ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ލިބޭ މީހަކު ދޫކޮށްލި އަމުރު ބާތިލްކޮށް ހައި ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައި. -- ފޮޓޯ: މިހާރު
27 އޯގަސްޓް 2025 - 10:07
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު ބަލި ކަމަށް ބަލައި ޝަރުތުތަކާ އެކު ދޫކޮށްލި އަމުރު ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ދެކުނުގެ ރަށެއްގެ މީހެއް ކަމަށްވާ އަހްމަދު މޫސާ ކުށުގެ ތުހުމަތަށް ހައްޔަރުކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާ ވަނީ އޭނާގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފަ އެވެ.
ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ފެންނާތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރީ މާޗް 9 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ފަހު މާޗް 14 ވަނަ ދުވަހު އެވެ.
އެކަމަކު އޭގެ ފަހުން އަހްމަދު މޫސާގެ ފަރާތުން ކޯޓަށް މެޑިކަލް ލިޔުންތަކެއް ހުށަހަޅައި އޭނާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށާއި ކޮންމެ ތާކަށް ދިޔަޔަސް ދަނީ މީހަކާ އެކީގައި ކަމަށާއި އެހެންވެ އޭނާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއް ނޫން ކަމަށް ބުނެފައިވެ އެވެ.
އުމުރުން 60 އަހަރުން މަތީގެ މީހެއް ކަމަށްވާ އަހްމަދު މޫސާގެ ފަރާތުން ބުނެފައިވަނީ އޭނާ އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށާއި ދެ ކިޑްނީގައި މައްސަލަ ޖެހިފައިވާ މީހެއް ކަމަށާއި ތައިރޮއިޑް ބައްޔާއި ރާއްޖެ ބައްޔާއި ނަފްސާނީ ބައްޔާއި ހިތުގެ ބައްޔަށް ވެސް ފަރުވާ ހޯދަމުން އަންނަ ކަމަށް ބުންޏެވެ. އަދި ހައްޔަރުކުރީ ކެންސަރަށް ޓެސްޓުކުރުމަށް ޑޮކްޓަރު ލަފާ ދީފައިވަނިކޮށް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް މި ލިޔުންތަކާ ގުޅިގެން ދައުލަތުން ވަނީ، އެ ލިޔުންތަކަށް ބަލައި އަހްމަދު މޫސާ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ. އެކަމަކު މެޖިސްޓްރޭޓް ކޯޓުން ނިންމީ ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަމުގައި ފުލުހުންގެ ހުއްދައާ އެކު ބޭރަށް ދެވޭ ގޮތަށް އަދި އަނިޔާ ލިބުނު ކުއްޖާ އާއި އެ ކުއްޖާގެ އާއިލާ އާއި ރައްޓެހިންނާ މުއާމަލާތު ނުކުރުމަށާއި އަންގާ ދުވަސްތަކަށް ކޯޓަށް ހާޒިރުވުން ފަދަ ކަންކަމަށް ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށެވެ.
ދައުލަތުން މި ނިންމުން އިސްތިއުނާފުކުރުން އަމުރު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައިވަނީ ބަލި ހާލަތާ ބެހޭ ގޮތުން ހުށަހަޅާފައިވާ ލިޔުންތަކުގައި އަހްމަދު މޫސާ ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށް ބުނަނީ ކޮން ލިޔުމަކަށް ބަލައިގެންތޯ ސުވާލުކުރުން އެއަށް ޖަވާބެއް ދެވިފައިނުވާ ކަމަށެވެ. އަދި އޭނާ އަކީ މިހާރުވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް މީހެއް ކަމަށް ބަލައި ހައި ކޯޓުން ނިންމީ ބަންދުން ދޫކޮށްލަން ނެރުނު އަމުރު ބާތިލްކުރުމަށެވެ.
އަމުރު ބާތިލްކޮށް ބުނެފައިވަނީ ބަންދާ މެދު އަލުން ގޮތެއް ނިންމަން، އިއްޔެއިން ފެށިގެން ފަސް ދުވަސް ތެރޭ ހުށަހަޅައިފި ނަމަ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
27 August 2025
ނުޖެހޭބައްޔެއްވެސް ނެތް، ޖެހިދާނެކަމަށް ނުފެންނަ ބައްޔެއްވެސްނެތް، އެކަމަކުވެސް ކުޑަކުދިންފެނުނީމަ ހޭބަލި.