ިއިރޭ (މ) މާޒިޔާގެ ޖާޒީގައި. -- މިހާރު ފައިލް ފޮޓޯ
29 އޯގަސްޓް 2025 - 09:08
ބާރަ އަހަރަށް ފަހު މާޒިޔާގެ ޖާޒީ ބޭލި ނަމަވެސް، އެ ޓީމަށް އަބަދުވެސް އިހުތިރާމު އޮންނާނެ ކަމަށާއި، އެ ޓީމާ މެދު ހިތް އޮތީ ޝުކުރުން ފުރިފައި ކަމަށް މުހައްމަދު އިރުފާން (އިރޭ) ބުނެފި އެވެ.
މާޒިޔާއާ އެކު ފާއިތުވި އަހަރުތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި އިރޭ މިހާރު ވަނީ އަންނަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅެން ސޮއިކޮށްފަ އެވެ.
އިރޭ "މިހާރަ"ށް ބުނީ މާޒިޔާގެ މަތިން ހަނދާން ނުނެތޭނެ ކަމަށާއި، އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއެރުމަށް އެންމެ ބޮޑު އެހީއެއްވީ އެ ޓީމުން ކަމަށެވެ.
"މާޒިޔާ އަށް އަބަދުވެސް ހިތުގައި އިހުތިރާމް އޮންނާނެ. މިވަގުތު ވެސް ބޭނުންވަނީ އެ ކްލަބަށް ޝުކުރުއަދާކުރަން،" އިރޭ ބުންޏެވެ.
އޭނާ ބުނީ މާޒިޔާ އިން ހުރިހާ ކަމެއް ކޮށްދިނީ ވަރަށް ފުރިހަމައަށް ކަމަށާއި، ޓީމުގެ ހިންގުންތެރިންނަށް، ހާއްސަކޮށް ސީއީއޯ އަހުމަދު ޝާފިއު (ކޮއްކީ) އަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.
"އެ ޓީމާ އެކު ހުރިހާ ކާމިޔާބެއް ހޯދިއްޖެ. ހަތަރު އަހަރު ކެޕްޓަން ބޭންޑް އަޅައިގެން ކުޅެވުނު. މިކަންކަން އަބަދުވެސް ހަނދާނުގައި ހުންނާނެ،"
އިރޭ ބުނީ މިވަގުތު އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ނިއުއާ އެކު ކާމިޔާބު ހޯދަން ކަމަށެވެ.
"ނިއުގެ ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ޓީމާ އެކު ކާމިޔާބު ހޯދަން ވަރަށް ބުރަކޮށް މަސައްކަތްކުރާނަމޭ،" އިރޭ ބުންޏެވެ.
މާޒިޔާގައި އިރޭ ދެއްކި މޮޅު ކުޅުމާ އެކު އަބަދުވެސް އެހެން ޓީމުތަކުން އޮފާ ލިބެ އެވެ. ހާއްސަކޮށް 2016 ގެ ސީޒަނަށް އޭނާ ވަރަށް ގިނަ ޓީމުތަކުން މަސައްކަތްކުރި އެވެ. އެކަމަކު އޭރު އޭނާ ނިންމީ ރަނގަޅު މެނޭޖްމަންޓެއް މާޒިޔާގައި އޮތުމާ އެކު މަޑުކުރާށެވެ.
ވެލެންސިއާ އިން ކެރިއަރު ފަށައި 2014 ގައި މާޒިޔާއާ ގުޅުނު އިރޭ އަށް އޮތް ހިތްހަމަޖެހުމަކީ ނިއުގެ ކޯޗުކަމާ އަލީ ސުޒޭން ހަވާލުވުމެވެ. މާޒިޔާގައި ސުޒޭން ހުރިއިރު މޮޅަށް ކުޅެ އެތައް ކާމިޔާބެއް ހޯދި އިރޭ އޭރު ވަނީ ސުޒޭނުގެ މަސައްކަތް ފާހަގަކޮށްފަ އެވެ.
"ފުޓްބޯޅައިގައި އެންމެ ގިނަ އެއްޗެއް ދަސްވީ ސުޒޭން ކޯޗުގެ ފަރާތުން. ކޯޗުގެ އިރުޝާދާ އެކީ މިހިސާބަށް އާދެވުނީ. ކުޅުން ރަނގަޅުކުރެވޭނެ ހުރިހާ ގޮތްތަކެއް ކިޔައިދީ މޮޅު ކުޅުންތެރިޔަކަށް ވާން ސުޒޭން ކޯޗު ވަރަށް އެހީވެދިން. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާނަން،" އިރޭ ކުރިން ބުނެފައިވެ އެވެ.
ސުޒޭންގެ އިރުޝާދުގެ ދަށުން އިރޭ ވަނީ 2014 ވަނަ އަހަރު ރާއްޖޭގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy