ގެދޮރުވެރިޔާ ސްކީމްގެ ބާކީ ގުރުނެގުން މިއަދު ބާއްވަނީ.--
08 އޮކްޓޯބަރ 2025 - 18:21
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޭ 4،000 ފްލެޓްގެ ގުރުއަތު ނެގުމުގައި ކުރިން ބައިވެރިވެފައި ނުވާ މީހުންގެ ގުރުނެގުން މިއަދު ބާއްވައިފި އެވެ.
ގުރު ނެގީ ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި އިވެންޓެއްގަ އެވެ.
ގުރުއަތު ނެގުމުން އެ މީހަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓްކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދާ މަންޒަރު ދައުލަތުގެ މީޑިއާ، ޕީއެސްއެމާއި މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ދެއްކި އެވެ.
މިނިސްޓްރީން އިއްޔެ ވަނީ ގުރު ނަގާނެ މީހުންގެ މައުލޫމާތު އާންމުކޮށްފަ އެވެ. ލިބޭ ފްލެޓްތަކުގެ ވަކިވަކި ޔުނިޓްތައް ލިބޭ މީހުން ކަނޑައެޅުމަށް ނޮވެމްބަރު 16، 2023 ގައި ބޭއްވި ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައަޅަން ގުރުއަތު ނަގާފައި ނުވާ މީހުންނާއި 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައި ނުވާ މީހުންނަށް ވެސް މިއަދު ވަނީ ނަގައިފަ އެވެ.
އޭގެ ތެރޭގައި އެ ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލުމަށް ފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައި ނުވާ މީހުން ވެސް ހިމެނެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ގުރުއަތު ނެގުމުގައި ބައިވެރިނުވެވި ބައެއް މީހުން ތިބި ސަބަބަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ކައިވެރިވެފައި ވަނިކޮށް އެ ފްލެޓްތަކުގެ ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދަނިކޮށް އެ މަސައްކަތް ހުއްޓާލަން އޭސީސީން އެންގުމުންނެވެ. އެ ފްލެޓުތައް ދޫކުރުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އޭރު އެންގީ، އެ ފްލެޓްތައް ދިނުމުގައި ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ލިބުނު ޝަކުވާތަކާ ގުޅިގެން މައްސަލަ ތަހުގީގުކުރުމަށެވެ. އޭގެ ފަހުން މިއަދާ ހަމައަށް ގުރުނެގުން ބާއްވައިފައި ނުވެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އެއްބަސްވުން ހަދައި، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު، އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ އެޗްޑީސީން އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސަރީ
09 October 2025
75 ޕޮއިޓް ލިބިފައިވާ މީހުން ލައްވާ ސޮއިކޮށް އަދި ލިބޭނެކަމަށް ބުނެ އެހެންގޮތަކަށް ތިކަން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެށްނޫނެވެ.މިކަމުގެ ސަބަބުން އެމީހުންގެ ހައްގުތަށް ގެއްލުނީއެވެ.އެމީހުންނަށް އިތުރު ޝަކުވާ ކުރެވޭނެ ގޮތެއްނެތެވެ.އެހެން ކަމުން ޕޮއިންޓް ދިން ގޮތާއި މެދު ސުވާލު އުފެދި އުސޫލުތަށް ރައްޔިތުންނަށް ހާމަކޮށް އެގެންޖެހޭނޭއެވެ. އެއީ އެމީހުންގެ ހައްޤެކެވެ. ކޯޓަށް މައްސަލަލައި ފުލެޓް ހަވާލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދެންޖެހެއެވެ.
ނިހާލް ހަލިމް
09 October 2025
ދެފުއް ފެންނަށް ގޮތަށް މިކަން ކުރިޔަށް ދިޔާމަ ވަަރަށް ހެޕީވެއްޖެ. މިހެން ވާންޖެހޭނެ މިކަންކަން.
ނޫހް އިބްރާޙިމް
09 October 2025
ބޯހިޔާވެހިކަން ކަށަވަރުކޮށްދޭން މިސަރުކާރުން ކުރާ މަސައްކަތް ވަަރަށް ފާހަގަވޭ. އެކަން މި ފެންނަނީ.
މުސްތަފާ ކަރީމް
09 October 2025
ވަރަށް އިންސާފުން މިކަން ދިޔައީ. ބަރާބަރު
ދެރަސޮރު
08 October 2025
ކޮބާހޭ މިއަދު ގުރު ނެގި އަދަދު ކުރީގެ ކިތަށް މީޙުން ކަޓުވާލަަފަތޯ ދެވަނަ ގުރެއް ނެގީ ނޫސްވެރިޔާ މިކަން ކަން ސާފު ކޮށްދީ ބަލަ