ޣައްޒާގައި ބަނޑުހައިހޫނުކަމުގައި އުޅެން ޖެހިފައިވާ ބައެއް ކުދިންގެ ފޮޓޯތަކާ އެކު އިޒްރޭލުގައި ހަނގުރާމައާ ދެކޮޅަށް މުޒާހަރާކުރަނީ: އިޒްރޭލުން ބުނަމުންދަނީ ޣައްޒާގައި ކާބޯތަކެތި އެބަހުރި ކަމަށް. -- ފޮޓޯ: އޭއެފްޕީ
23 އޯގަސްޓް 2025 - 06:21
އިޒްރޭލުން ގަސްތުގައި އަޅަމުންދާ ހުރަސްތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށްޖެހިފައިވާ ކަމަށް އދ. އިން އިއްޔެ ރަސްމީކޮށް ކަނޑައަޅައި އިއުލާނުކޮށްފި އެވެ.
އިޒްރޭލުން މެދުނުކެނޑި ހަމަލާ ދެމުން ގެންދާތާ 22 މަސް ދުވަސް ފަހުން އދ. އިން މިގޮތަށް ކަނޑައެޅުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ ދޮގެއް ކަމަށް ބުނެ އދ. ކުށްވެރިކޮށްފަ އެވެ.
އދ.ގެ އިއުލާނާ އެކު ހަމާސް އިން ވަނީ ހަމަލާތައް ހުއްޓުމަކަށް ގެނެސް ޣައްޒާގެ ހިސާރު އުވާލައި އާންމުންނަށް ކާބޯތަކެތި ލިބޭނެ ގޮތް ހަދައިދޭން އދ. އަށް ގޮވާލައިފަ އެވެ. އަނެއްކޮޅުން، އިޒްރޭލުގެ ހަރުކަށި ޑިފެންސް މިނިސްޓަރު ވަނީ އދ.ގެ ރިޕޯޓަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށް ބުނެ ކުރިއަށްވުރެ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ރޯމްގައި ހުންނަ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން އިނީޝިއޭޓިވް (އައިޕީސީ) އިން ބުނި ގޮތުގައި ޣައްޒާ ސިޓީ ހިމެނޭ ގޮތަށް ފަލަސްތީނުގެ ފަސްބައިކުޅަ އެއްބައި ހިމެނޭ ޣައްޒާ ސަރަހައްދުގެ 500،000 މީހުންނަށް ކާރިސާގެ އަސަރު ދަނީ ކުރަމުންނެވެ.
އައިޕީސީން ލަފާކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ދީރުލް ބަލަހް އާއި ޚާން ޔުނިސް ސަރަހައްދަށް މި ކާރިސާ ފެތުރި، ގާޒާގެ ތިންބައިކުޅަ ދެބައި މީހުންނަށް މިކަމުގެ އަސަރު ކުރާނެ އެވެ.
އދ.ގެ އެހީގެ މަސައްކަތުގެ ިއސް ވެރިޔާ ޓޮމް ފްލެޗާ ވިދާޅުވީ، މިއީ ކުރިމަތިނުވެ ސަލާމަތްކުރެވޭނެ ކާރިސާއެއް ކަމަށާއި، އިޒްރޭލުން ނިޒާމީ ގޮތުން ހުރަސް އެޅުމުގެ ސަބަބުން، ކާބޯތަކެތި ފޯރުކޮށްދެވެން ނެތިގެން މި ހާލަތު ކުރިމަތިވީ ކަމަށެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މި ހާލަތު މިހެން ދެމި އޮތުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކާ ތުރުކް ވިދާޅުވީ ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. އަދި މި މައްސަލައިގައި ނަތަންޔާހޫ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ނަތަންޔާހޫ އަމުރު ނެރެފައިވާކަން ފާހަގަކުރެއްވި އެވެ.
އައިޕީސީގެ ރިޕޯޓުގައި ބުނެފައިވަނީ ޣައްޒާގެ ފަސް ލައްކައަށްވުރެ ގިނަ މީހުންނަށް ބަނޑުހައިހޫނުކަމާއި ފަގީރުކަމާއި މަރަށް ހުށަހެޅިފައިވާ ކަމަށެވެ.
ޣައްޒާ މި ހާލަތުގައި އޮތް އިރު އިޒްރޭލުން މިހާރު ގެންދަނީ މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިއުމަށް ހަމަލާތައް ވަރުގަދަކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޮޖިކް
24 August 2025
މިމައްސަލާގަ އަރަބިންނަށް މިބަވަނީ އަރަބިން ދިނިއްޔާނޫނީ ކާންނުލިބޭގޮތަށް އައިސްތިބި ބައެއްތަ ފަލަސްތީނު މީހުންނަނީ
ސްކޭމް
24 August 2025
މީކަމުން އަހަންނަށް ވިސްނުނީ ދުނިޔޭގަ ހިނގަނީ ދުނިޔެވީ ތަބީއީ ގާނޫނުކަން
މަރުޖާނު
24 August 2025
ދެން........ ކީއްކުރާ އދ އެއް.... އުވާލާ
ސަލީމު އިދުރީސް
24 August 2025
ކިތައް ދިވެހިންނައްބާ ކެރޭނީ ފަލަސްތީނު ބަޑަން މަރުވަމުދާއިރު އެހެންމަގުސަދެއްގަ ސައުދީން މިގައުމައް ފޮނުވާ ކަދުރު މިފަހަރު ބޮއިކޮޓުކޮއް އަތްނުލާން! މަގޭގަމުވެސް އަތްނުލާނަން އެގޮތައް ތިބިމީހުން ކޮޓައްލައިކު ދެއްވާ
ދައްޖާލުން
24 August 2025
ދެވަނަ ބޮޑުހަނގުރާމައަށްފަހު، މުސްލިމުން ނިކަމެތިކުރަން ރީތި ނަންނަން ކިޔައިގެން އުޅޭ އެންމެ މުހިންމު ހަތިޔާރު.
އަޖާއިބުގެ ޖަވާބު
23 August 2025
ބަނޑަށް ޖެހިފައިވާ ސަރަހައްދެން ނޫން. ބަނޑަށްޖައްސާފައިވާ ސަރަހައްދެއް
އެނަލިސްޓްް
23 August 2025
ޔޫއެންއަކީ ސުރުހީ އަޅާލަން އޮންނަ ކޮމިޓީއެއް، ކުށެއްނެތް ބަޔަކު ޤަތުލު ކުރަމުންދާއިރު ނަންބަރު ކިޔާފައި އާ މިހާރު ދެން އެމީހުން ބަނޑަށް ޖެހިއްޖޭ ބުނީމަ ނިމުނީ. އެކަން ކުރަނީ އިޒްރާއިލް އޭ އެމީހުން ހުއްޓުވަން އެންމެން ނިކުންނަންވެއްޖެޔޭ ނުބުނާނެ! އެހެން ބަޔަކު ހުއްޓުވަން އުޅެފިއްޔާ ވަގުތުން ޓެރަރިސްޓް ލޭބަލްކޮށް ބާރު ހުރި ޤައުމު ތަކަށް އެކަން ހުއްޓުވަން އަންގާނެ. ޔޫއެން އަކީ އިސްތިރުމާރީ އެމެރިކާ އަދި އިނގިރޭސި ވިލާތުގެ ނިވާފަތްގަޑެއް.
ސަލީމު އިދުރީސް
23 August 2025
އަރަބިން ކެއްޔާ ދިވެހިން ތިބޭނީ ކައިގެނޭ ބުނާ ސިއާސީ މީހުން ކޮންމެފަދަ ދޮގެވެސް ހަދާނޭނެ! ކައިރީގެ ތިބި އަބިން ބަޑަން މަރުވަނީ އަދިވެސް ދިވެހިން ތިބީ އުރިއައްވުރެ ބޮޑައް އަރަބިންގެ ސުކޭމުގަ ޖެހިފަ
ހުސައިން
23 August 2025
"ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ ދޮގެއް ކަމަށް ބުނެ އދ. ކުށްވެރިކޮށްފަ އެވެ." އެންމެ ދޮގު ހަދާ މީހާ މިބުނަނީ އެހެން މީހުން ދޮގު ހަދާ ވާހަކަ. ކޮންބައެއް އެވާހަކަ ގަބޫލު ކުރާނީ؟
ފުރޭތަ1
23 August 2025
ރަސްމީ ރަސްމީ ކޮށް ވާނެ އަދި ކަނޑަ އަޅަން. އދ އަކީ މުސްލިމު ގައުމުތަކާއި ފަގީރު ގައުމުތައް ކޮންޓްރޯލް ކުރަން ގެންގުޅޭ އިސްތިޢުމާރީ އާ ވާޝަންއެއް ކަން ފެނި ޔަގީން މިވަނީ