އަސާސީ ހައްގުތަކާ ބެހޭގޮތުން ސުއޫދު ލިޔުއްވި ފޮތް ކުރީގެ ޕީޖީ މުއިއްޒު ނެރެދެއްވަނީ: މިއަދު ވަނީ ސުއޫދު ލިޔުއްވި ދެ ފޮތެއް ލޯންޗްކޮށްފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
28 ސެޕްޓެމްބަރ 2025 - 18:57
އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ ގޮތުންނާއި މުދަލުގެ ޒަކާތާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި މުހިންމު ދެ ފޮތެއް މިއަދު ނެރެފި އެވެ.
"ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތާއި "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތް ނެރެދެއްވީ މިއަދު ހަވީރު ނޭޝަނަލް ލައިބްރަރީގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ސުއޫދު ވިދާޅުވީ އަސާސީ ހައްގުތަކާ ބެހޭގޮތުން ލިޔުއްވި ފޮތަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމާ ބެހޭގޮތުން އޭނާ ލިޔުއްވާ ސިލްސިލާގެ ފުރަތަމަ ވޮލިއުމް ކަމަށެވެ. ގާނޫނުއަސާސީން ލިބިދޭ ކޮންމެ ހައްގެއްގެ ބޭނުމާއި އެ ހައްގު ކަށަވަރު ކޮށްދިން ސަބަބާއި އެ އިން ކޮންމެ ހައްގަކާ ބެހޭގޮތުން ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ހުރިހާ ނިންމުންތަކެއް އެ ފޮތުގައި ހިމަނާފައިވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"ގާތްގަނޑަކަށް އަޅުގަނޑަށް ހީވަނީ 100 ޕަސެންޓް ކޮމްޕްލީޓް ވާނެ ހެން މިހާތަނަށް ރާއްޖޭގެ ގާނޫނު އަސާސީގެ ކޮންމެ މާއްދާއެއް ކޯޓުތަކުން މާނަކޮށް، ތަތުބީގުކޮށްފައި ހުރި ގޮތް،" ސުއޫދު ވިދާޅުވި އެވެ.
ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައިފައިވާ "ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" އަދި "މުދަލު ޒަކާތް ހިސާބުކުރުން" ފޮތް.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މީގެ އިތުރުން ގާނޫނުއަސާސީ މާނަކުރާނެ ގޮތުގެ މައްޗަށް ވެސް އެ ފޮތުގައި އަލިއަޅުވާލާފައިވާނެ ކަމަށް ކުރިން ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި މުދަލުގެ ޒަކާތް ހިސާބު ކުރާނެ ގޮތާ ބެހޭގޮތުން ފޮތެއް ލިޔުއްވީ މުދަލުގެ ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ހުރި އޮޅުންތައް ސާފުކޮށްދިނުމާ އެކު، އެކަމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށް ދިނުމަށް ކަމަށެވެ. އެކަމުގައި ބައެއް ފަރާތްތަކަށް އޮޅުން އަރާ ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ސުއޫދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ފޮތް ނެރެދެއްވުމަށް ފަހު، މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީއާ އެކު މުހިންމު ބަދަލުތަކެއް ގާނޫނީ ނިޒާމަށް އައިސްފައިވާއިރު، އަސާސީ ހައްގުތަކާ ބެހޭގޮތުން ސުއޫދު ލިޔުއްވި ފޮތުގައި 52 ޗެޕްޓަރެއްގެ މައްޗަށް 500 އަށް ވުރެ ގިނަ ސޮފްހާ ހިމެނޭ ކަމަށެވެ. އެއީ ބޮޑު މަސައްކަތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ ދެ ފޮތް މޯލްޑިވްސް ލޯ އިންސްޓިޓިއުޓް މެދުވެރިކޮށް ގަންނަން ލިބޭނެ އެވެ.
ސުއޫދު ކުރިން ވެސް ވަނީ ގާނޫނީ އެކި ކަންކަމާ ބެހޭގޮތުން ގިނަ ފޮތްތަކެއް ލިޔުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދައުލަތް
29 September 2025
މި ދައުލަތުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަން. މި ކަމަށް ފޮތެއް ނުލިޔާނަންތަ!
ވޯލް
29 September 2025
ފަންޑިޔާރުކަންކޮށްފަ އަދި ޚާއްސަކޮށް އެންމެ މަތީ ކޯޓުގެ ފަންޑިޔާރުކަމުން ވަކިވެފަ ތިބި މީހުންގެ ތެރެއިން ސޫދު ނޫނީ ޢާންމު ފައިދާއަށް ކަމެއް ކުރާ މީހަކު ނެތް. ސުކުރިއްޔާ. އަދި މިފަދަ ފޮތްތަކުގައި ޤާނޫނީ ގޮތުން ގިނަ މައުލޫމާތު ހިމެނޭކަމީ ފޮތް ލިޔުއްވި މީހާއަށް ޝުކުރު ހައްޤުވާ އެންމެ ބޮޑޫ އެއް ސަބަބު.
ފަނޑިޔާ
29 September 2025
އަސާސީއެއް އޮތުމުގެ މުހިންމު އެއް ބޭނުމަކީ، ދައުލަތުން އެއްބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވައި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ހައްގު ލިބިދިނުން. އެކަމަކު ވެރިކަމަށް އަންނަ ކޮންމެ މީހަކު އޭނާގެ ވެރިކަމުގެ އިތުރުން ޖުޑިޝަރީޢާއި، މަޖިލިސް އޭނާގެ ބާރުހިނގާ ތަނަކަށްވުމުން މިނިވަންކަމާއެކު އެތަންތަނެއް ނުހިގާނެ. ރިޕޯޓެއް ނެރުނަސް، ހުކުމެއް ކުރިއަސް، ބިލެއް ފާސްކުރިއަސް ނުރުހޭމީހާއަށް އޮންނާނީ ހައްގު ނުލިބި، އަސާސީގެ ކުރިމަތީ ހަމަހަމަ.
ރުއްފަށާ ހަސަނު
29 September 2025
"މަރުޙާބާ.ރާއްޖޭގެ މަޝްހޫރު ޤާނޫނީ އިލްމުވެރިޔާ ޑރ މުޙައްމަދު މުނައްވަރުގެ ކޮއްކޮ އަދި ސްޕްރީމް ކޯޓް ކުރީގެ ފަނޑިޔާރު ހުސްނު އަލް ސުޢޫދަކީ ޤާނޫނީ ދާއިރާއިން ރާއްޖެއަށް އެންމެމަތީ ދަރަޖައިގެ ހިދުމަތް ތަކެއްކޮށް ދިނުމުގެ އިތުރުން މިދާއިރާއަށް ރައްޔިތުން ހޭލުންތެރިކަން އުފެދިގެންދާނެ ފަދަ މުހިންމު އެތައް ބަޙުސް ތަކަކަށް މަގުހުޅުވޭފަދަ ޖަދަލުތަކެއް ކުރިމަތިކޮށް އެފަދަ ކަންކަން މީހުންގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ދާއިރާއަށް ޝައުޤު އުފެއްދާ ބޭފުޅެއް."
ސޯޓޭ
29 September 2025
މި ރާއްޖޭގަ މާ މޮޅު މާފުންނާބު އުސް އޭޖީ ކަން ކުރައްވާފި ތިބި ވަކީލާއިން އެބަތިއްބެވި. ފޭސު ބުކު ބަލާލީމަ ހީވޭ ކޮންމެ ސުޓޭޓަސް އަޕްޑޭޓަކީ އިލްމީ ޖަވާހިރެއްހެން. އެބޭފުޅުން ކީއްވެބާ ސޫޓޭޓަސް ލިޔުއްވުމުގެ ބަދަލުގައި މިކަހަލަ މަސައްކަތް ނުކުރައްވަނީ؟
ވޯލް
29 September 2025
މިހާގެ އަސްލު ކޮލިޓީ ނުހުންނަނީ އެހެން ގޮތަަކަށް ބުނާނަމަ، ފުންނާބު އަސްލު އުސްވާންވާވަރަށް އުސްނޫނީ.
ޖިނާނުގ
28 September 2025
ސޫދަކީ ޖޫޑިޝަރީއަށް ގިނަ ޚިދުމަތް ތަކެއް ކޮއްދެއްވި ބޭފުޅެއް. ފަނޑިޔާރު ގެ މިނިވަން ކުރުމަށް ވެސް ގިނަ މަސައްކަތް ކުރެއްވި ބޭފުޅެއް ނަމަވެސް ޜާއްޖޭގައި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރުސަތެއް ނޯވޭ
އޮނަރަބްލް އަފީފު ދީދީ
28 September 2025
ޔޯރޮޕާއި އެފްރިކާ، އޭޝިޔާ އަދި ސާކް ސަރަޙައްދުގެ ޤައުމުތަކުގައިވެސް ފަހަކަށްއައިސް އެޤައުމުތަކުގެ ރައީސްކަމާއި ބޮޑު ވަޒީރުކަން ބޮޑެތި ސިޔާސީޕާޓީތަކާއި ޙަވާލުކުރުމުގެ ބަދަލުގައި މީގެ ކުރިން އެހާ މަޤުބޫލު ނޫން ތަންކޮޅެއް ކުދި ޕާޓީ ތަކާއި އަދި އަމުދުން ޕާޓީ އަކާއި ގުޅި ވަޑައި ގަތުމެއްނެތި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނިކުމެ ވަޑައިގަންނަވާ ލީޑަރުންނާއި ޙަވާލު ކުރުމަށް އެފަދަ ފަރާތްތަކަށް ރައްޔިތުންގެ ވޯޓާއި ތާއީދު ދެމުންދާތަން ފެންނަން ފަށައިފި.
އޮނަރަބްލް އަފީފު ދީދީ
28 September 2025
ސިވިލްކޯޓްގެ އިސް ފަނޑިޔާރުކަމާއި، ދައުލަތުގެ ބަންޑާރަ ނައިބްކަން، އަދި "ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި ދިވެހިންގެ އިތުބާރު އެންމެބޮޑަށް ލިބުނު" ސްޕްރީމްކޯޓް ބެންޗްގައި އިންނެވި އެންމެ ތަޖުރިބާ ކާރު ފަނޑިޔާރު ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލު ހުސްނު އަލް ސުޢޫދަކީ ރާއްޖެ މިދެކޭ "މަލްޓިޕާޓީ ޑެމޮކްރަސީ ނިޒާމް ހޯދައި ގަތުމަށްޓަކާ" މަރަށް ފުރާނައަށް ބެލުމެއްނެތި ދިވެހިން ތެދުވިއިރު އެކަމުގައި ޤާނޫނީ މުހިންމު މަސައްކަތެއް އަދާކޮށްދެއްވި ޤައުމީ ބަތަލެއް.
އޮނަރަބްލް އަފީފު ދީދީ
28 September 2025
އިސްލާޙްކުރި ޤާނޫނުއަސާސީގައި "ރައްޔިތުނަށް ލިބިދީފައިވާ ބާރުވެރިކަމާއި ޙައްޤުތަކާއި، އަދި ދައުލަތުގެ ތިން ބާރުންކުރެ އެއްބާރުން އަނެއްބާރުގެމައްޗަށް ޤާނޫނީ ހަމަތަކުގެބޭރުން އަތްގަދަ ނުކުރުމަށް" ޤާނޫނުއަސާސީގައި ގަދައަމުރުން އަމުރުކޮށްފައި ވީކަމަށްވިޔަސް ވެރިކަން ހިންގުމުގެ ބާރުން މިދެންނެވި ކަންކަން ކުރާގޮތް ގޯސްވެގެން ރައްޔިތުން ވާހަކަ ނުދައްކާ ޒަމާނެއް މިއަދާއި ހަމައަށް ވެސް ނުދޭ. އަދި އިހައްދުވަހު ސްޕްރީމްކޯޓް ބެންޗް ކޮށާލިގޮތް ވެސް ފެނިއްޖެ.
އޮނަރަބްލް އަފީފު ދީދީ
28 September 2025
އެހެންކަމުން މަތީގައިދެންނެވިކަންކަމަށް ޤާނޫނީ ފަރުވާހޯދުމަށާއި، ދުނިޔޭގެ ވެރިކަމުގެވެއްޓަށް އަންނަމުންދާ "ރައްޔިތުންގެބަދަލު ގެނައުމަށް، ރައްޔިތުންގެ މީހާގެގޮތުގައި" 2028 ގެ އިންތިޙާބަށް ހުސްނު އަލް ސުޢޫދު ނިކުމެވަޑައި ގަތުމަކީ މިވަގުތަށް ވަރަށްމުހިންމު ކަމެއް. ސްޢޫދުއާއި ދެކޮޅަށް ޒާތީޙަސަދަވެރިންގެ ގޮތުގައިތިބި ބައެއްފަރާތްތަކުން ޙަޤީގަތާއިޙިލާފް ވާހަކަދެއްކިކަމަށްވިޔަސް އެވާހަކަތަކާއި ކުރިމަތިލަމުން ވާދަކުރާނެހިތްވަރު ސުޢޫދު ގައިގައި ހުންނާނެ.