މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
15 ސެޕްޓެމްބަރ 2025 - 14:56
މައްސަލަ ބޮޑު މީޑިއާ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅާ ދިމާކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޕީއެންސީގެ ބައެއް މެންބަރުން އެހެން ކޮމިޓީތަކަށް ބަދަލުކޮށް، އާ މެންބަރުން ހަމަަޖައްސައިފި އެވެ.
މިނިވަން މުއައްސަަސާތަކުގެ ކޮމިޓީއަށް އަލަށް ހަމަޖެއްސީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އަދި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އެ ކޮމިޓީން ވަކިކުރީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމާއި ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އަދި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރު ލަތީފު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެ ކޮމިޓީގައި ޕީއެންސީ ފިޔަވައި އެހެން ޕާޓީތަކުން ތިއްބެވީ ދެ މެންބަރުންނެވެ. އެއީ މާފަންނު އުތުރު ދާއިރާގެ އެމްއެންޕީގެ މެންބަރު މުހައްމަދު ނާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ މީޑިއާ ރެގިއުލޭޝަން ބިލުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލު ދިރާސާ ކުރުމެވެ. އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ހުށަހަޅައިފައިވާ ބިލެއް ކަމަށް ބުނެ ނޫސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކާ އެކު، ބޮޑު ބަދަލެއް ބިލުން ފެންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy