މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު، "އާއިލީ ބޯހިޔާވަހިކަން" ސްކީމަށް ހުޅުވާލި ފުރަތަމަ ހަފުތާގައި އެކަނިވެސް 1،616 މީހަކު ފްލެޓާއި ގޯއްޗަށް ކުރިމަތިލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ. 

ހައުސިން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ފްލެޓަށް އެދި 1،160 އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ. އެ މުއްދަތުގައި ބިމަށް އެދި 456 އެޕްލިކޭޝަނެއް ހުށަހެޅި އެވެ. 

މިނިސްޓްރީން ބުނި ގޮތުގައި 7،605 އެޕްލިކޭޝަން ވަނީ ޑްރާފްޓް ސްޓޭޖުގަ އެވެ.  

ސަރުކާރުން ހުޅުވާލީ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯއްޗަށެވެ. 

ފްލެޓާއި ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން މި ސްކީމުގެ އަސާސީ ޝަރުތެއްގެ ގޮތުގައި ހިމެނެނީ  މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނެވެ. 

ފްލެޓު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ. 

މާލޭގެ ރަށްވެހިންނަށް 10،000 ގޯތި ކަނޑައަޅާފައިވެ އެވެ. އެއީ އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 7،000 ގޯއްޗާއި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ގޯތި އަދި ފަހުން، މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި ހިމެނެ އެވެ. 

މާލޭގައި ދިރިއުޅޭ އެެހެން ރަށްވެހިންނަށް 3،000 ގޯތި ކަނޑައަޅާފައިވާއިރު މައިމުޅަވުން ނުވަތަ  މައިންބަފައިންގެ މުދާ ވާރުތަނުވާ ސަބަބެއް މެދުވެރިވެ ގޯތި ގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި ކަނޑައަޅާފައިވެ އެވެ. 

މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް ވެސް 1،500 ގޯތި ކަނޑައަޅާފައިވެ އެވެ.