އެމްއެމްސީގެ ރައީސް ސަގީފް (މ) މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްއެމްސީ
27 އޯގަސްޓް 2025 - 23:56
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމުގައި އަމަލުކުރި ގޮތާ މެދު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ބިލު މަޖިލީހުން ބަލައިގަތީ މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގަ އެވެ.
ބިލު ބަލައިގަތުމަށް ޕީއެންސީގެ 49 މެމްބަރުންގެ ވޯޓު ދެއްވިއިރު ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ. އެ ބިލު ބަލައިގަނެ، ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވައިފަ އެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލް ފާސްކުރީ، އެ ބިލް ބޭރުކޮށްލަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެ ނޫސްވެރިން މުޒާހަރާ ކުރަމުންދަނިކޮށެވެ. އަދި ބިލުގެ ބަހުސް ނިންމާލީ ކަމަށް ރިޔާސަތުން ވިދާޅުވެ، ޖަލްސާގައި ހުސް ވަގުތުކޮޅަށް ދާން ނިންމުމުން ނޫސްވެރިން ވަނީ އިހުތިޖާޖު ނިންމާލައިފަ އެވެ.
އެކަމަކު ނޫސްވެރިން މަޖިލިސް ދޮށުން ދިޔަ ފަހުން މެންދުރު 1 ޖަހާއިރު ވޯޓަށް އަހަން އޮތް ވަގުތުގައި ރިޔާސަތުން އަލުން އެ ބިލުގެ ބަހުސް ފެށި އެވެ. އެހެންވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލީއާގޭޣޭ ދޮށުގައި ވެސް ނުރުހުން ފާޅުކޮށްފަ އެވެ.
އެމްއެމްސީން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ މެމްބަރު ނަޖާހު ވާހަކަ ދައްވަނީ.---ފޮޓޯ: އެމްއެމްސީ
އެމްއެމްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލުގެ ރައީސް ހުސެއިން ސަގީފު ވިދާޅުވީ ބިލުގެ މަސައްކަތް ކުރިއަށް ނުގެންދަން އެދިފައި ވަނީ ބިލާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. އަދި ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިންނާއި މީޑިއާ ކައުންސިލުގެ ކުރީގެ ރައީސުންނާއި މެމްބަރުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވެސް އޭގެ ކަންބޮޑުވުން ފާޅުކުރުމަކީ ވެސް ބިލް ބަލައިނުގަންނަން އެމްއެމްސީން އެދުނު އެއް ސަބަބު ކަމަށް ސަގީފް ވިދާޅުވި އެވެ.
"ނޫސްވެރިންނަށް މީގެ ކުރިން ވެސް އެކި ގޮންޖެހުންތައް އެކި ސިފަސިފައިގައި އާދޭ. މި ކަންކަމަށް ބައެއް ފަހަރު މަޝްވަރާ ކޮށްގެން ހައްލުތަކެއް ގެނެވޭ. މި ފަހަރު ވެސް އަޅުގަނޑުމެންގެ އުއްމީދަކީ މި ކަންބޮޑުވުންތައް އަޑުއައްސަވައި، އެދެވޭ ސިފައެއް އަދި އިޖާބަ ދެއްވުން،" އޭނާ ވިދާޅުވި އެވެ.
ސަގީފް ވިދާޅުވި ގޮތުގައި މި ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި، ދިވެހިރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ދިއުމުގެ ބިރު އެބަ އޮތެވެ.
ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މީޑިއާ ކައުންސިލުގެ މެމްބަރު ހަފްސީ އަބްދުﷲ ވިދާޅުވީ ބިލު މަޖިލީހުން ބަލައިނުގަތުމަށް އެދި ނޫސްވެރިން އާދޭސް ކުރަމުންދިޔައީ މިއީ މަޝްވަރާއަށްދާ ވަރަށް ވުރެ ވެސް ގޯސް ބިލަކަށް ވާތީ ކަމަށެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލާ ދެކޮޅަށް ނޫސްވެރިން މުލިއާގޭ ކައިރީގައި އިހުތިޖާޖުކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހަފްސީ ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑު ނާހައި، ނޫސްވެރިންނަށް ވެސް އިހުތިރާމެއް ނެތް ގޮތަށް މަޖިލީހުން އަމަލުކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިއަދުގެ އަޅުގަނޑުގެ ކަންބޮޑުވުމަކީ ބިލު ބަލައިގަތުމުގެ މަރުހަލާ އެ ކުރިއަށް ގެންދިޔަ ގޮތް. ނޫސްވެރިންނަށް ބީރު ކަންފަތެއް ދިން ދިނުން. ތަކުރާރުކޮށް ރާއްޖޭގެ އެންމެ ސީނިއާ ނޫސްވެރިން އެކި ލެވެލްގެ ނޫސްވެރިން އެ ކުރި މަސައްކަތްތަކަށް، ނޫސްވެރިންނަށް އެއްވެސް އިހުތިރާމެއް ނެތް ގޮތަށް ކުރި ކުރުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ހަފްސީ ވިދާޅުވި އެވެ.
"ނޫސްވެރިންނަށް ކުޑައީމީސްކޮށް، ނޫސްވެރިންނަކީ އެއްވެސް ބައެއް ނޫން ގޮތަށް ވާހަކަ ދެއްކެވި ދެއްކެވުން [މަޖިލިސް ތަޅުމުގައި މެމްބަރުން].
ބައެއް މެމްބަރުންގެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ހަފްސީ ވިދާޅުވީ އެ މެމްބަރުންނަށް ދިމާވި ކަންކަމާއި އެކަމަށް އިންސާފު ނުލިބިގެން އެ ވާހަކަތައް ތަޅުމުގައި ދެއްކެވި ކަމަށާއި އެކަމަކު މިހާރު ވެސް އެފަދަ ކަންކަން ބަލަން މުއައްސަސާތައް އެބަ ހުރި ކަމަށެވެ. އެ މެމްބަރުން ބޭނުންވާ އިންސާފު އެ ތަންތަނުން ނުލިބުމަކީ މީޑީއާގެ އޮނިގަނޑު ހިފަހައްޓަން ޖެހޭ ކަމެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އެމްއެމްސީގެ މެމްބަރު ނަހުދާ ފާއިޒް ވެސް ވަނީ އަވަސް އަރުވާލައިގެން ބިލް ފާސްކުރަން މެމްބަރުން އަމަލުކުރެއްވި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ގާނޫނުއަސާސީން ދީފައި އޮތް ހައްގުތަކެއް ނިގުޅައިގަނެވޭ ގޮތަށް އޮތް ބިލަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދަނީ އަމިއްލަ ހައްގުގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ބިލު ފަރުމާކޮށްފައި އޮތީ ހަމައެކަނި ނޫސްވެރިންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓަން ނޫން ކަމަށާއި ބިލު އޮތީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރާ މީހުންނާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ވެސް އޭގެ އަސަރުކުރާ ގޮތަށް ކަމަށް ނަހުދާ ވިދާޅުވި އެވެ.
އެހެންވެ، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައްވައި، އޭނާ ވަނީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކުރުމަށް އެދިފަ އެވެ.
މެމްބަރު މުހައްމަދު މުޒައްޔިން ނާޒިމް ވިދާޅުވީ، އާ ބިލު ފަރުމާކޮށްފައި އޮތީ ކުރިން ހުށަހެޅި ބިލަށް ވުރެ މާ ގޯސްކޮށް ކަމަށެވެ. އެހެންވެ، މީޑިއާތަކުން ރައީސްގެ އަރިހުން އެދެނީ ކުރީގެ ބިލު ބޭރުކުރުމަށް އެދިވަޑައިގަތް ގޮތަށް މި ބިލު ވެސް މަޖިލީހުން ބޭރުކޮށްލުމަށް ޕީއެންސީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަތުމަށް ކަމަށް މުޒައްޔިން ވިދާޅުވި އެވެ. .
"މަޖިލީހުން މި ބިލު ފާސްކޮށްފި ނަމަ، ރައީސް މި ބިލު ތަސްދީގުނުކުރުމަށް އަޅުގަނޑުމެން ނޫސްވެރިންގެ ފަރާތުން ގޮވާލަމޭ."
އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ.
މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ނޫން ކަަމަށާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވުމުގައި ވެސް އެ މަނިކުފާނަށް ކޮންޓްރޯލް އޮންނަ ގޮތަށް ބާއްވަން ބޭނުންފުޅު ނުވާތީ އެ ބައިތައް އިސްލާހު ކުރަން ޕީއެންސީގެ މެމްބަރުންނަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ހަފުތާގައި ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާ ހިސާބަށް ހިނގައްޖެ ނަމަ، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް މިހާރު ދަންނަވާފައި ވާނީ ކޮމިޝަނަށް އައްޔަންކުރާ ހަތް މެމްބަރުންގެ ތެރެއިން ބޭފުޅަކު އެ ކޮމިޝަންގެ ރައީސަކަށް ހަމަޖައްސާ ގޮތަށް ބިލް އިސްލާހު ކުރަން ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކީ މީޑިއާ އަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް. މީޑިއާ ވާން ޖެހޭނީ މިނިވަންކަމާ އެކު އޮޕަރޭޓް ކުރާ ބަޔަކަށް،" މި ހަފުތާގައި ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނޮޅިވަރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި އޮންނަން ވާނީ ފުރިހަމަ މިނިވަންކަން އޮންނަ ގޮތަށް، ދެފުށް ފެންނަ ގޮތަށް، ޒިންމާދާރުކަމާއެކީގައި ހިންގޭ މީޑިއާއެއްގެ ގޮތަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަޑުބަޑު
28 August 2025
ނޫސްވެރިކަމަކީ މުޖުތަމަޢު ފަސާދަކުރާ ބަޔަކަށްވެގެން ނުވާނެ. ކޮންމެ ފަރުދަކަށް ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަމުގެ ބޭރުން ނޫސްވެރިޔާއަކީ މުޅިން އާ ބާވަތެއްގެ، ހުދޫދެއްނެތް މިނިވަންކަމެއް ލިބިފައިވާ މީހެއްނަމަ މުޖުތަމައު ފަސާދަވާނެ. އެކަން މިހާރު މިދަނީ ފެންނަމުން. އެހެން ވަޒީފަާތައް ފަދައިން ނޫސްވެރިކަމުގެ އިލްމު އުނގެނިފައިތިބި ލައިސަންސް ލިބިފައިވާ ބަޔަކަށް މެނުވީ ނޫސްވެރިކަން ކުރެވިގެންވާނެ ކަމަކަށް ނުދެކެން.
ވަނގާރު
28 August 2025
މިފަދަ ބިލަކީ ނޫސްވެރިންގެ އަމަލުތަކުން އުފަންވި ބިލެއްކަން ހަނދާން ކުރާތި. ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރާ އެއްވެސް މަންސައަކަށް ބިރެއް ނެތް. ސާބިތު ނުހިފޭ ވާހަކަ ދައްކަން ޤަޞްދުކުރާ ތަންތަން އެކަނި މިބިލުން ބިރުގަންނަން ޖެހެނީ.
ގާއިދްް
28 August 2025
ނޫސްވެރިކަން ޒިންމާދާރުކޮށްގެން ނޫންގޮތަކަށް މިގައުމުގެ އަމަންއަމާންކަން ނުހިފެހެެއްޓޭނެ.
ފެންފިޔާޒްް
28 August 2025
ނޫސްވެރިކަމަކީ އަނެކާގެ ހައްޤަށް އަރައިގަތުމެއްނޫން. ހައްޤުތަށް ހިމާޔަތްކުރަން މި ގޮވާލަނީ. އެކަމާ ދެކޮަޅަށް މަސައްކަތް ކުރާ ކޮންމެ މީހަކީ މީހުންގެ ހައްޤަށް އަރައިގަންނަން މަސައްކަތް ކުރާ މީހެއް.
އަންސާމްް
28 August 2025
ނޫސްވެރިންނަށް ހިތުހުރި އެއްޗެއް ބުނުމުގެ ހައްޤު އޮންނާކަށް ނުޖެހޭ. ބިލް ފާސްކުރޭ
ކޮން
28 August 2025
ހަމައެކަނި ކަންބޮޑުވުނަތަ ފާޅުކުރީ..
އަލީ+
28 August 2025
އެމްއެމްސީގެ ރައީސް ސަގީފްއަކީ އެއްވެސް އޮޓަރެއް ހުރި މީހެއް ނޫން. މީނައަކީ އޭނަގެ ބޭބެގެ ނުފޫޒުން ހޮވިފަ ހުރި މީހެއް.
ޖަލީލާ
28 August 2025
ނޫސްވެރިން ވެސް އެދޭންވާނީ ހިތައް ކުޅަދާނަ ކަންކަމާއި ތިޔަ ބޭފުޅޫންނަކީ ޒިއްމާއެއް ނެތް ބައެއް ނޫން
ރާވެރިބެ
28 August 2025
މިބިލަކީ ސަރުކާރުން ބޭނިންވެގެން ބޭނުންވާ ގޮތަށް ހުށަހަޅާފަ އޮތް ބިލެއް. އަސްލު ވަރަށް ބޯހަރު މީހެއްވީމަ ހީއެއް ނުވޭ ބަދަލު ކުރާނެހެން.
ޢަލީއ
28 August 2025
ނޫސްވެރިން ރައްޔިތުންގެ އަޑުއަހާބާ؟ ލިޔާނެ އެއްޗެއް ލިޔަނީ މީހުންގެ އަބުރަށް އަރައިގަންނަނީ، ދޮގު ލިޔަނީ، ކުޑަކުދިންގެ ކަރާމާތައް އަރައިގަންނަނީ، 7 އުޑުމަތިން ބާވައިލައްވާފައި އޮތް ފޮތް ނިކަން ކިޔާބަލަ އޭގެ މާނަވެސް ކިޔާބަލަ، ހަދީޘްތައް ކިޔާބަލަ، އޭރުން ތިފަތިވަރެއް ނުދަމާނެ. ޚަބަރު ލިޔޭ އަހަރެމެން ކިޔަންބޭނުން އެނގެންބޭނުން، އެވާންޖެހޭނީ 5 ކާފު ހަމަވާ ޚަބަރަށް.