ރައީސް މުއިއްޒު މިއަދު އޮމަދު އަށް ވަޑައިގަތުމުން އެ މަނިކުފާނާ އެކު އެ ރަށުގެ ޒުވާނުންތަކެއް ސެލްފީއެއް ނަގަނީ.---ފޮޓޯ: ރައީސް އޮފީސް
25 ސެޕްޓެމްބަރ 2025 - 12:27
ރަށްރަށުގެ އިހްތިސާސްގައި ހިމަނައިދޭ ރަށްރަށް، އެ ރަށުގެ އިހުތިސާސުން ވަކިކޮށް ރިސޯޓު ހަދަން ކުއްޔަށް ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ ރަށުގެ އިހުތިސާސްގައި ވެސް ރަށެއް އޮތްކަން ފާހަގަކުރައްވައިފަ އެވެ.
ގާނޫނުގައި އޮންނަނީ އިހްތިސާސް ތެރޭގައި ފަޅު ރަށެއް އޮތަސް ރިސޯޓުގެ ގޮތުގައި ތަރައްގީ ނުކުރެވޭ ގޮތަށެވެ. ރައީސް ވިދާޅުވީ އެހެން އޮތަސް، އިހްތިސާސުން ރަށް ވަކިކޮށް، ކައުންސިލުން ބޭނުން ނަމަ ރިސޯޓް ހަދަން ކުއްޔަށް ދެވޭނެ ކަމަށެވެ.
ރަށުގެ އިހުތިސާސްގައި ބާއްވައިގެން ޓޫރިޒަމް ރިސޯޓެއް ނުހިންގޭނެ ނަމަ ސިޓީ ހޮޓެލް ނުވަތަ ގެސްޓް ހައުސް ޓޫރިޒަމް ކަހަލަ މަޝްރޫއުތައް ހިންގިދާނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު އޮމަދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"އިންޓިގްރޭޓެޑް ނުވަތަ ނޯމަލް ޓުރިޒަމް ރިސޯޓެއް ވެސް ތަރައްގީކުރެވޭ ގޮތަކަށް ނޫން ގާނޫނުގައި މި އޮންނަނީ. ރިސޯޓެއް ހަދަން ބޭނުން ނަމަ އެ ރަށުގެ އިހުތިސާސްގެ ތެރެއިން ރަށް ވަކިކޮށްފައި ދެން އިންވެސްޓަރެއް ހޯދައިގެން ރިސޯޓެއް ހެދިދާނެ،"
"މީގެ ކުރިން އޮންނަނީ ކައުންސިލްތަކުން ބޭނުންވެގެން އިންވެސްޓަރުން ހޯދައިގެން އެ ރަށްރަށުގައި ފަޅުތެރޭގައި، އިހްތިސާސްގައި އޮންނަ ރަށްތަށް އިހުތިސާސްއިން ވަކިކުރުމަށް ފަހު އިންވެސްޓް ކުރަން ފުރުސަތު ހުޅުވާލުން."
ރައީސް ވިދާޅުވީ ބައެއް ރަށްރަށުގައި މިހާރު ވެސް މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ގެންދަވަނީ ބައެއް ރަށްރަށުގެ އިހްތިސާސްގައި ރަށްތައް ހިމަނުއްވައި އަދި ބައެއް ކައުންސިލްތަކާ ރަށްތައް ވަކި މުއްދަތަކަށް ހަވާލު ވެސް ކުރައްވަމުންނެވެ.
އެގޮތަށް ދޭ ރަށްރަށުން ތަރައްގީ ހޯދައިދީ އިގްތިސާދީ ފުދުންތެރިކަން ހޯދައިދިނުމަށް ކައުންސިލްތަކުގައި ރައީސް އެދިވަޑައިގަނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
25 September 2025
އާނ. ރަނގަޅު ކަމެއް މިދުވަސްކޮޅު ރަށްރަށުގެ އިޚްތިސާސްގެ ތެރެއަށް ލާން. ރިސޯޓް ތައްވެސް ރަނގަޅު ރަށްރަށުގެ އިޚްތިސާސްގެ ތެރެއަށްލާން. ލީ މަގުސަދު ފުދުނީމާ އިޚްތިސާސްގެ ތެރެއިން ވަކިކުރީއޭ ބުނީމާ ނިމުނީ.
ދޮންފަނުބޭ
25 September 2025
އާނ އެހެންވެގެންނެއްނު ދޮންފަނު އިހްތިސާސްގަ ހިމެނޭ ދޮންފަނުގެ ދެކުނުފަރާތަށް ފީނައިގެން މުޅިޓޫރިޒަމް ދާއިރާއިން ޑޮލަރުނަގަނީ. މިކަމެކޭ އަހަރެންގެ ގެއަށް އައިސް އަހަރެންގެ ހުއްދަނެތި "ބޭނުންހާކަމެއް" ކޮށްފަ ހަމަޖެހިލައިގެން ނިކުމެގެން ދިއުމެކޭ ކޮބާ ތަފާތެއް. ބޮޑެތިމީހުނަށް ބޮޑު އިންސާފު. ކުދިމީހުންނަށް ކުޑައިންސާފު. ކަލޭމެން މިއަދު ގާނޫނުހަދާ ކަލޭމެންނަށް މޮޅުހެން ހީވާގޮތަކަށް. އަނެއްބައި ދެން ވިސްނާލާ