09 ސެޕްޓެމްބަރ 2025 - 18:36
ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށާއި އެ މަސައްކަތް ފަށަން އެ ރަށު ކައުންސިލުން މިއަދު ގޮވާލައިފި އެވެ.
މިދިޔަ މަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދޮންފަނަށް ވަޑައިގެން އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ނަމަވެސް، 2009 އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭ އޮންނަނީ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި ކަމަށް ވާތީ އެ މަޝްރޫއު ހުއްޓާލުމަށް ގޮވާލައި އާއްމުންނާއި ޖަމިއްޔާތަކުން ދިޔައީ ގޮވާލަމުންނެވެ. އެތައް ބައެއްގެ ކަންބޮޑުވުންތަކާ ހެދި ރައީސް ވަނީ ދޮންފަނުގެ ބިން ނުހިއްކާނެ ކަމަށް މިއަދު އިއުލާންކުރައްވައިފަ އެވެ. އެކަމާ ގުޅިގެން ދޮންފަނުގައި މިއަދު މުޒާހަރާ ޥެސް ކުރި އެވެ.
ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބިން ހިއްކަން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން އެ މަނިކުފާނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެކަމަކު، އެމްޑީޕީގެ ތިން މެމްބަރުންނާއި އަމިއްލަ ދެ މެމްބަރުން ހިމެނޭ ދޮންފަނު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެ ރަށުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ނިންމީ އާއްމުންނާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ.
ބިން ހިއްކަން ރަށުގެ އާއްމުން ބޭނުން ނުވާ ކަމަށް ވިދާޅުވެފައިވާތީ ރައީސް އިތުރުފުޅު ހެއްދެވީ ކަމަށް ބުނެ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
"ދޮންފަނުގެ ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއެއް ކަމަށްވާއިރު ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތި ކުއްލިއަކަށް މި ފަދަ ނިންމުމެއް ނިންމުމަކީ ރައްޔިތުންނާއި މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
"ރައްޔިތުންނާއި ކައުންސިލްގެ އެދުމާ ދެކޮޅަށް މި ނިންމެވި ނިންމެވުން އަނބުދާ ގެންދިއުމަށާއި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްވެސް ދަތިކަމެއްވާނަމަ އެކަމެއް ހައްލުކޮށްދެއްވައި ރައްޔިތުން އެދިފައިވާ ގޮތަށް ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
ދޮންފަނުން އެންމެ ފަހުން ގޯތި ދޫކުރީ 2011 ގަ އެވެ. ރައްޔިތުން އެދުމުގެ މަތިން ސަރުކާރުން ނިންމީ، އެ ރަށުގައި 13 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މިއީ ގާތްގަނޑަކަށް ރަށުގެ ސައިޒަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
10 September 2025
ދޮންފަނުގެ ރައްޔިތުން ގެންގޮސް ގެދޮރު އަޅައިދީފަ ބައިތިއްބޭނެ ބޮޑެތި ހިތްގައިމު ރަށްތަށް މިރާއްޖޭގަ ބައިވަރު. އެކަމަކު ބިން ހިއްކުމުގެ ސަބަބުން ހަނިފަރުބޭއަށް އައިސް އުޅޭ އެންމަޑި ތަކާ ތި ހިސާބުގަ އުޅޭ ފެހުރިހިތަށް ގެއްލިއްޖިއްޔާ އެވާނީ މިގައުމަށް ލިބޭ ފޫނުބެއްދޭނެ ގެއްލުމަކަށް. ވީމާ ދޮންފަނުގެ ހުރިހާ ރައްޔިތުން ރީތިކޮށް ބަސް އަހައިގެން ތިއްބަވާ. ތިރަށު ރައްޔިތުން އަތުގަ ނަސީބު ހިފީ. ދެންވާނީ މާރަގަޅުގޮތް. ރައީސް ވަރަށް ހެޔޮފުޅުވާނެ. ބީޕޭޝަންޓް!
ރީހާނު.
10 September 2025
ތުލާދޫގައި ގެއެއް އަޅާދީފައި ތިރަށުގެ ބިން އޮތް ހުރިހާ މީހުން ތުޅާދޫ އަށް ބަދަލު ކޮށްލީމާ ހުރިހާ ކަމެއް ހައްލުވީ. ތުޅާދޫ އެއާޕޯޓް ހިންގޭނީވެސް އެރަށު އާބާދީ އިތުރު ކޮށްގެން.
ކޮރަލް
09 September 2025
އެހެން ރަށަކުން ބިން ދިނީމަ ރަނގަޅު ވާނެ އެވެ . މައްސަލަ އަކީ ބިމުގެ ދަތި ކަމެވެ . މައްސަލަ ހައްލު ވީ އެވެ .
ދޮންފަން
10 September 2025
ކިހިނެއްވާނެ ވޯޓާވިލާ އެޅިއްޔާ.
އޮނަރަބްލް އަފީފު ދީދީ
09 September 2025
ލައްކަ ޒަމާނަށް ފަހުގައި "ރައްޔިތުނާއި ޤައުމުގެ ހާލަތު ބަދަލު ކުރުމަށްޓަކާ" މަރަށް ފުރާނައަށް ބެލުމެއްނެތި ނިކުމެ ޤާނޫނުއަސާސީ އިސްލާޙްކޮށް 30 އަހަރުގެ ވެރިކަމުގައި ހުރިމީހާ ވެރިކަމުން ދުރުކޮށް މަލްޓިޕާޓީ ޑެމޮކްރަސީގެ ތެރެއިން 4 ވެރިކަން ލިބިގެން ދިޔައިރުވެސް ރާއްޖޭގައި ހުރި ޙަޤީގީ މައްސަލަތަކާއި ކުރިމަތިލާ "ދިވެހި ދައުލަތާއި ރައްޔިތުން ސަލާމަތުވެ އައްސޭރިއަކަށް ގެންދިއުމަށް" އެއްވެސް ސަރުކާރަކުން މާނަވީ ގޮތަކަށް މަސައްކަތް ކުރާތަނެއް ނުފެނޭ.
އަފްރާސިޔާބު
09 September 2025
އަހަންނަށް ފެންނަނީ އެގޮތަށް ގޮވާލާ ކައުންސިލުތައް ރައީސް އުވާލުން. އަދި ރައްޔިތުން ފަޅިއަށް ރައީސް އަރުއްވައިގެން ހުންނެވުން.
އެއްފަސް
09 September 2025
364 މީހުންގެ އާބާދީއެއް ތި އޮތީ. ބޮޑު ރަށަކަށް ބަދަލު ކުރޭ
ފައިރޫޒް
10 September 2025
ދިވެއްސަކަށއ ވީތީ އަމިއްލަ ވަޒަނުގައި ހުރުމުގެ ހައްގުވެސް ނެތީތް
ފައިރޫ
10 September 2025
ގަބީލާތަކުގެ މީހުންވެސް އަވަށުތެރެއައް ނާރަނީ އަމިއްލަ ވަޒަން ދޫނުކުރާންވެގެން.ގަބީލާވިސްނުން ދޫކޮއްލަން ޖެހޭނުން އެބަ.
ބަލްމް
09 September 2025
ހަނިފަރަކަށް އެއްވެސް ކަމެއް ނުވާނެ ދޮންފަނުގަ ބިން ހިއްކިޔަސް. ހަމަ އަޖައިބުވޭ ބަޔަކަށް ލިބޭ ޑޮލަރުކޮޅެއް ނުލިބޭނެކަމަށް ހީކޮށް ރަށެއްގެ އާބާދީއަށް ބޭނުންވާ ގެދޮރުއެޅޭނެގޮތެއް ނުހޯދާ ދޫކޮށްލުން. ބަލަ އެހަކަށްދުވަހު ފެނުނުތަނެއްދޯ ތި ހަނިފަރުބޭ އަކީ. ހަނިފަރުބޭ އަދި ބިންހިއްކުންވެސް އެއީ ހަމަ ދޮންފަނު ރައްޔިތުންގެ ހައްގެއް. އެމީހުން އެކަން ނިންމަންވާނީ
ސުހާނާ
10 September 2025
އެހެންވިއްޔާ އެމީހުން އަމިއްލައަށް ހުރިހާ ކަމެއް ކުރަންވީނު. އެރަށުގެ ގިނަ މީހުން ސަޕޯޓްކުރާ މީހާ އެބުނަނީ، އެރަށުގެ ބިން ހިއްކައިފިއްޔާ ވަރަށްބޮޑު ގެއްލުމެއް ވާނެޔޭ. އެއީ ތިމާވެށްޓާ ބެހޭ މާހިރެކޯ.
ނުޖެހޭ ފަށާކަށެއް
09 September 2025
100 މީހުން ބަދަލުކޮށްލާ ބިން އޮތް ތަނަކަށް
އެއްފަސް
09 September 2025
އަހަންނަކީ ބިން ބޮޑު އެކަމަކު ކުޑަ އާބާދީއެއްގައި ދިރިއުޅޭ މީހެއް. މަ ދެކޭ ގޮތުގައި މިގޮތަށް އެތައް ރަށެއްގައި ކުދިކުދި އާބާދީތައް ގެންގުޅުމަކީ އެއްގޮތަކަށްވެސް ހަމަޖެހޭ، ދެކޮޅުޖެއްސޭނެ ކަމެއް ނޫން. ހިއްކިބިމާ، ބަނދަރާ، ބޯޅަދަނޑާ، މަގުބައްތިން މިޒަމާނުގައި ބޭނުންވާ ތައުލީމާ ސިއްހަތާ ވަޒީފާއާ އިގްތިސާދީ ނަފާވެރިކަން ނުހޯދެ. އެންމެ މުހިއްމު މި ކަންކަން ބިނާވެފައި އޮތީ ބޮޑު އާބާދީއަކަށް. އެއްފަސްކުރުން ބާރަަށް ކުރިއަށް ގެންދަންޖެހޭ.
ޢަލްޓިކޯ
09 September 2025
ތީތި ކަޑަ މިހާރުތިއުޅެނީ ޖެއްސުމުގެ ފާޑަށް ހަނިފަރުގެ ދިރުންހިމާޔަތް ކުރުމަކީ ގައުމީ ކަމެއް ހަނިފަރަށް ގެއްލުން ވާގޮތަށް ތިކަމެއްނުވާނެ ސިޔާސީ ވެގެން އަމިއްލަރަށް ވެގެން އެވަރުގެ ދެރަކަމެއް ގައުމަށް ދިނުމަކީ ކޮށްގެންވާނެ ކަމެއްނޫން