އިންސްޕެކްޝަނުގައި ފިހާރައެއް ބަންދުކޮށްފައި.
02 އޮކްޓޯބަރ 2025 - 22:17
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި 1،010 ތަނެއް ބެލި ކަމަށާއި އޭގެ ތެރެއިން 70 ތަނެއް ބަންދުކުރަން ޖެހުނު ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން ބުނީ މިދިޔަ މަހުގެ 21 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި 1،010 ތަނެއް ބަލައިފާސްކުރި ކަމަށެވެ. އޭގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންްގާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ތަންތަނާއި ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ހިމެނޭ ކަމަށް ބުންޏެވެެ.
މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއާ ވެސް ގުޅިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތާ ގުޅިގެން އެމްއެފްޑީއޭ އިން ބުނިގޮތުގައި ރަޖިސްޓްރީނުކޮށް ގަވާއިދާ ހިލާފަށް ހިންގަމުން ގެންދާތީ އާއި މުއްދަތު ހަމަވުމަށް ފަހު ހުއްދަ އާނުކޮށް ހިންގަމުންދާތީ 70 ތަނެއް އެ އިންސްޕެކްޝަނުގައި ބަންދުކުރި އެވެ. އަދި ހުއްދަ އާކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅާފައިވާތީ 27 ތަނަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެެ.
އެކަމަކު މައްސަލަ ފާހަގަވެގެން ބަންދުކުރި އެއްވެސް ތަނެއް ނަމެއް އެ އޮތޯރިޓީން ހާމައެއް ނުކުރެ އެވެ. މީގެ ކުރިން އެޗްޕީއޭގެ ދަށުން ކާބޯތަކެތީގެ ކަންކަން ބަލައްޓަމުން އައިއިރު މިގޮތަށް ބާއްވާ އިންސްޕެކްޝަންތަކުގައި މައްސަލަ ފާހަގަވާ ތަންތަނުގެ ނަންތައް އައީ އާންމު ކުރަމުންނެވެެ.
އެމްއެފްޑީއޭ އިން ކުރިން ބުނިގޮތުގައި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ނަންތައް އާންމު ނުކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު މައްސަލަ ފާހަގަވާ ތަންތަނުގެ އަދަދުތައް ހާމަކުރާނެ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރާ1
04 October 2025
ތީ މަތިމަތިން ބަލާފަ ދަށުން ނުދިނީމަ ބަންދު ކުރިތަންތަން. ގޮނޑުކޮށް ހިންގާ ތަންތަން ހުރީ އެގޮތުގަ.
ރީމް އާދަމް
03 October 2025
މަގުމަތީ ސިގެރެޓް ބުއިން ހުއްޓުވާން އެބަ ޖެހޭ.
ކޮރަލް
03 October 2025
މައްސަލަ އިތުރަށް ގޯސް ނުވަނީސް އިންސްޕެކްޓަރުންގެ އެކައުންޓް ތަކުގެ ބެލެންސް ވެސް ބަލާލަން ވީ އެވެ . ނޫނީ ބަންދު ކުރާ ތަންތަނުގެ ނަން ތައް ހާމަ ކުރަން ވީ އެވެ .