"ނައިވްސް އައުޓް"ގެ ތިންވަނަ ފިލްމުގެ މަންޒަރެއް.
03 ސެޕްޓެމްބަރ 2025 - 08:27
އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގް ކާމިޔާބު ފިލްމު ސީރީޒް "ނައިވްސް އައުޓް"ގެ ތިންވަނަ ފިލްމު އަންނަ ޑިސެމްބަރު މަހު 12 ގައި ސްޓްރީމް ކުރަން ފަށަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފި އެވެ.
އެ ފިލްމު ގެނެސްދޭ ނެޓްފްލިކްސް އިން ވަނީ ޑިސެމްބަރު 12 ގައި ފިލްމު ސްޓްރީމްކުރަން ފަށާނެކަން އިއުލާންކޮށް، ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ.
"ވޭކް އަޕް ޑެޑް މޭން: އަ ނައިވްސް އައުޓް މިސްޓްރީ"ގެ ނަން ދީފައިވާ އެ ފިލްމު ސްޓްރީމްކުރަން ފެށުމުގެ ކުރިން އަންނަ ނޮވެމްބަރު މަހުގެ 26 އިން ފެށިގެން ދެ ހަފުތާއަށް އެމެރިކާގެ ބައެއް ތިއޭޓަރުތަކުގައި އެ ފިލްމު ދައްކަން ނިންމާފައިވާ ކަމަށް ވެސް ނެޓްފްލިކްސް އިން ބުންޏެވެ.
"ނައިވްސް އައުޓް"ގެ ފުރަތަމަ ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. ސިނަމާތަކުގައި ދައްކައިގެން އެ ފިލްމަށް 312 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމާ އެކު ނެޓްފްލިކްސް އިން ވަނީ އެ ފިލްމުގެ ރައިޓްސް ގަނެ ބޮޑު ހޭދައެއް ކޮށްގެން ސީކުއެލްތައް ހަދަން ފަށައިފަ އެވެ.
"ނައިވްސް އައުޓް 2" 2022 ވަނަ އަހަރު ގެނެސްދިން އިރު، އެ ފިލްމަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
ކޮންމެ ފަހަރަކު ވެސް ތަފާތު ކާސްޓަކާ އެކު ގެނެސްދޭ "ނައިވްސް އައުޓް"ގެ ތިން ވަނަ ފިލްމުގެ ކާސްޓުގައި ހިމެނެނީ މަޝްހޫރު އެކްޓަރުން ކަމަށްވާ ޖޯޝް އޯ ކޯނާ، ގްލެން ކްލޯޒް، ޖެރެމީ ރެނާ، ޖޯޝް ބްރޯލިން، ކެރީ ވޮޝިންޓަން، މިލާ ކުނިސް، އެންޑްރިއު ސްކޮޓް، ކޭލީ ސްޕޭނީ، ޑެރިލް މެކްކޯމަކް އަދި ތޯމަސް ހޭޑެން ޗާޗް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy