މެޗު ކާމިޔާބު ކުރުމަށް ފަހު ރަފާ އުފާފާޅު ކުރަނީ: ފަސް ފަހަރުގެ މެދުކެނޑުމަށް ފަހު އޭނާ ވަނީ ގައުމީ މުބާރާތް ކާމިޔާބު ކޮށްފަ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
31 އޯގަސްޓް 2025 - 12:15
ވިދިވިދިގެން ހަ ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރަން ނުކުތް، ފާތިމަތު ދީމާ އަލީ ބަލިކޮށް، ގައުމީ ޓީޓީ ޗެމްޕިއަންކަން އާއިޝަތު ރަފާ ނާޒިމު ހޯދައިފި އެވެ.
މީގެ ކުރިން ރަފާ، ވަނީ ގައުމީ ތަށި ދެ ފަހަރު ހޯދައިފަ އެވެ. ގައުމީ ތަށި މިލްކު ކުރަން ރާފާ 2019 ގައި ނުކުތުމުން ތައްޓަށް ހުރަސް އެޅީ ދީމާ އެވެ.
އޭގެ ފަހުން މިދިޔަ ފަސް ފަހަރު ވެސް ގައުމީ ތަށި ދީމާ ކާމިޔާބު ކުރީ ފައިނަލުގައި ރަފާ ބަލި ކުރުމަށް ފަހު އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ގައި މުބާރާތް ބާއްވާފައެއް ނުވެ އެވެ.
ދީމާއާ ދެކޮޅަށް ކުޅުނު ފައިނަލު މެޗުގައި ރަފާ: ރަފާ މެޗު ކާމިޔާބު ކުރީ ސީދާ ހަތަރު ގޭމުން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
މިފަހަރުގެ ފައިނަލުގައި ރަފާ ކާމިޔާބު ހޯދީ ހަތަރު ގޭމުންނެވެ.
މިއި ވާދަވެރި މެޗެއްގައި ރަފާ އަތުން ދީމާ ބަލިވި ފުރަތަމަ ފަހަރެވެ.
ދީމާ ވަނީ 19 އަހަރުންދަށުގެ ތަށި އަދި އަންހެން ޑަބަލްސް ކެޓަގަރީގެ ތަށި ހޯދައިފަ އެވެ.
ނަވާރަ އަހަރުންދަށުގެ ތަށި އޭނާ ހޯދީ ފައިނަލުގައި މިޝްކާ މުހައްމަދު އިބްރާހިމް ބަލި ކުރުމަށްފަހު އެވެ. މިކްސްޑް ޑަބަލްސްގައި މިޝްކާ އާއި ދީމާގެ ޕެއާއިން ވަނީ ރަފާ އާއި މިންހާ މަހްޖޫބް ޝުޖާއުގެ ޕެއާ ބަލިކޮށްފަ އެވެ.
މިކްސް ޑަބަލްސްގައި ރަފާ ވަނީ މޫސާ މުންސިފް އަހްމަދާ، ޕެއާވެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ނުކުތީ ދީމާ އާއި މުހައްމަދު ޝައްފާން އިސްމާއީލްގެ ޕެއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަފާއިށ
01 September 2025
މަރުޙަބާ ރަފާ! ވަރަށް މޮޅަށް ކުޅުނު ފައިނަލް މެޗް!
ލާރި އެކަޑަމީ
01 September 2025
ރާއްޖޭގެ އެކަޑަމީއެއްގައި ޓްރެއިންކޮށްގެން ވާނީ ބަލި.
5ތިކްތޮކާ
31 August 2025
މަރުހަބާ މަރްހަބާ
ކޮރަލް
31 August 2025
އިތުރަށް ކުރިއަށް ދާނީ ޗައިނާ ކަހަލަ ގައުމަކަށް ގެން ގޮސް ޓްރޭނިންގް ދީގެންނެވެ. އެކަން ވާނީ ސަރުކާ ރަށެވެ.
ރާވެރިބެ
31 August 2025
ދެކުދިންނަށް ވެސް މަރުހަބާ! ކުޅިވަރަކީ އެކަހަލަ އެއްޗެއް. ދެކުދިން ވެސް ވަރަށް މޮޅު. މިފަހަރު ރަފާ މޮޅަށް ކުޅެ ޗެްމްޕިަންކަން ހޯދީ ހަމަ އެވަރުގެ މޮޅު ދީމާ ބަލިކޮށްފަ. ތިކުދިންގެ ކެރިއަރ އަދި އޮތީ ކުރިއަށް! ބެސްޓ ވިޝަސް!