އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ): އޭނާ ބުނަނީ ހަމާސްއަށް ގަތަރުން އެހީވުމަކީ އިޒްރޭލުން ގަތަރަށް ހަމަލާ ދިނުން މައްސަލައަކަށް ނުވާ ސަބަބު ކަމަށް. -- ފޮޓޯ: އޭއެފްޕީ
17 ސެޕްޓެމްބަރ 2025 - 07:06
އިޒްރޭލުން ގަތަރަށް ދިނީ "ހައްގު ހަމަލާއެއް" ކަމަށާއި އެއީ ހަމާސް ޖަމާއަތާ ގަތަރާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
"ގަތަރު އޮތީ ހަމާސްއާ ގުޅިފައި. އެ ގައުމަށް ހަމާސްއަށް އެހީވޭ. ހަމާސްއަށް ރައްކާތެރިކަން ދޭ. ހަމާސްއަށް ފަންޑުކުރޭ ... ގަތަރަށް [ހަމާސް ކޮންޓްރޯލްކުރުމަށް] ކުރެވޭނެ ކިތަންމެ ކަމެއް އެބަހުރި. އެކަމަކު އެ ތިބެނީ ނުކުރަން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ބުންޏެވެ.
"އެހެންވެ އަހަރެމެން ކުރި ކަންތައް ޖަސްޓިފައިކުރެވޭ."
މިދިޔަ ހަފްތާގައި އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާ ދިނީ ފަލަސްތީނުގެ ޣައްޒާގެ ހަމަލާތައް ހުއްޓުމަކަށް ގެނެސް އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާ ބެހޭ އެއްބަސްވުމަކަށް ހަމާސްގެ ލީޑަރުން މަޝްވަރާއެއްގައި ތިއްބަވަނިކޮށް އެ ތަނަށެވެ. އެ ހަމަލާގައި ހަ މީހަކު މަރުވި ނަމަވެސް ހަމާސްގެ އިސް އެއްވެސް ބޭފުޅަކު އޭގެ ތެރޭގައި ނުހިމެނެ އެވެ.
އެ ހަމަލާއަށް ފަހު ގަތަރުން ވަނީ އިސްލާމީ އަދި އަރަބި 60 އަށް ވުރެ ގިނަ ގައުމު އެއްކޮށް ބައްދަލުވުމެއް ބާއްވައި، އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.
ހަމާސްއަށް ގަތަރުން ފަންޑުކުރާ ކަމަށް ބުނެ ނަތަންޔާހޫ ވާހަކަ ދެއްކި އިރު ހަމާސްގެ ފުރިހަމަ ކޮންޓްރޯލްގައި އޮތް ޣައްޒާއަށް ނަތަންޔާހޫގެ ސަރުކާރުގެ ހުއްދައާ އެކު 2018 އިން 2023 އަށް އެތައް މިލިއަން ޑޮލަރެއް ކޮންމެ މަހަކު ގަތަރުން ދެމުން ގޮސްފައިވެ އެވެ. އަދި މި އަހަރުގެ ކުރީކޮޅު އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫގެ ވަރަށް އަރިސް ދެ މީހަކަށް ގަތަރުގެ ފައިސާ ލިބެމުން ދިޔަ މައްސަލައެއް ތަހުގީގު ވެސް ކުރި އެވެ. އަދި މިކަމާ ގުޅުވައި، ނަތަންޔާހޫގެ އޮފީހަށް ގަތަރުގެ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް އުފެދުނެވެ.
މި ތުހުމަތާ އެކު ނަތަންޔާހޫ އޭރު ބުނެފައިވަނީ އެއީ އެއްވެސް އަސްލެއް ނެތް ސިޔާސީ ތުހުމަތު ކަމަށެވެ.
އަރަބި ބައެއް ގައުމުތަކުން އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައި އޮތަސް ގަތަރުން އިޒްރޭލާ ގުޅުމެއް ނުބާއްވަ އެވެ. އަދި އެ ގައުމުން ހަމާސް ޖަމާއަތުގެ ލީޑަރުންނަށް ހިމާޔަތް ދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.
ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި އަސީރުންގެ ގޮތުގައި ގެންދިޔަ 251 މީހުން މިނިވަންކުރުމަށާއި ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާގައި ގަތަރަކީ އެންމެ މުހިންމު ގައުމެވެ. އެ ގައުމު މެދުވެރިއެއްގެ ގޮތުގައި ބައިވެރިވި މަޝްވަރާތަކުން މީގެ ކުރިން ހަމަލާތައް މެދުކަނޑާލައި އެތައް އަސީރުންނެއް ވަނީ މިނިވަން ވެސް ކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުބޭ
17 September 2025
މިހާރު އިޒްރޭލްގެ ބޭނުމަކީ ގަތަރުގެ ދުވަސް ދުއްވާލުން، ގަތަރަށްވެސް އިރާގް، ލީބިޔާ، ސީރިޔާއަށް ހެދިގޮތް ހަދާލުން، މިކަމުގައި އިސްލާމީ ގައުމުތަކުން ނުތެދުވެއްޖެނަމަ ގަތަރުގެ ދުވަސް ދުއްވާލައިނެ، މިހުރިހައި ކަމެއް މިމެދުވެރިވަނީ އިސްލާމީ ގައުމުތަށް ފިޑިކަމުން
ތޮއްޅޭ
17 September 2025
ތީ ގަތަރު އަމިއްލައައް ބުއި ބޮނޑިއެއް. ކޮން ބޭނުމަކުތޯ ހަމާސް ގެ ވެރިންނާއި، އެ ޖަމާއަތުގެ ހާލިތައް ގަތަރުގަ ހުންނަންވީ... ހަމާސް ގެ ހަރަކާތްތައް ގަތަރުގަ އޮންނަންޏާ ގައުމު ތިއޮތީ ނުރައްކަލެއްގެ ތެރޭ.
ބަރުދީ
17 September 2025
ގަތަރުން އިޒްރޭލަށް މާބޮޑަށް ފަންޑުކުރޭ.