ސޮނެވާ ރިސޯޓްސްގެ އާ މެނޭޖްމަންޓް، (ކ-ވ) ސީއޯއޯ އަބީޝެކް ޝަރްމާ، ސީސީއޯ ޖޯނާ ފްލިންޓް އަދި ސީއެފްއޯ ކްރިސް ވައިޓްހައުސް. ފޮޓޯ: ސޮނެވާ ރިސޯޓްސް
23 ސެޕްޓެމްބަރ 2025 - 14:59
ތިމާވެއްޓަށް ގެއްލުން ކުޑަވާ ގޮތަށް އަދި ލަގްޒަރީ ހިދުމަތް ދެވޭ ގޮތަށް ސޯނޫ ސިވްދަސާނީ އާއި އޭނާގެ އަންހެނުން އީވާގެ ނަން ހިމަނައިގެން އުފެއްދި ބްރޭންޑް "ސޮނެވާ" މެޖޯރިޓީ ހިއްސާ އެމެރިކާގެ ކޭއެސްއެލް ކެޕިޓަލް ޕާޓްނާސް ކުންފުނިން ގަތުމަށް ފަހު، ދުބާއީގައި މައި އޮފީސް ހުޅުވައި ސޮނެވާ ގްރޫޕްގެ ލީޑަޝިޕް ބަދަލުކޮށްފި އެވެ.
އޭއެސްއެލް އިން ސޮނެވާގެ މެޖޯރިޓީ ހިއްސާ ގަތީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ސޮނެވާ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް އޭރު އައްޔަންކުރީ ނީލް ގެލެގާ އެވެ.
ސޮނެވާ ގްރޫޕުން މިއަދު ބުނީ އެ ގްރޫޕްގެ ލީޑަޝިޕަށް މިއަދު އެހެން ތިން ބޭފުޅަކު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެއީ ޗީފް އޮޕަރޭޓިން އޮފިސަރުގެ (ސީއޯއޯ)ގެ މަގާމަށް ހަމަޖެއްސި އަބީޝެކް ޝަރުމާ އާއި ޗީފް ފައިނޭޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމަށް ހަމަޖެއްސި ކްރިސް ވައިޓްހައުސް އާއި ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް ހަމަޖެއްސި ޖޯނާ ފްލިންޓް އެވެ.
ސޮނެވާ ގްރޫޕުން ބުނި ގޮތުގައި އެ ގްރޫޕްގެ ހެޑްކުއާޓަރު ދުބާއީގައި ހުޅުވީ ދުބާއީ އަކީ ވިޔަފާރީގެ ދާއިރާއިން އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ހަތަރުއަނގޮޅިއަށް ވާތީ އިންޑަސްޓްރީ ޕާޓްނަރުންނާއި މާކެޓާ އެކު އޮންނަ ގުޅުން ވަރުގަދަކުރަން ފަސޭހަވާނެތީ ކަމަށެވެ.
މީގެ ތެރެއިން ޖޯނާ ފްލިންޓް އަކީ ލަގްޒަރީ ހޮސްޕިޓަލިޓީ ދާއިރާ އާއި ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ގޫގުލް އާއި މެންޑަރިން އޮރިއެންޓަލް އަދި ސިންގަޕޯ އެއާލައިންގައި އިސްމަގާމްތައް އަދާކުރައްވައިފަ އެވެ. އޭނާ އަކީ 20 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.
ސޮނެވާ ގްރޫޕްގެ އާ ސީއެފްއޯ ކްރިސް ވައިޓްހައުސް އަކީ ދަ ޑޮޓް ގްރޫޕް އާއި ކެންޑީ އެންޑް ކެންޑީ އަދި ސީޕީސީގައި މަސައްކަތް ކުރައްވައި ފައިނޭންޝަލް ސްޓްރެޓެޖީ، ރިސްކް، ކޯޕަރޭޓް ފައިނޭންސިން އަދި އެސެޓް މެނޭޖްމަންޓްގެ ދާއިރާއިން ތަޖުރިބާހޯއްދަވާފައިވާ ބޭފުޅެކެވެ.
ސީއޯއޯ އަބީޝެކް ޝަރުމާއަކީ ރާއްޖޭގެ އިތުރުން އިންޑި އާއި މިސްރުގައި ލަގްޒަރީ ހޮސްޕިޓާލިޓީ ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނުލްކޮސްގޮވިވްސްކީ
25 September 2025
އޯކޭ. މި ކަމުން އަހަރެންފަދަ އާނމު ދިވެއްސަކަށް ވަނީ ކޮން ފައިދާއެއްތޯ، ގެއްލުމެއްތޯ ނުވިސްނުން. ވެދާނެ ދޮންމީހުންހާ އަހަރެންގެ ސިކުނޑީ ބޮޑުނޫނީ ކަމަށްވެސް.