ސާފް ސުޒުކީ ކަޕުގައި ސެންޓޭ ގައުމީ ޓީމަށް ކުޅެނީ. -- މިހާރު ފައިލް ފޮޓޯ
25 އޯގަސްޓް 2025 - 23:22
މިވަގުތު ދެ ވަނަ ޑިވިޝަނުގައި އޮތް އެކަމަކު ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ދިވެހި ފުޓްބޯޅައިގެ ގަދަބާރު ނިއު ރޭޑިއަންޓުން ކުޅަދާނަ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ ސޮއި ހޯދައިފަ އެވެ.
މިދިޔަ ދެ ސީޒަނުގައި މާޒިޔާ އަށް ކުޅުނު ސެންޓޭ ނިއުއާ ގުޅުނުކަން އެ ކްލަބުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، ނިއުގެ ޗެއާމަން އަހުމަދު މުބީން ވަނީ ސޯޝަލް މީޑިއާގައި "އަލީ ފާސިރު: ނަމްބަރު 10" ޖައްސަވައި، އެކަން ނުސީދާކޮށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ލީގުގައި ހިމެނޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މާލީ ހާލަތު ހުރި ގޮތުން މުބާރާތުން ވަކިވުމުން އެ ޖާގަ ލިބޭނީ، އެންމެ ފަހުގެ ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ނިއު ނުވަތަ ޓެންޓް ސްޕޯޓްސް އަށެވެ. އެފްއޭއެމްގެ އެކްސްކޯ އިން އެ ޖާގަ ދޭނީ ސެމީން ބަލިވި ދެ ޓީމުގެ ތެރެއިން އެންމެ މަދުން ބައިކޮޅަށް ގޯލު ވަން ޓީމަށް ކަމަށް ވާހަކަތައް ދެކެވެ އެވެ. އެ ހާލަތުގައި އެ ފުރުސަތު ލިބޭނީ ނިއު އަށެވެ.
ނިއު އިން އަންނަނީ މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދައި ވަރުގަދަ ސްކޮޑެއް ބިނާކުރަމުންނެވެ. އަދި އެ ޓީމުން ވަނީ ކޯޗަކަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން ހަމަޖައްސައިފަ އެވެ. އެންމެ ފަހުން ގައުމީ ޓީމުގެ ކޯޗުކަންކުރި ސުޒޭނަކީ، ނިއުއާ އެންމެ ވާދަވެރި ވިކްޓްރީ އަށް ކުރިން ކުޅެ އެ ޓީމުގެ ކޯޗުކަންކޮށްފައިވާ މީހަކަށްވާތީ، އޭނާ ނިއުއާ ގުޅުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ހަބަރެކެވެ.
އެކަމަކު ނިއު އަށް މިރޭ ސޮއިކުރި ސެންޓޭ އަކީ، އެ ޓީމަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން ކުޅެ އެތައް ކާމިޔާބެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭވައިއެލް އިން ވިދާލި ސެންޓޭ އެންމެ ފުރަތަމަ ނިއު އަށް ކުޅުނީ 2011 ގަ އެވެ. އޭގެ ފަހުން 2013 ގައި ބަދަލުވެ، ނިއު އިން އެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ، ހުރިހާ މުބާރާތެއް ކާމިޔާބުކޮށް، އޭއެފްސީ ކަޕުގެ ކުއާޓާ އަށް ދިޔައިރު ސެންޓޭ މުހިއްމު ދައުރެއް އަދާކުރި އެވެ.
ނިއު އަށް 100 އަށް ވުރެ ގިނަ ލަނޑު ޖަހައިދީ އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ސެންޓޭ އަކީ، އެ ޓީމުން 2014 ގައި ގައުމީ މުބާރާތް މިލްކުކުރިއިރު ފައިނަލުގައި އީގަލްސް ކޮޅަށް ހަމައެކަނި ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެ އެވެ. އޭނާ ތިން ވަނަ ފަހަރަށް ބަދަލުވީ 2017 ގަ އެވެ. އެ ފަހަރު ދެ ސީޒަން ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިނިހިނި ތަކުރު
26 August 2025
ސެންޓޭއަށް 10 ނަންބަރު ޖާރޒީ ލެވިދާނެ. ކުޅެވޭނެ ފުޓްބޯޅައެއް މިހާރަކު ނެތް. ޒުވާން ހުނަރުވެރި ކުދިން ހޯދައިން ޓީމެއް ބިލްޑްކުރުން އެއީ ކުރަންވީ ކަމަކީ…
ކޮންތާކު
26 August 2025
އިސްލާހު ކޮށްލާ... ފުޓްބޯޅައިގެ ކުރީގެ ގަދަބާރު.
ކިންގު
26 August 2025
އަދިވެސް ގަދަ ބާރެއް އެއީ، ނިއުރޭޑިއަންޓު ހޯދާފައިވާ ކާމިޔާބީތަކާ ގާތްކުރެވޭނެ އެއްވެސް ބަޔަކު މިގައުމުގަ ފުޓުބޯޅައެއް ނުކުޅޭ
ޞަމާސާ
26 August 2025
ސޮރީ ބުރޯ ވިކްޓަރީ އާއި ގާއްކުރާ ކުލަބް ރަނގަޅު ގޮތަކީ އެއީ ރަނގަޅު ކޮއްލާ