އިޓަލީގެ މިޑްފީލްޑަރު ޓޮނާލީ (މ) އެސްޓޯނިއާއާ ދެކޮޅަށް ކުޅެނީ: ރޭ އިޒްރޭލް އަތުން އިޓަލީ މޮޅުކޮށްދިނީ އޭނާ. -- ފޮޓޯ: އޭއެއެފްޕީ
09 ސެޕްޓެމްބަރ 2025 - 10:16
ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސަންދްރޯ ޓޮނާލީ އިތުރު ވަގުތު ޖެހި ގޯލާ އެކު، އިޒްރޭލުގެ މައްޗަށް އިޓަލީން 5-4 އިން ކުރި ހޯދައިފި އެވެ.
އިޒްރޭލުގެ ހޯމް މެޗެއް ނަމަވެސް ނިއުޓްރަލް ވެނޫއެއް ކަމަށްވާ ހަންގޭރީގައި ކުޅުނު މި މެޗުން މޮޅުވުމުން އިޓަލީ އަށް ވަނީ ގްރޫޕުގެ ދެ ވަނަ ލިބިފަ އެވެ. އެ ޓީމާއި އިޒްރޭލަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އިޓަލީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު ހަންގޭރީ އެވެ. ގްރޫޕުގެ ހަތަރު ވަނައިގައި ތިން ޕޮއިންޓާ އެކު އެސްޓޯނިއާ އޮތްއިރު، ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ މޯލްޑޮވާ އެވެ.
ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭނީ ގްރޫޕުގެ އެއް ވަނަ ޓީމަށެވެ. ދެ ވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.
އިޓަލީގެ އާ ކޯޗު ޖެނާރޫ ގަޓޫސޯ މި ވަނީ އޭނާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެކަމަކު ފުރަތަމަ މެޗުން އެސްޓޯނިއާ އަތުން 5-0 އިން ހޯދި މޮޅާ ބަލާއިރު، ރޭ އިޓަލީ އަށް މޮޅުވެވުނީ ވަރަށް އުނދަގުލުންނެވެ.
ރޭގެ މެޗުގެ 16 ވަނަ މިނެޓުގައި އިޓަލީގެ މިޑްފީލްޑަރު މެނުއަލް ލޮކަޓެލީ އަތުން ބައިކޮޅަށް ވަން ގޯލުން އިޒްރޭލަށް ލީޑު ލިބުނެވެ. އިޓަލީން އެއްވަރުކުރީ 40 ވަނަ މިނެޓުގައި މޮއިސެ ކީން ޖެހި ގޯލުންނެވެ.
އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު، 52 ވަނަ މިނެޓުގައި ޑޯ ޕެރެޓްޒް ލަނޑު ޖަހައި އިޒްރޭލަށް އަލުން ކުރި ހޯދައިދިނެވެ. އޭގެ ދެ މިނެޓު ފަހުން ކީން އަނެއްކާ ވެސް އިޓަލީ އަށް އެއްވަރުކޮށްދިނެވެ. އަދި މަޓެއޯ ޕޮލިޓާނޯ އާއި ޖިއަކޯމޯ ރަސްޕަޑޯރީގެ ގޯލުތަކުން 4-2 ގެ ލީޑެއް ނެގި އެވެ.
އެ ހިސާބުން އިޓަލީ މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް 87 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އަތުން ބައިކޮޅަށް ވަން ގޯލާ އެކު، އިޒްރޭލަށް ހިތްވަރު ލިބި، 89 ވަނަ މިނެޓުގައި ޑޯ ޕެރެޓްޒް އިތުރު ގޯލެއް ޖަހައި އެއްވަރުކުރި އެވެ. އިޓަލީ މޮޅުވި ގޯލް ޓޮނާލީ ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުގެ ތެރެއިން ފުރަަތަމަ މިނެޓުގަ އެވެ.
އިޓަލީގެ ކޯޗު ގަޓޫސޯ ބުނީ މިއީ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މުހިއްމު މޮޅެއް ކަމަށާއި، އެކަމަކު މި މެޗުގައި ޓީމުގެ ފަރާތުން ފެނުނީ ގަބޫލުކުރަން ދަތި ކަންކަން ކަމަށެވެ.
"ކޮން ކަހަލަ ފީކަޅާ ގޯލުތަކެއް ވަންނަން ފުރުސަތު ދީގެން ތިބީ. އެކަމަށް އެބަޖެހޭ މަސައްކަތްކުރަން. މާ ބަލިކަށިކޮށް ކުޅެނީ. މާ ފަސޭހައިން ގޯލު ވަންނަނީ އަހަރެމެން ކޮޅަށް. އެކަން ހައްލުކުރުމަކީ އަހަރެންގެ ޒިންމާއެއް،" ގަޓޫސޯ ބުންޏެެވެ.
އެކަމަކު އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ބުނީ، ބައިކޮޅަށް ގޯލެއް ވަން ކޮންމެ ހިސާބަކުން ކުޅުންތެރިން ހިތްވަރުކޮށް ގެއްލުނުތަން ހޯދި ކަމަށާއި، އެއީ ޝުކުރު ހައްގު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްޔަ08
10 September 2025
ފަހުވަގުތު އިޒްރޭލް އެ ކިޔުނު ޓެރަރިސްޓް ބައިގަނޑު އަތުން އިޓަލީ މޮޅުކޮއްދިނީ...
އަޒޫރީ
09 September 2025
އިޓަލީ މޮޅުވުމުން ލިބުނު އުފާވެރިކަމަށްވުރެ ބޮޑު އުފާވެރިކަމެއް، އިޒްރޭލު ބަލިވީމަ ލިބުނު. ފޯޒާ އިޓާލިއާ ފޯޒާ އަޒޫރީ (އިޓަލީ ސަޕޯޓަރެއް)
ކަރީމު އޮފިޝަލް
09 September 2025
ފީފާއަކީ ވަރަށް ބޭއިންސާފު ނަސްލީ ތަފާތު ކުރުމުގެ ނުފޫޒުން ބަނދެވިފައިވާ ޖަމާތެއް، ރަޝިޔާއިން ޔުކުރޭނަށް ހަމަލާ ދިނުމުން ރަޝިޔާ ވަނީ ސަސްޕެންޑް ކޮށްފައި، އިޒްރޭލުން ހިތުހުރި ހާގާނޫނެއް މުގުރާލާ ފަލަސްތީނުގެ މުސްލިމުން ކަތިލާ މަރަމުން ދަނީ ހައްދެއްނެތް އަނިޔާވެރި ކަމާއި އެކު، ކާބޮތަކެއްޗާއި އަސާސީ ބޭނުން ހިފޭ މުދާތައްވެސް ލިބުމަށް ހުރަސް އަޅާ އިރު، އިޒުރޭލު މިދަނީ މުބާރާތް ކުޅެމުން
އެލެކްސެންޑަރު
09 September 2025
ޔޫކުރޭނު ހަނގުރާމަޔާ ވިއްދައިގެން ރަޝިއާ ވޯލްޑްކަޕުން ބޭރުކޮށްފައި، އެކަމަކު އިޒުރޭލުން ފަލަސްތީނުގައި ހިންގާ ގަތުލު ޢާންމަށް ބަލައި އިޒުރޭލަށް ފިޔަޥަޅެއް ނޭޅޭ. ހުޅަނގުގެ މޮޅު ދިމާކުރާސީ ގައި އޮންނަ ގޮތް މީ