06 ސެޕްޓެމްބަރ 2025 - 20:03
ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ހަނދާނުގައި ތައުޒިޔާ ދަފްތަރެއް ހުޅުވަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނިންމައިފި އެވެ.
މަޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޔޫ މަނިކުގެ ހަނދާނުގައި ހުޅުވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް އެ ދަފްތަރުގައި ސޮއިކުރެވޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ދަފްތަރުގައި ސޮއިކުރުން އޮންނާނީ މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ ހަތަރު ވަނަ ފުލޯގައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ދިވެހި ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަދި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އެމްޔޫ މަނިކު އަވަހާރަވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިންގަޕޫރުގަ އެވެ.
ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަވާފައިވާ އެމްޔޫ މަނިކު އުމުރުން 78 އަހަރުގައި އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy