ރައީސް މުއިއްޒު ރޭ ފެލިދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
20 ސެޕްޓެމްބަރ 2025 - 06:58
ތެދުބަހުން ވާހަތައް ދައްކައި އަދި ތެދުބަހުން ކަންކަން ރިޕޯޓު ކުރުމުގެ މިނިވަންކަން ރާއްޖޭގައި ތަންމިނަށް ހުޅުވިފައިވާ އެބައޮތް ކަމަށާއި އެކަމަކު އެއްވެސް މީހަކާ ބެހޭ ގޮތުން ދޮގެއް ނުލިޔެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރަައީސް އެހެން ވިދާޅުވީ، ހަތަރު އަތޮޅަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވ. ފެލިދޫގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މީޑިއާގެ މިނިވަންކަމާ ގުޅޭ ގޮތުން ރައީސް ރޭ ވާހަކަފުޅު ދެއްކެވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު އެ މަނިކުފާނު މިދިޔަ އަންގާރަ ދުވަހު ތަސްދީގު ކުރެއްވި ނަމަވެސް އެ ގާނޫނާ މެދު ނޫސްވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ އެވެ.
އެކަކަށް ވެސް ގޮންޖަހާލާފައި ގާނޫނަކާ ހިލާފަށް މިތާކު، ގާނޫނަކަށް ތަބައެއް ނުވާނަމޭ ބުނެފައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން، އަޅުގަނޑު ކޮށްގެން ހުރި ހުވާގައި ހުރި ފުރުސަތެއް ނޫން އެއީކީއެއް،"--- ރައީސް
އަދި ނޫސްވެރިންގެ ޖަމިއްޔާ އިން ބުނެފައި ވަނީ ގާނޫނަށް އަމަލު ނުކުރާނެ ކަަމަށެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ އެ މަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެޑައިގަތީ ގާނޫނު ނެގެހެއްޓުމަށް ކަމަށެވެ. އެހެންވެ ގާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށް ވިދާޅުވި އެވެ.
އަދި މާތްﷲ ގަންދެއްވައި، އެ މަނިކުފާނު ހުވާ ކުރައްވާފައިވަނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ދައުލަތް ހިންގުމަށް ކަމަށް ވާއިރު، އެ ގޮތުގައި ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާ އެކު ކަމަށާއި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެކަކަށް ވެސް ގޮންޖަހާލާފައި ގާނޫނަކާ ހިލާފަށް މިތާކު، ގާނޫނަކަށް ތަބައެއް ނުވާނަމޭ ބުނެފައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން، އަޅުގަނޑު ކޮށްގެން ހުރި ހުވާގައި ހުރި ފުރުސަތެއް ނޫން އެއީކީއެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް ވެސް ތެދުބަހުން ވާހަކަ ދެއްކުމުގެ ފުރިހަމަ މިނިވަންކަން އޮތް ކަމަށާއި ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގައި ތަން މިނަށް މިނިވަންކަން އޮތް ކަމަށާއި އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ހުރިހާ ކަމެއް ވެސް ރިޕޯޓް ކުރަންވީ. ލިޔަންވީ. ބޭނުންވަރަކަށް ލިޔަންވީ. އެކަމަކު ދޮގު ވާހަކައެއް ނުލިޔެވޭނެ. އަނެކާއާ ބެހޭގޮތުންނެއް ހަގީގަތް ބެލުމެއް ނެތި، ވާހަކަތަކެއް ނުލިޔެވޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެއީ ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމައެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހިގެން އުޅޭ އެއްބައިވަންތަ، އެކުވެރި، ކުލުނާއި ލޯބި ލިބިގެންވާ މުޖުތަމައުއެއްގެ ގޮތުގައި އޮންނަން. އަނެކާއަށް އިހުތިރާމް އަދާ ކުރާ ގައުމަކަށް ވާން،".
ރައީސް ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާ ވެސް "ބޭން" ކޮށް އާއްމު ރައްޔިތުންގެ ސޯޝަލް މީޑިއާ ރެގިއުލޭޓް ގާނޫނުގެ ދަށުން ތަޅު އަޅުވައި، ބަންދު ކުރަނީއޭ ކިޔައިގެން އުފައްދަނީ ފިތުނަ ފަސާދަ އެވެ. އެ ގާނޫނުގެ ދަށުން ސޯޝަލް މީޑިއާގެ އެކައުންޓުތައް ވެސް ރެގިއުލޭޓް ކުރާ ކަމަށް ބުނާ ވާހަކަތައް ރައީސް ރޭ ދޮގުކުރެއްވި އެވެ.
ފެލިދޫގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު ރޭ ބޭއްވެވި ޖަލްސާ އަށް ފަހު، އެހެން ބޭފުޅުންނާ އެކު ގައުމީ ސަލާމަށް ތައްޔާރުވެވަވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް
"ކީރިތި ގުރުއާނުގައި އޮންނަނީ ފިތުނަފަސާދަ އުފެއްދުމަކީ ގަތުލު ކުރުމަށް ވުރެ ނުބައި ކަމެކޭ. އަޅުގަނޑުމެންނަކީ މުސްލިމުން. ދެން ގުރުއާނަށް ވެސް ގޮންޖަހާލާފައި ލިޔަންވީތޯ ހަމަ. ނުކުރެވޭނެ އެ ކަމެއް، މި ގައުމުގައި ނުކުރެވޭނެ އެ ކަމެއް. އެ ކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެ ކަމަކާ،" ރައީސް މުއިއްޒު ވަރަށް ޔަގީންކަމާ އެކު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ހުވާ ކުރައްވައިގެން ހުންނެވީ އިސްލާމްދީނުގައި ވާ ގޮތުގެ މަތިން އަދި ގާނޫނުއަސާސީގައި ބުނާ ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ. އެހެންވެ، އެ ކަންކަން ކުރުމުގައި ދެމިހުންނެވީ ވަރަށް ސާބިތުކަމާ އެކު ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް ވެސް އެ މީހުންގެ ދާއިރާގައި ތިބެގެން ޒިންމާދާރުކަމާ އެކު ކަންކަން ކުރެވޭނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ބިލުން ވެސް ލިބެނީ އެ ފުރުސަތު ކަމަށާއި ސާބިތު ނުހިފޭ ވާހަކަތައް އެ ގާނޫނުން ބަންދުވާ ކަމަށެވެ.
"ސާބިތު ނުކުރެވޭ ވާހަކަތައް އެ މީހަކު ޖެހޭ ނަމަވެސް އޭގައި ބަޔާންކުރަން އެބަޖެހޭ ތިމަންނައަކަށް މި އަދި ސާބިތުވާ ކަމެއް ނޫނޭ. އަންވެރިފައިޑްއޭ މި، ވެރިފައިއެއް ނުކުރެވެއޭ ބަޔާންކުރަން ޖެހޭ ލިޔާއިރުގައި. އެހެން އެ ގާނޫނުގައި އޮތީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ތިމާ ބޭނުން ކޮންމެ ވާހަކައެއް ދޮގު ހަދައިގެން ދެއްކުމަކީ މިނިވަންކަމެއް ނޫނެވެ. އެ ހައްގު އެއްވެސް މީހަކަށް ނެތް ކަމަށް ވިދާޅުވި އެވެ.
"ކިތައް އާއިލާ ތޯ ހަލާކުވެ، ރޫޅިގެން ދިޔައީ ހަގީގަތް ބެލުމެއް ނެތި ލިޔަމުންދާ ވާހަކަތަކުގެ ސަބަބުން. އެހެންވީމާ އަޅުގަނޑުމެން މުސްލިމުންނަށް ވީތީ ވެސް އިސްލާމްދީނުގައި އައިސްފައިވާ ހަމަތައް ގަބޫލު ކުރަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓް ބިލާ މެދު ރާއްޖޭގެ އެތައް ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާ އާއި މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މީޑިއާ ރެގިއުލޭޓް ބިލް އިސްލާހުތަކާ އެކު ފާސްކުރި ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ތަސްދީގު ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލާފައި ވެ އެވެ.
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު ޖަހަން ޖެހެ އެވެ.
އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެ އެވެ. އަދި ނޫސްތައް 5،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ނޫސްވެރިންގެ ޖަމިއްޔާ އިން މައިގަނޑު ގޮތެއްގައި ބުނަނީ ސަރުކާރުން ރެގިއުލޭޓް ކުރާ މީޑީއާގެ ނިޒާމެއް ބޭނުން ނުވާ ކަމަށާއި އޮންނަ ޖެހެނީ ސެލްފު ރެގިއުލޭޓަރީ ނިޒާމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުއްދި
21 September 2025
ބަލަގަ އެއްވެސް ވެރިޔަކު ނުދޭނެ ނިކަމެތީން (ޢާންމު ރަޢިއްޔަތުން) ޤާނޫނާ ޚިލާފުވުމުގެ ފުރުޞަތެއް. މަތީ މަޤާމުތަކުގައި ތިބޭ މީހުންނަކަށް ނޯޥޭ ޤާނޫނެއް ޤަވާޢިދެއް.
ކުދުބެއްޔާ
21 September 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު މިހާރު މިވަނީ ތަސްދީގު ކުރެވިފައެވެ. ވީމާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފުވުމުގެ ބާރެއް ނުވަތަ އިހުތިޔާރެއް އެއްވެސް ބޭފުޅަކަށް ލިބިގެން ނުވާކަން ހަދާން ބަހައްޓާނެ ކަމަށް ހީކުރަމެވެ.
ފިރާޝް ޖައުފަރު
20 September 2025
އަސްލު ވަރައް ރަނގަޅު ވާހަަކަ އެއް މީ ހަމަ. ގާނޫނާ އެއްގޮތައް މަސައްކަތްް ކުރަން އެބަޖެހޭ ހަމަ ވަރައްވެސް ފުރިހަމަ މި ނިންމުންތައް.
ސުދީރު
20 September 2025
ގާނޫނަށް އެންމެންވެސް ތަބާވާންޖެހޭނެ، އެހެންނަމަވެސް މައްސަލައަކަށްވަނީ ސަރުކާރު ނުވަތަ ސިޔާސީ ބޮޑެތިމީހުން ގާނޫނަށް ތަބާނުވާތީ. މިސާލަކަށް މަޖިލިސް މެމްބަރުންގެ އެކައުޓްގައި އެތަކެއް މިލިޔަނުން ފައިސާވަދެފައި އެބަހުރި، އެކަން ބެލޭނެގޮތެއްނެތް، ރައީސުލްޖުމްހޫރިއްޔާ ކިތަންމެ އަޑު ހަރުކޮށް ގާނޫނު ނަގަހައްޓާނަމޭ ބުންޏަކަސް މިރާއްޖޭގައި ގާނޫނު ހިނގަނީ ނިކަމެތިންގެ މައްޗަށް، އެއީ ބޮޑުންނަށް އޮންނަކަމެއްނޫން. މިއީހަގީގަތް.
ވައިކަރަ މުރައިދޫ
20 September 2025
ރައީސުލް ޖުމްހޫރިއްޔާ އީ ދައުލަތުގެ ވެރިޔާ.. ޤާނޫނު ނެގެހެއްޓުމުގާ ފަސްބެލުމެއްނެތި ކުރިޔަށް ވަޑައިގައްނަވާ ..
ވިލްދާން ޝާކިރު
20 September 2025
މި އެމްޑީޕީ ބައިގަނޑު އުޅޭނީ ކޮންމެ ކަމެއް ސިޔާސީކޮށް ގައުމު ހަލަބޮލިކޮށް ގައުމު ބަނގުރޫޓް ކުރަން
އިމްތިހާން
20 September 2025
ގާނޫނުތައް ހަދަނީ ހުރިހާ ރައްޔިތުންގެ ވެސް ރައްކާތެރި ކަމާއި މިނިވަން ކަން ގެނައުމަށް، އެހެންވީމާ ވަކި މީހަކަށް ވަކި ބަޔަކަށް ގާނޫނުގެ މަތީގައި ނުތިބެވޭނެ، ގާނޫނަށް ތަބާ ނުވަންޏާ އަދަބު ތަންފީޒު ކުރަން ޖެހޭނެ
ގާސިމް
20 September 2025
ވަކި ބަޔަކު ބޭނުން ނުވާ ގާނޫނެއް ހަދާ އިރަށް ބޮޑާ ހާކައި ގާނޫނަށް ތަބާނުވާން ގޮވާއިރު އެއީ ވަރަށް ބޮޑު ކުށެއް
ސަރީފް
20 September 2025
ގާނުނަށް ތަބާ ނުވާން ބުނުމަކީވެސް ގާނޫނީ ކުށެއް، އެއްވެސް މީހަކަށް ގާނޫނާ ހިލާާފު ވާން ގޮވާ ނުލެވޭނެ، ދިވެހިރާއްޖޭގައި މިއޮތީ ގާނޫނީ ވެރިކަމެއް
ހާބުރި
20 September 2025
މީ ރައީސް އިންނަކީ ވަރަށް ސަޅިއޭ