޔާބު ނުވީ ހައްގު ބަސް ބުނާތީ ކަމަށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ނައިބު ރައީސް ޑރ. އިޔާޒު އަބްދުއްލަތީފު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މި އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އަދާލަތު ޕާޓީ އަށް 20 އަހަރު ވުމާ ގުޅިގެން އެ ކަން ފާހަގަކުރަން ބޭއްވި ޖަލްސާގަ އެވެ.
އަދާލަތު ޕާޓީގެ އިސް ފަނޑިޔާރުކަން ވެސް ކުރައްވާ އިޔާޒު ވިދާޅުވީ، ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ ޚަބަރުތައް މުޅި ދުނިޔެއަށް ހާމަކޮށްދޭ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށްޓަކައި މަރަމުންދާ ކަމަށާއި އަދާލަތު ޕާޓީއާ މެދު ވެސް މާޒީގައި ކަންތައް ވެފައި ވަނީ އެ ބީދައިން ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި އިޔާޒު ފާހަގަކުރެއްވީ 10،000 މެމްބަރުން ހަމަނުވާ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ވެސް އަދާލަތަށް އަމާޒު ކޮށްގެން ހިންގި އަމަލެކެވެ.
އަދާލަތު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އިމްރާން އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒު.---ފޮޓޯ؛ ފަޔާޒު މޫސާ| މިހާރު
"މީގައި ފޮރުވިފައިވާ ބޭނުމަކީ ކޮބައިތޯ؟ ބޭނުމަކީ އެއްކަލަ އަދާލަތު ޕާޓީ ވުޖޫދުން ފޮހެލުން. އެއީ ކީއްވެގެން؟ އެއީ އަދާލަތު ޕާޓީއަކީ ހައްގު ބަސް ބުނާ ބަޔަކަށް ވާތީވެ،" ގަލޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި އިޔާޒް ވިދާޅުވި އެވެ.
އަދާލަތު ޕާޓީއަކީ ހުރިހާ ކަމެއްގައި މަގު ދައްކައިދޭ ޕާޓީއެއް ކަމުގެ މިސާލު އިޔާޒުގެ ވާހަކައިގައި ދެއްކެވީ އެ ޕާޓީގެ ކުރީގެ އިސް ތަރުޖަމާން އަދި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން އެ ޕާޓީއާ ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަށެވެ.
އަދާލަތު ޕާޓީއަކީ "ރެފްރީ" ކަމަށް ޝަހީމް އެ ދުވަސްވަރު ވިދާޅުވެފައި ވާތީ އެ ބަހަށް ތާއީދު ކުރައްވަމުން އިޔާޒު ވިދާޅުވިގޮތުގައި އެ ޕާޓީ އައީ ރެފްރީއެެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
އަދާލަތު ޕާޓީގެ 20 އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ އެންމެ ސީނިއާ އެއް މެމްބަރު ޑރ. އިޔާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އެހެންވީމާ އެ ރެފްރީ ދެކެ ހިތްހަމަނުޖެހިގެން ރެފްރީގެ ދުވަސް ދުއްވާލުމަށްޓަކައި ފުރަތަމަ ކުރެވުނު މަސައްކަތަކީ 10،000 މީހުން ހަމަނުވާ ޕާޓީތަކަށް ބަޖެޓު ނުދޭ ގޮތަށް ހަމަޖެއްސުން. އެ ގޮތަށް ހަމަޖެއްސި ކަމުގައި ވިޔަސް ﷲ ގެ ރަހުމަތާ އެކީގައި އަދާލަތު ޕާޓީ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ ދުރު ވިސްނުމާ އެކުގައި، ވަރަށް ބުރަ މަސައްކަތުން 10،000 މެމްބަރުން ހަމަކުރެއްވި،" އިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގާނޫނަށް އިސްލާހަށް ފެތޭ ގޮތަށް 10،000 މެމްބަރުން އަދާލަތު ޕާޓީން ހަމަކުރުމުން ދެން ގެނައި ބަދަލަކީ އިނގިލީގެ ނިޝާން ނެތް މެމްބަރެއް ނަމަ ޕާޓީތަކުން ވަކިވާނެ ކަމަށް ނިންމުން ކަމަށެވެ. އިނގިލީގެ ނިޝާން ޖެހުން މަޖުބޫރު ނުކުރާ ދުވަސްވަރު އަދާލަތާ ގުޅުނު މެމްބަރުން ވެސް އެ ބަދަލާ އެކު ޕާޓީން ވަކިކޮށް "ހުސްކޮށްލީ" ކަމަށް އިޔާޒު ވިދާޅުވި އެވެ.
"ނުވި ތަނަކަށް އަޅުގަނޑުމެންގެ މެމްބަރުންނަށް ނުވެސް އެނގި މެމްބަރުން ވަގަށް ނަގައިގެން ގޮސް އެހެން ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި މިފަދަ އެތައް ބައިވަރު ޖަރީމާތަކެއް ހިންގަމުން ގެންދިޔަ،" މިހާރު 8،000 މެމްބަރުން ތިބި އަދާލަތު ޕާޓީއާ ގުޅޭ ގޮތުން އިޔާޒު ވިދާޅުވި އެވެ.
އަދި އެ ޕާޓީ ނިކަމެތި ކޮށްލުމުގެ ނިޔަތުގައި ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ "ކުޑަގޮޅިއެއްގައި" އެތައް ދުވަހެއް ވަންދެން ބޭއްވި ކަމަށް އިޔާޒު ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އިމްރާން އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒާއި އަދާލަތުގެ އެހެން ބައެއް ވެރިން.---ފޮޓޯ؛ ފަޔާޒު މޫސާ| މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި އިޔާޒު ވިދާޅުވީ، އަދާލަތު ޕާޓީ އަށް އެ ދުވަހު "ޖެއްސުންކުރި" މީހުން މިހާރު ތިބެން ޖެހެނީ "ޕާޓީގަނޑެއް ހަދައިގެން ގެއެއްގެ ސިޓިން ރޫމުގައި" ކަމަށެވެ.
އޭނާ އެހެން ވިދާޅުވީ، ޔާމީންގެ ޕީއެންއެފުން ރެއާ ހަމައަށް ޔާމީންގެ ގެކޮޅުގައި މަދު ބަޔަކާ އެކު ޖަލްސާ ބާއްވާތީ އެއީ ޔާމީންގެ "ނިކަމެތިކަން" ހާމަކުރެއްވުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.
"އެހެން ނަމަވެސް އަދާލަތު ޕާޓީ ﷲ ގެ ރަހުމަތާ އެކު މި އޮތީ ކޮޅަށް. އަދާލަތު ޕާޓީ މި އޮތީ ވަރުގަދަ އަށް. އަދާލަތު ޕާޓީއަކަށް އެއްވެސް ކަހަލަ ލޮޅުމެއް ނާދޭ. އެއީ ﷲ ގެ ރަހުމަތާ އެކުގައި އިހުލާސްތެރިކަމާ އެކު ކުރާ މަސައްކަތަކަށް ވާތީ، އިހުލާސްތެރިކަމާ އެކު ކުރާ މަސައްކަތުގައި މާތް ﷲ ސުބުހާނަހޫ ވަތައާލާ ކާމިޔާބީ ލައްވާނެ ކަމީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ޝައްކު ކުރާނެ ކަމެއް ނޫން،" އިޔާޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓްރަލަލާ
24 August 2025
ބާރުގަދަ މީހުން އެކަންޏެއް ނޫން. ޕާޓީގެ މީހުންގެ ސަބަބުން ތި ޕާޓި ޗާޓުން ގެއްލެމުން އެދަނީ. އުރައްޕެއް ނެތް ދޯހޮޅި މީހުންތަކެއް ތިބެގެން ވާނެގޮތް ތިވަނީ. ދީނުގެ ނަމުގަ އަމިއްލަ މަސްލަހަތު ކުރިއެރުވުން ހުއްޓަލާ!
ވފސދވސދޒ
23 August 2025
މިހާރުވެސް އެހެން ޕާޓީއެއްގެ ތައްޕާހުގައި އުޅޭ ބައެއް
ޗޮކެއް
23 August 2025
ތީގަ ނެތް ޕާޓީއެއްގެ އެއްވެސް ބުރަދަނެއް
ދާލު
23 August 2025
އަދާލު ޕާޓީއަށް ނުވަތަ އޭގައި އުޅުއްވާ، ބޭފުޅުންނަށް، ބައެއް ދިވެހި މުސްލިމުން ފަރާތްތަކުން ޖެއްސުމާއި ފުރައްސާރަކުރާކަން، މިތާނގައިވާ ކޮމެންޓުތަކުން ވެސް އެބައެނގޭ. އެއީ ދެރަކަމެއް ތިމަންމެންނަކީ ކޮންބައެއްކަން ޚުދު ތިމަތިމާމެންނަށް ވެސް ނޭނގޭކަން. ތިބުނާ ގޮތްނޫން މީހެއް ތިބުނާގޮތް ނޫން އެހެން ޕާޓީއެއް އެބައޮތްބާ؟
ވާންޗޯ
23 August 2025
ލޮލް
ޢަދުލު އިންޞާފު
23 August 2025
ދެއަނގައިން ވާހަކަ ދައްކާ މީހުން މިރާއްޖޭގައި އުޅޭތަ؟
ޚަިސިކސ
23 August 2025
އުވާލަން ޖެހޭ ޕާރޓީއެއް ތީ. ދީނީ ކަންކަން ކުރަން ޖަމިއްޔާ ހެދީމަ ރަނގަޅު ވާނެ. ސަރުކާރުން ދޭ ފައިސާ ނަގަން ކޮންމެހެން ޕާރޓީ ހަދާނެ ކަމެއް ނެތް
ޑރ ވާންޗޯ
22 August 2025
ތިޔަޕާޓީ އުވާލާކަށް ބަޔަކުއެއްކަމެއްވެސް ކުރާކަށް ނުޖެހޭނެ. ޕާޓީގެ ބޮޑޭ ބެންގްކޮކްގަ. ދެންތިބިއެންމެންވެސް އަމިއްލަ އެދުމާއިގެން ދަންޖެހޭހާލުގަ.
1206
22 August 2025
އަދާލަތު ޕާޓީ އަށް މިހާރު އެއްވެސް އިތުބާރެއް ނުކުރަން. ސިޔާސީ އެއްވެސް ކަމެއްގައި އަދާލަތު ޕާޓީ ދޭ ލަފަޔަކީ އެއްވެސް އެއްޗަކަށް ނުބަލާނަން.
އާފް
22 August 2025
އުވާލަން ޖެހޭ ރައްޔިތުން ގެ ލާރި ބަނޑުއެޅުން ކުރާކަމަކީ