އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރާއްޖޭގެ ބައެއް ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވަނީ.
28 ސެޕްޓެމްބަރ 2025 - 16:29
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލައިފި އެވެ.
ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށް ލޯނު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.
އެސްޑީއެފްސީން ބުނި ގޮތުގައި ރަހުނަކާ އެކު 500،000ރ. އަދި ރަހުނަކާ ނުލައި 150،000ރ. ގެ ލޯނު ދޭނެ އެވެ.
މިއީ ކޮންޓެންޓް ކްރިއޭޓަރުން ބާރުވެރިކޮށް، ރާއްޖޭގެ ކްރިއޭޓިވް އިގްތިސާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމުގެ މަގްސަދުގައި ދޭ ލޯނެއް ކަމަށް އެސްޑީއެފްސީން ބުންޏެވެ.
ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތަކާއި އިންފްލުއެންސަރުންނާއި ވީޑިއޯގްރާފަރުންނަށް އެ މީހުންގެ ވަސީލަތްތައް އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ އިތުރުން އާ ފުރުސަތުތަކެއް މި ލޯނުން ފަހިކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
އެސްޑީއެފްސީން ބުނީ އަހަރަކު 9.5 ޕަސެންޓުގެ އިންޓަރެސްޓުގައި ރޭޓެއްގައި ދޭ އެ ފެސިލިޓީގެ ފައިސާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެ ކަމަށެވެ.
އެ ލޯނު ސްކީމުގައި ލިބޭ ފައިސާއިން އިކުއިޕްމަންޓް ގަތުމާއި އުފެއްދުމުގެ ހަރަދުތައް ކަވަރުކުރުމާއި ކްރިއޭޓިވް އެންޓަޕްރައިސަސްތައް ސްކޭލް ކުރުމަށް ކޮންމެހެން ބޭނުންވާ ވިޔަފާރީގެ އެކި ހަރަދުތައް ފޫބެއްދޭނެ ކަމަށް ވެސް އެސްޑީއެފްސީން ބުންޏެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓާ ބަދުރުއްދީން ހަސަން ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީ އަކީ ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އެއް ދާއިރާކަމަށާއި މި ލޯނުގެ މައިގަނޑު ބޭނުމަކީ ދިވެހި ކްރިއޭޓަރުންގެ މަސައްކަތް ދުނިޔޭގެ ފެންވަރުގައި ދެއްކޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
"މިއީ ހަމައެކަނި ފައިނޭންސިން ޕްރޮޑަކްޓެއް ނޫން. މިއީ ކްރިއޭޓިވް ހުނަރާއި އުފެއްދުންތެރިކަމާއި ގައުމުގެ އިގްތިސާދީ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް،" ބަދުރުއްދީން ވިދާޅުވި އެވެ.
އެސްޑީއެފްސީގެ ވެބްސައިޓުން އެމްއެމްއީ ޕޯޓަލަށް ވަދެ، މިހާރު އެ ލޯނަށް އެދި ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޯލް
29 September 2025
5 ލައްކަ ނަގާގެން ކުރަނީ ކޮންކަމެއްތޯ އާއި އެ ދެއްކޭނެ ގޮތެއް އޮތްތޯވެސް ބަލަންޖަހޭ. 17 އަހަރު އުމުރުފުރާގެ ކުދިން ކޮންޓެންޓް ކްރިއޭޓަރުނަށް ވެގެން މި ޤައުމުގައި އުލެނީ މަތީގައި އިން ފޮޓޯގައިވެސް އެތިބާ އެ ފަދަ ކުދިން.
އައިމަން ތައުިުފީގް
29 September 2025
މަ ހިޔެއް ނުކުރަން ރައީސް މި ވައުދު ވިއިރު މިކަން ކުރާނެ ކަމަށް. އެކަމަކު މިހާރު ނިކަން އުފާވެއްޖެ. ދެން ހަމަ ޔަގީނުންވެސް ވިޔަފާރި ކުޑަކޮށް ފުޅާކުރެވޭނެ
ފޭޒްލީން
29 September 2025
ރައީސް މުއިއްޒްއަށް ފަށްފަށުން ޝުކުރިއްޔާ. މީ ވެރިންނަކީ.، ބުނި ގޮތަށް ކަން މި ނިންމާލީ.
މަފާޒް ސަލީމް
29 September 2025
މީ އަހަރުމެން ކަހަލަ ކްރިއޭޓަރުންނަށް ލިބޭ ބޮޑު ކުރިއެރުމެއް.
ގޭޓްވޭ
29 September 2025
ފޮރިން ޕޭމަންޓް ގޭޓްވޭ ކަންތައް ހަމަޖައްސާބަލަ ފުރަތަމަ. ކޮންޓެންޓް ކްރިއޭޓަރުންނަށް ބޭރުން އެއްޗެއް ލިބެނީ އަވައްޓެރި ގައުމެއްގެ ބޭންކެއްގައި އެކައުންޓް ހުޅުވައިގެން. މިނޫން ގޮތެއް ނެތްތަ ހަމަ؟
މައިކާލޯސް
29 September 2025
އީފާސް އޯޓީޕީ ޖެހީމަ އަނެއްކާވެސް ލޮގިން ޕޭޖަށްދަނީ. ކުރިޔަކަށްނުދޭ. މާގިނަބަޔަކު އެއްފަހަރާ ވަދެގެން އުޅެނީތަ ނޫނީއަދި ރެޑީއެއްނޫންދޯ؟
ރާވެރިބެ
29 September 2025
މީ ސީދާ ދަރަނި ދަންތުރަ. މި ލޯނު ނަގާ ޒުވާނުންނަށް. ދުވަހަކު ސަލާމަތެއް ނޯންނާނެ
އަފްރާސިޔާބު
28 September 2025
މީ ފާޅުގައި ރަސްމީކޮށް ހިންގާ ޚިޔާނާތް. އެވެސް ބެލޭނެ ދުވަހެއް އަންނާނެ ތޯއްޗެއް.
ނޫނުސާދަ
28 September 2025
ޕޭޕަލް ކަންތައް އުޅެނީ ކިހާ ހިސާބެއްގަ މިހާރު
މައިކާލޯސް
29 September 2025
އޭތި އުޅެނީ ކުރިން ބުނި އެތިކެންސަލް ހިސާބުގަ. ޓްރަމޕް ބިޒީވީމަ އަދި އެގްޒެކެޓިވް އޯޑަރުގަ ސޮއި ނުކުރެވިގެން ރާއްޖެއަށް ނުދެވިއޮތީ.
ޙތގޗ
28 September 2025
ފޯމާ އެއްކޮށްބާ އެޕްލިކޭޝަން ލާން ޖެހެނީ...