ބ. އޭދަފުށީގެ މަޝްހޫރު މުހައްމަދު ފާސިރު (ފާއްޓޭ) ނިއު ރޭޑިއަންޓަށް ސޮއިކޮށްފި އެވެ.
ފުރަތަމަ ޑިވިޝަނުގައި ކުޅެން ފާއްޓޭ، އެނބުރި އަންނަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ.
ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޯލް ޔޫތު ލިންކޭޖް (އެވައިއެލް) އާއި އީގަލްސް އަށް ވެސް ފާއްޓޭ ވަނީ ކުޅެފަ އެވެ. މިދިޔަ އަހަރުގެ ގޯލްޑް ކަޕް އޭދަފުށީ ޓީމަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ޓީމުގެ ކެޕްޓަން ފާއްޓޭ އަކީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ.
ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ، ފާއްޓޭ ނިއު އަށް ސޮއި ކުރުމުން އެ ދެ ބެންގެ ކުޅުން އަނެއްކާވެސް އެއް ޓީމެއްގައި ގަލޮޅު ދަނޑުން ފެންނާނެ އެވެ. ގޯލްޑް ކަޕްގައި ވެސް އެ ދެބެއިން ވަނީ އޭދަފުށީ ޓީމަށް އެކުގައި ކުޅެފަ އެވެ. އަދި ކުރިން އޭވައިއެލް އާއި އީގަލްސް އަށް ވެސް ދެ ފާސިރު އެކުގައި ކުޅުނެވެ.
ފާއްޓޭ، ފުރަތަމަ ޑިވިޝަނުގައި ކުޅެން އެނބުރި އެ އަންނަނީ 15 އަހަރަށް ފަހު އެވެ. އޭނާ އެންމެ ފަހުން އެއްވަނަ ޑިވިޝަނުގައި ކުޅުނީ 2009 ގައި އޭވައިއެލްގަ އެވެ. އެ އަހަރު އޭނާ އަށް ލިބުނު ބޮޑު އަނިޔާ އެކު ފުރަތަމަ ޑިވިޝަނާ ދުރައް ޖެހިލި އެވެ. އެކަމަކު އެފްއޭއެމުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށީ ޓީމަށް އަދި ފްޓްސަލްގައި އުރީދޫ އާއި އޭދަފުށީގެ ޓީމަށް ވެސް އޭނާ ކުޅުނެވެ.
ސެޕްޓެމްބަރު މިޔަންމާގައި ކުޅުނު އޭއެފްސީ ފުޓްސަލް ކޮލިފައިންގައި އޭނާ ކުޅެފައިވެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ބުރަށް ފަހު މިހާރު ކުރިއަށްދަނީ ސީޒަންގެ ދެވަނަ ޓްރާންސްފާ ޕީރިއަޑެވެ. ލީގުގެ ދެވަނަ ބުރު މި މަހު މެދުތެރޭގައި ފަށާނެ އެވެ. ދެވަނަ ބުރުގެ ޝެޑިއުލް އެފްއޭއެމުން އަދި އާންމު ނުކުރެ އެވެ.