އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒް: އޭނާ ވިދާޅުވަނީ އިޒްރޭލު ދެކެ ދުނިޔެ ޖެހިލުންވެގެން ނުވާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
20 ސެޕްޓެމްބަރ 2025 - 12:44
އިޒްރޭލުން ދައްކާ ބިރަށާއި ހުޅަނގު އައްސޭރި ހިފަމުން ދިއުމާ މެދު ބިރު ގަނެ އިޒްރޭލު ދެކެ ދުނިޔެ ޖެހިލުންވެގެން ނުވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒް އިއްޔެ ވިދާޅުވެއްޖެ އެވެ.
ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ގުޓަރެޒް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލިސް ފެށުމަށް ތައްޔާރުވެ އަދި އިތުރު 10 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް، އެކަމަށް ވަކާލާތުކުރުމުގައި އިސްކޮށް މަސައްކަތްކުރާ ފްރާންސުން ބުނެފައި ވަނިކޮށެވެ. މިއީ އިޒްރޭލުން ހަރުކަށިކަމާ އެކު ދެކޮޅުހަދަމުންދާ ކަމެކެވެ.
ކޮންމެ އަހަރަކު ހަފްތާއެއްހާ ދުވަހަށް، މެންހަޓަންގެ ބައެއް ސަރަހައްދުތަކަށް ހުއްޓުމަކަށް އަންނަ، 140 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާ މި ބައްދަލުވުމުގައި މިފަހަރުގެ ބޮޑު މައުޟޫއަކަށް ވާނީ ފަލަސްތީނުގެ ރައްޔިތުންގެ މުސްތަގުބަލާއި ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހުޅަނގުގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ މަސައްކަތުގައި ކުރިއަށްދާ ނަމަ ހުޅަނގު އައްސޭރި ހިފާނެ ކަމުގެ އިންޒާރު އިޒްރޭލުން ވަނީ ދީފަ އެވެ. އިޒްރޭލުން މިހާރުވެސް ވަނީ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިފައި ޔަހޫދީން ވަޒަންވެރިިކުރަން އިއުލާނުކޮށްފަ އެވެ.
އެކަމަކު ގުޓަރެޒް ވިދާޅުވީ "އިޒްރޭލުން ބަދަލުހިފާނެ ކަމަށް ބިރުގަނެގެން ނުވާނެ" ކަމަށެވެ.
"އަޅުގަނޑުމެން މި ކުރާ މަސައްކަތް ކުރިޔަސް ނުކުރިޔަސް، މި އަމަލުތައް ދެމިގެންދާނެ. އަދި އެންމެ ކުޑަމިނުން އެކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ޕްރެޝަރު ކުރުމަށް ހިތްވަރަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
ގުޓަރެޒް ވިދާޅުވީ ޣައްޒާއިން ފެންނަމުން އެ ދަނީ އިންތިހާ ދަރަޖައިގެ ބިރުވެރި މަންޒަރުތައް ކަމަށާއި ޣައްޒާ ސިޓީގައި އަދިވެސް ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑު ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުއްޓާ އަދި ފަހަރެއްގައި އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ފެނުނު އެންމެ ގެއްލުން ބޮޑު އަދި އެންމެ އަނިޔާވެރި ގަތުލްއާންމު ކަމަށް ވެދާނެ. ފަލަސްތީނު ރައްޔިތުން ބަނޑަށް ޖެހި، ބޭސްފަރުވާ ނުލިބި، ބޯހިޔާވަހިކަމެއް ނެތި އެތައް ހާސް ބަޔަކު ތޮއްޖެހިގެން ކޭމްޕުތަކުގައި އެ އުޅޭ ހާލަތު ހިޔާލަށް ވެސް ނުގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy