އިސްލާމީ މަރުކަޒަށް ރޯދަ މަހު ދަމު ނަމާދަށް މީހަކު އަރަނީ: މާދަމާ ރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުން ޮއޮންނާނެ. -- ފޮޓޯ: މިހާރު
06 ސެޕްޓެމްބަރ 2025 - 12:39
މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
މާދަމާ ރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގަ އެވެ. އެ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެ ރޭގެ 11:11 ގަ އެވެ. ކޭތަ އެއްކޮށް ނިމޭނީ މެންދަމުން އަލިވެ 1:55 ގަ އެވެ.
މިނިސްޓްރީން ރަށްތަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރުމަށެވެ. ނަމާދު އޮންނާނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގަ އެވެ.
"ވީމާ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި 2025 ސެޕްޓެމްބަރު 7 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 11:12 ގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމު ތިޔަ ކައުންސިލްގެ އިދާރާއިން ހަމަޖައްސައިދެއްވުން އެދެމެވެ." މިނިސްޓްރީން ފޮނުވި ސާކިއުލާގައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކޭތަ ނަމާދުގެ ހުތުބާ މިނިސްޓްރީގެ ވެބްސައިޓަށް މާދަމާ އަޕްލޯޑްކުރާނެ އެވެ.
މުޅި އޭޝިއާ އާއި ޔޫރަޕާއި އެފްރިކާ ސަރަހައްދަށް ވެސް ފުރިހަމަ ހަނދުކޭތައަކާ އެކު ބްލަޑް މޫން މާދަމާ ރޭ ފެންނާނެ އެވެ.
އިރާއި ދުނިޔެ އާއި ހަނދު އޮލަނބުވެ ދުނިޔޭގެ ހިޔަނިން ހަނދު ފޮރުވިގެންދާ ކޭތަ ހިފާއިރު އާދީއްތަ ދުވަހުގެ ރޭ ލޭކުލައިން ހަނދު ފެވިގެންދާ ގޮތަށް ވެސް ބައެއް ހިސާބުތަކަށް ފެންނާނެ އެވެ. މިއީ އެތައް ހާސް އަހަރެއްގެ ތެރޭގައި ވެސް އަލުން ނުފެންނާނެ ހާލަތެކެވެ.
ރާއްޖެއަށް ބަލާއިރު ހުރިހާ ހިސާބަކަށް ވެސް ފުރިހަމަ ހަނދުކޭތަ އެ ރޭ ފެންނާނެ އެވެ. އެކަމަކު މާލެ ސަރަހައްދުގައި ވިލާ 81 ޕަސެންޓަށް ހުންނާނެ ކަމަށާއި ކުޑަކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށް ލަފާކުރެވެ އެވެ. ރާއްޖޭގެ އުތުރު ސަރަހައްދުގައި 83 ޕަސެންޓަށް ވިލާ ހުންނާނެ ކަމަށް ބެލެވޭއިރު ދެކުނުގައި 70 ޕަސެންޓަށް ވިލާ ހުންނާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ
06 September 2025
ކޭތަ ނަމާދު ކުރާނެ ގޮތް ނަމަހީވެސް ލިޔެލާފައި އޮތްނަމަ ދޯ؟ އެންމެންނަކީ ރޯނު އެދުރުން ކަމުގައި ނުވާނެއެވެ.
ދާލައިން
06 September 2025
ކޭތަ ނަމާދަށް ދާނަން އިރާދަކުރެއްވިއްޔާ
މޫން
06 September 2025
މާލޭ ސަރަޙައްދުގައި ކޭތަނަމާދު ކުރާ މިސްކިތްތައް މެންޝަންކޮށްލިނަމަ
މައު
06 September 2025
މޫން ތިޔަހުރި ތަނެއްގައި ހުރި އެންމެބޮޑު މިސްކިތަށް ދިޔައިމަ އެވީ.