އިޒްރޭލުން ބިމާ ހަމަކޮށްލި، ޣައްޒާގެ އިމާރާތެއް: އދ.ގެ ޓީމަކުން ކުރި ތަހުގީގަކަށް ފަހު ވަނީ ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ އަމަލުތައް ކަމަށް ބުނެފައި. -- ފޮޓޯ: އޭއެފްޕީ
16 ސެޕްޓެމްބަރ 2025 - 23:53
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ކަންކަމަކީ ފަލަސްތީނު ފޮހެލަން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށާއި އެ ކަންކަމަށް ހިތްވަރު ދެނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސް އެހެން އޮފިޝަލުން ކަމަށް އދ.ގެ ތަހުގީގު ޓީމަކުން ބުނެފި އެވެ.
އދ.ގެ ނަމުގައި ވާހަކަ ދެއްކުމުގެ ގާނޫނީ ހައިސިއްޔަތު ނޯންނަ ޔޫއެން އިންޑިޕެންޑެންޓް އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ (ކޯއި) ވެރިޔާ ވާނީ ޕިއްލޭ ވިދާޅުވީ ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާ ކަމަށެވެ.
"މިކަމުގެ ޒިންމާވާން ޖެހޭނީ އިޒްރޭލަށް،" އޭނާ ވިދާޅުވި އެވެ.
ޣައްޒާގައި ހިންގަނީ ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލުމުގެ އަމަލުތައް ކަމަށް، އދ.ގެ މެންޑޭޓް އޮންނަ ޖަމާއަތަކުން ބުނި މިއީ ފުރަތަމަ ފަހަރެވެ. އެއާ އެކު އިޒްރޭލުން ރިޕޯޓް ޝާއިއުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މި ރިޕޯޓަށް ރައްދު ދީ ކުށްވެރިކޮށްފަ އެވެ.
އިޒްރޭލުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާގައި ހަމަލާތައް ދޭން ފެށީންސުރެ، މިއީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް އޮތީ ބުނަން ފަށައިފަ އެވެ.
ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ އަމަލު ކަމަކަށް އދ. ގެ އެއްވެސް ޖަމާއަތުން ނުވަތަ ކޮމިޝަނަކުން މިހާތަނަށް ކަނޑައަޅައިފައެއް ނުވެ އެވެ.
މި ރިޕޯޓަށް ފަހު، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަންގެ ވެރިޔާ ވޮލްކާ ޓާކް ވިދާޅުވީ ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާތޯ ކަނޑައަޅާނީ ކޯޓުން ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ލިބޭ ހެކިތައް ގިނަވަމުން އަންނަ ކަމަށެވެ.
އިޒްރޭލުން ބުނީ މި ރިޕޯޓާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ.
ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކަށް ދެ އަހަރުވާން ގާތްވެފައި ވާއިރު ޝަހީދުވި މީހުންގެ އަދަދު 65،000 އަށް ވަނީ މިހާރު އަރައފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy