ޚަބަރު / ވެލާ

ވެލަޔަށް ފަރުވާދޭ ސެންޓަރެއް ސޮނެވާ ޖާނީގައި ހުޅުވައިފި

ސޮނެވާ ޖާނީ ރިސޯޓުގައި ހުޅުވި "ނޫނު އެޓޯލް ސީ ޓާޓަލް ރިހެބިލިޓޭޝަން ސެންޓަރު".-- ފޮޓޯ: ސޮނެވާ

ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓުގައި ވެލަޔަށް ފަރުވާދޭ ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ.

ސޮވެނާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ "ނޫނު އެޓޯލް ސީ ޓާޓަލް ރިހެބިލިޓޭޝަން ސެންޓަރު" އަކީ ވެލާކަހަނބުގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) އާ ގުޅިގެން އެ ރިސޯޓުގައި ހުޅުވި ތަނެއް ކަމަށެވެ.

އޯއާރުޕީން މިހާރު ވެސް ވެލާކަހަނބު ސަލާމަތްކުރުމަށާއި ފަރުވާދިނުމަށް ރާއްޖޭގައި ދެ ސެންޓަރެއް ހިންގަ އެވެ. ސޮނެވާ ޖާނީގައި ހުޅުވި މި ސެންޓަރަކީ މިހާތަނަށް އެ ޖަމިއްޔާއިން ހުޅުވި އެންމެ ބޮޑު ސެންޓަރެވެ.

ސޮނެވާ ޖާނީ ރިސޯޓުގެ "ނޫނު އެޓޯލް ސީ ޓާޓަލް ރިހެބިލިޓޭޝަން ސެންޓަރު"ގެ ބައެއް މުވައްޒަފުން.-- ފޮޓޯ: ސޮނެވާ

މި ސެންޓަރަކީ ހާއްސަ ފަރުވާ ބޭނުން ނުވި ނަމަވެސް، އަލުން ކަނޑަށް ދޫކޮށްލުމަށް ތައްޔާރުވާ ވެލާތަކަށް ހާއްސަކޮށްފައިވާ ތަނެއް ކަމަށް ސޮނެވާއިން ބުންޏެވެ.

ފުރަތަމަ ވެލަޔަށް ފަރުވާ ދެނީ

ސޮނެވާއިން ބުނީ މި ސެންޓަރު ރަސްމީކޮށް ހުޅުވުމުގެ ކުރިން އެތަނުން ފަރުވާދިނުމަށް ފުރަތަމަ ވެލާ ގެންދިޔައީ މިދިޔަ މަހު 14 ގައި ކަމަށެވެ. އެއީ "ނަކަތް" ކިޔާ އަންހެން ވެލައެއް ކަމަށާއި އެއީ ޅ. އަތޮޅުގެ ކަނޑުމަތިން ދަލެއްގައި އޮޅިފައި އޮއްވާ ފެނުނު ވެލައެއް ކަމަށް ވެސް ސޮނެވާއިން ބުންޏެވެ.

ދަލުގައި އޮޅިފައި އޮތުމުގެ ސަބަބުން އޭގެ ކަރާއި ތުނބާއި ވާތު ފިޔަގަނޑަށް ވަނީ އަނިޔާވެފަ އެވެ. އެހެންވެ، އެ ވަލަޔަށް އަމިއްލައަށް ހަރަކާތްތެރިވެ ނޫޅެވެ އެވެ.

ސޮނެވާ ޖާނީ ރިސޯޓުގެ "ނޫނު އެޓޯލް ސީ ޓާޓަލް ރިހެބިލިޓޭޝަން ސެންޓަރު"ގައި ފަރުވާދެމުން އަންނަ ފުރަތަމަ ވެލާ "ނަކަތަށް" ފަރުވާދިނުމުގެ މަސައްކަތްކުރަނީ.-- ފޮޓޯ: ސޮނެވާ

"ސަލާމަތްކުރެވުނު ފަހުން، 'ނަކަތަށް' ވަނީ ފުރިހަމަ ބޭސްފަރުވާ ދެވިފައި. އަދި އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭ،" ސޮނެވާއިން ބުންޏެވެ.

ނަމަވެސް، އެ ވެލަޔަށް އަދިވެސް ފެނުގައި އަޑިއަށް ދިއުމަށް ދަތިވެ އެވެ. އެހެންވެ، ސޮނެވާ ޖާނީގައި ހުންނަ ފަރުވާދޭ ސެންޓަރުގައި އަންނަނީ އެއަށް ފީނުމުގެ ހާއްސަ ތަމްރީނުތައް ދެމުންނެވެ. ޓާގެޓެޑް އެކްސްޓާނަލް ވެއިޓް ތެރަޕީ (ޓީއީޑަބްލިއުޓީ) އާއި ފެނުގެ އަޑީގައި ކާންދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދެ އެވެ. އެއީ، އަމިއްލައަށް ފީނުމާއި ކެއުމުގެ އާދަތައް އެ ވެލަޔަށް އަލުން ދަސްކޮށްދިނުމަށެވެ.

ދުނިޔޭގެ ކަނޑުގައި ހުރި ޕްލާސްޓިކް ކުނީގެ 10 ޕަސެންޓަކީ މަސްވެރިކަމަށް ބޭނުންކުރާ ދާ ކަމަށް ކުރިން ކޮށްފައިވާ ދިރާސާތަކުން ދައްކަ އެވެ.

އޯއާރުޕީ އުފެއްދުމުގެ ފަހަތުގައި ވެސް އޮތީ މި މައްސަލަ އެވެ. އިނގިރޭސިވިލާތުގެ ޕްރޮފެސަރު ޑރ. މާޓިން ސްޓެލްފޮކްސް މި ޖަމިއްޔާ އުފެއްދެވީ މެރިން ބަޔޮލޮޖިސްޓެއްގެ ގޮތުގައި އޭނާ ރާއްޖޭގައި މަސައްކަތްކުރެއްވި ދުވަސްވަރު، ރާއްޖޭގެ ކަނޑުމަތިން ދަލުގައި އޮޅިފައި އޮންނަ ވެލާތައް ފެންނަ ވަރު ގިނަވުމުންނެެވެ. ވެލާކަހަނބުގެ ހިމާޔަތްކޮށް، އެއަށް ބޭނުންވާ ފަރުވާ ފަހިކޮށްދިނުމަށް އޯއާރުޕީ އުފެއްދީ 2013 ވަނަ އަހަރު އެވެ.

ވެލައެއް ދަލެއްގައި އޮޅިފައި: ދުނިޔޭގެ ކަނޑުގައި ހުރި ޕްލާސްޓިކް ކުނީގެ 10 ޕަސެންޓަކީ މަސްވެރިކަމަށް ބޭނުންކުރާ ދާ ކަމަށް ކުރިން ކޮށްފައިވާ ދިރާސާތަކުން ދައްކަ.-- ފޮޓޯ: ސޮނެވާ

އެ ޖަމިއްޔާއިން ވެލަޔަށް ހާއްސަ ރެސްކިއު ސެންޓަރެއް އެންމެ ފުރަތަމަ ހުޅުވީ 2017 ވަނަ އަހަރު، ބ. އަތޮޅުގައި އޮންނަ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގަ އެވެ. އަދި ވެލަޔަށް ފަރުވާދިނުމަށާއި ރެސްކިއުއަށް ހާއްސަ ސެންޓަރެއް މާލެ އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި މިދިޔަ އަހަރު ވަނީ ހުޅުވައިފަ އެވެ.

އޯއާރުޕީން މިހާތަނަށް ވަނީ 141 ވެލަޔަށް ފަރުވާދީ، އޭގެ ވެއްޓަށް އަލުން ދޫކޮށްލައިފަ އެވެ.

ސެންޓަރުގެ މަސައްކަތްތައް

ސޮނެވާއިން ބުނި ގޮތުގައި، ސޮނެވާ ޖާނީގައި ހުޅުވި ސެންޓަރު މެނޭޖުކުރައްވާނީ ސްޕެއިންގެ ސީ ޓާޓަލް ބަޔޮލޮޖިސްޓް ނެއުސް ސެގްރާއާ އެކު ރާއްޖޭގެ އިންޓާން ނަވްހާ އިބްރާހިމެވެ. އެ ދެ ބޭފުޅުން މި ސެންޓަރު ހިންގަވާނީ އޯއާރްޕީގެ ވެޓެރިނަރީ ޓީމުގެ ސީދާ ބެލެހެއްޓުމުގެ ދަށުންނެވެ. އެ ބޭފުޅުންގެ މަސައްކަތްތަކަކީ؛

• ކަނޑަށް ދޫވެފައިވާ ދާތައް ނެގުން.

• އަނިޔާވެފައިވާ ވެލާތައް ސަލާމަތްކޮށް ފަރުވާދިނުން.

• ވެލާ ބިސްއަޅައި ހަރަކާތްތެރިވާ ގޮތް މޮނިޓާކުރުން.

• ނ. އަތޮޅުގައި އުޅޭ ވެލާތަކުގެ ޑޭޓާބޭސްއެއް އެކުލަވާލުމަށް ފޮޓޯ-އައިޑީތައް އެއްކުރުން.

ސޮނެވާ ޖާނީ ރިސޯޓުގެ "ނޫނު އެޓޯލް ސީ ޓާޓަލް ރިހެބިލިޓޭޝަން ސެންޓަރު".-- ފޮޓޯ: ސޮނެވާ

އެ ރިސޯޓަށް ޒިޔާރަތްކުރާ މެހުމާނުންނަށް މި ސެންޓަރަށް ޒިޔާރަތްކޮށް، އެތަނުގެ މަސައްކަތްތައް ބަލާލުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ސޮނެވާއިން ބުންޏެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑީިޑީި

22 October 2024

އަހަރެމެން އިގްތިސާދު ގުޅެނީ ވެލަޔާ. ބުޅާ ފެސިލިޓީއަކަށްވުރެ ގައުމަށް މިހިއްމީ މިތަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454