ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުތުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ކެޓަގަރީގެ ދަށުން ފްލެޓަށް އެދޭއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެ މީހުންގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހު ކުރުމުގެ މަސައްކަތްކުރާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ ކެޓަގަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މި ފަހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުޑަކޮށްދީފަ އެެވެ.
ބޯހިޔާވަހިކަން ހޯދަން މި ފަހަރު ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުން ނަމަވެސް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް ހުށަހެޅޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި އެ މީހެއްގެ ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.
މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ.
އެ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ފޯމު ހުށަހަޅަން ޖެހެނީ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.