ނޭޕާލުގެ ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަކްރީ. -- ފޮޓޯ: އޭއެފްޕީ
14 ސެޕްޓެމްބަރ 2025 - 22:17
ވެރިކަމުގައި އެންމެ ގިނަވެގެން ހުންނާނީ ހަ މަސް ދުވަހަށް ކަމަށް، ނޭޕާލުގައި އެތައް ބަޔަކު މަރުވި މުޒާހަރާތަކަށް ފަހު ވަގުތީ ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަކްރީ މިއަދު ވިދާޅުވެއްޖެ އެވެ.
"މިއީ އަޅުގަނޑު ބޭނުންވި މަގާމެއް ނޫން. މި މަގާމާ ހަވާލުވާން މަޖުބޫރުވީ މަގުމަތިން ގޮވާލި ގޮވާލުންތަކުގެ ސަބަބުން،" ހުކުރު ދުވަހު މަގާމާ ހަވާލުވެ ވަޑައިގަތް ސުޝިލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުގެ މާޗް 5 ގައި އަލުން އިންތިހާބު ބާއްވަން ހަމަޖެހިފައި ވާއިރު އެ އިންތިހާބުން އަންނަ ބަޔަކާ ސަރުކާރު ހަވާލުކުރައްވާނެ ކަމަށެވެ.
ސޯޝަލް މީޑިއާ މަނާކުރުމާ އެކު މަސްރަހު ހޫނުވެ ގައުމުގެ ކޮރަޕްޝާނާ ދެކޮޅަށް ޒުވާނުން ނުކުމެ ފެށި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ސުޝިލާ މަގާމާ ހަވާލުވެވަޑައިގަތައީ މުޒާހަރާ ލީޑުކުރި "ޖެން ޒީ" އިންގެ ލީޑަރުންނާ އެކު ވީ އެއްބަސްވުމެއްގެ ދަށުންނެވެ.
"އަޅުގަނޑުމެން ކަންކަން ކުރަންވާނީ ޖެން ޒީ އިންގެ ވިސްނުމާ އެއްގޮތަށް،" އޭނާ ވިދާޅުވި އެވެ.
"މި މީހުން މި ގޮވާލަނީ ކޮރަޕްޝަން ނައްތާލައި، ގުޑް ގަވަނަންސް އަދި އިގްތިސާދީ ހަމަކަން ގާއިމުކުރަން،"
މި މަހުގެ 8 ވަނަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނޭޕާލުގައި މަނާކުރުމާ ގުޅިގެން ފެށި މުޒާހަރާތައް ވަނީ ދެ ދުވަސް ވަންދެން ކުރިއަށް ގެންގޮސްފަ އެވެ. މުޒާހަރާގެ ހަމަނުޖެހުންތަކުގައި ސިޔާސީ މީހުންގެ ގެތަކަށް ގެއްލުންދީ ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގައި ހުޅު ވެސް ޖެހި އެވެ.
މުޒާހަރާގެ ހަމަނުޖެހުންތަކާ މެދު، ވަގުތީ ބޮޑުވަޒީރު ސުޝިލާ ވަނީ ވާހަކަ ދައްކަވައިފަ އެވެ.
"އަޅުގަނޑު ލަދުގަނޭ. އެ އިމާރާތްތައް ހަލާކުކޮށްލީ ނޭޕާލް މީހުން ނަމަ، އެއީ ނޭޕާލު މީހުންނޭ ބުނެވޭނީ ކިހިނެއް؟" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ހަމަނުޖެހުންތަކުގައި މަރުވި އަދަދު މިހާރު ވަނީ 72 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަރުބަލި
15 September 2025
މުއީޒުވެސް ތިހެން ބުނި އެކަމު މިހާރު ދައުރު ދިގުކުރަން މަޖްލީހަށް ލައިގެން އެއުޅެނީ.
ކައުންސެލަރު....
15 September 2025
ތިޔަކަމުގައި އެންމެއަރާތިބީ މި ދިވެހިރާއްޖޭގައި، ދިވެހިރާއްޖޭގެ މީހުން. ވަކި 'ބަޔަކު' ކިޔާނެކަމެެއްނެތް. 'އެންމެން' ވެސް އެއްގޮތް. މަގުމައްޗަށް ނުނުކުންނަނިސް މިކަން ރާއްޖޭގައިޖެހޭ ރަނގަޅުވާން. ނޫނީ މިހެން "ގޯސް" ވެދާނެ
ޑެބީ
15 September 2025
މައުމޫނުވެސް ތިކަހަލަ މޮޅު އެއްޗެއް ބުނިކަންނޭގެ ވެރިކަމާ ހަވާލުވަމުން. 30 އަހަރު ފަހުން ޖެހުނީ ގަދަކަމުން ބާލަން
މަންޖޭމަށެއްނޫން.
15 September 2025
އާދެ ލައްބަ ލައްބަ. އެޢިމާރާތްތައް ހަލާކުކުރީ ނޭޕާލު މީހުންނެއްނޫން. އެއީ ކުރީސަރުކާރުގެ މީހުން ކުރި ކަމެއް. މަށެއް އެތާކު ނުހުންނާނެ.