ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި މި ސަރުކާރުގެ ފްލެޓާއި ގޯތި ދޭ އުސޫލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވާނީ އާއްމުން ބޭނުންވި މުހިއްމު ތިން ބަދަލެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓާއި ގޯތި ދޭ އާ އުސޫލެއް ހަދައި މިއަދު އާންމުކުރީ ހައުސިން މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އާންމުކުރި އުސޫލު އިސްލާހު ކުރުމަށް ފަހުގަ އެވެ.

އާ އުސޫލަށް އައި ބަދަލުތައް އޮޅުންފިލުވަން "މިހާރު" އިން ގުޅުމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ މިއަދު އާންމުކުރި އުސޫލުގައި މައިގަނޑު ގޮތެއް ހިމެނިފައި ވާނީ ތިން ބަދަލެއް ކަމަށެވެ. އެއީ، ކުރިން ބޯހިޔާވަހިކަމެއް ލިބި އުޅޭ ދަތިކަމުގެ ސަބަބުން އެތަނެއް ދޫކޮށްލައި ދެ ކޮޓަރި ނުވަތަ ތިން ކޮޓަރިއަށް ކުރިމަތިލެވޭ ގޮތަށް ހެދުމާއި ރަށްވެހިކަން ބަލާ މުއްދަތު ކުރު ކުރުމުގެ އިތުރަށް އަނބިމީހާ/ފިރިމީހާގެ ތަނެއް މާލެ ސަރަހައްދުގައި ނެތިއްޔާ އެޕްލިކޭޝަން ހުށަހެޅޭނެ ގޮތަށް ހަމަޖެއްސުމެވެ.

އެ ބަދަލުތައް ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ މަހާއި މި މަހު ބޭއްވި ބައްދަލުވުންތަކުގައި އާންމުންގެ ފަރާތުން ލިބުނު ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވި ގޮތުގައި، ފުރަތަމަ ބަދަލަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކުގެ ދަށުން ކުރިން އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ ފްލެޓު ލިބިފައިވާ މީހުން އެ ތަންތަން ދޫކޮށްލާ ނަމަ ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ ގޮތް ހެދުމެވެ.

"އެއް ބަދަލަކީ އެއް ކޮޓަރީގެ ފްލެޓު ލިބިފައި ތިބި މީހުންނަށް އެއް ކޮޓަރި ދޫކޮށްލާފައި، ތިން ކޮޓަރީގެ އެޕާޓްމަންޓަށް ލެވޭ ގޮތް. ދެ ކޮޓަރީގެ އެޕާޓްމަންޓް ތިބި މީހުން ދެ ޖިންސުގެ 18 އަހަރުން ދަށުގެ ދަރިން ތިބި ކަމުގައިވާ ނަމަ، ދެ ކޮޓަރީގެ އެޕާޓްމަންޓް ދޫކޮށްލާފައި، ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް އެޕްލައި ކުރެވޭ ގޮތް،" މުއްތަލިބް ވިދާޅުވި އެވެ.

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއްތަލިބް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއްތަލިބް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު، އެ ބަދަލު އެގޮތަށް ގެނައި ނަމަވެސް، ފްލެޓު ދިނުމުގައި އަދިވެސް އެންމެ އިސްކަމެއް ދޭނީ އަދި ޕޮއިންޓް ގިނައިން ލިބޭނީ ވެސް މިވަގުތު އެއްވެސް ކަހަލަ ބޯހިޔާވަހިކަމެއް ލިބިފައި ނެތް މީހާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޮއިންޓް ދޭ އުސޫލުގައި އެންމެ ގިނައިން ޕޮއިންޓް ލިބޭނީ އަމިއްލަ ތަނެއް މިހާރު ނެތް މީހުންނަށް. ތަނެއް ނެތް މީހުންނަށް ހަމަ އިސްކަންދޭނީ،" އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނައިން އައި [ރައްޔިތުންގެ ބައްދަލުވުންތަކުގައި] އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލަން، އެއް ކޮޓަރީގެ ފްލެޓުގައި ފެމެލީއަށް ނޫޅެވޭތީ ޝަކުވާ. ދެ ކޮޓަރި ވެސް ދެ ޖިންސުގެ ކުދިން ތިބޭއިރުގައި އުޅެން ދަތިވާ ވާހަކަ. އެހެންވީމަ، އެ ބަދަލު ގެނައީ."

ކުރިން ފްލެޓު ލިބިފައިވާ މީހުންނަށް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓު ދޭނީ މިހާރު ލިބިފައި ހުރި ތަން ދޫކޮށްލަން އެއްބަސްވުމުންނެވެ.

ކުރިން ފްލެޓު ލިބިފައިވާ ނަމަ ޕޮއިންޓް ދޭ ގޮތް

• ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ފްލެޓެއް މިހާތަނަށް ލިބިފައި ނުވާ ނަމަ، 25 ޕޮއިންޓް

• ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން އެއް ކޮޓަރީގެ ފްލެޓެއް ލިބި، 18 އަހަރުން ދަށުގެ ދަރިއެއް ނުވަތަ ދަރިން ތިބި ނަމަ، 15 ޕޮއިންޓް

• ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ދެ ކޮޓަރީގެ ފްލެޓެއް ލިބި 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، 10 ޕޮއިންޓް

މާލޭގެ ރަށްވެހިކަން ބަލާ މުއްދަތު އެއް އަހަރަށް

މުއްތަލިބް ވިދާޅުވީ ފްލެޓާއި ގޯތި ދިނުމުގެ އުސޫލު ކުރިން އޮތް ގޮތުން މާލޭ މީހުންނަށް ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގެ ރަށްވެއްސަކަށް ވިތާ ފަސް އަހަރުވުމުން ކަމަށެވެ. ނަމަވެސް، އެ ޝަރުތު ބަދަލުކޮށް، މާލޭގެ ރަށްވެހިކަން ބަލާ މުއްދަތު މިހާރު އެއް އަހަރަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިމާއި ފްލެޓާއި ދޭތީގައި ވެސް މާލޭގެ ރަށްވެހިން ކަމަށް ބަލާ މުއްދަތު ފަސް އަހަރަށް ރަޖިސްޓްރީވާން ޖެހޭ ކަމަށް ކުރިން އިނީ. މިހާރު އެއް އަހަރު ރަޖިސްޓްރީވެފައި އިންނަ ނަމަވެސް، ލެވޭ ގޮތަށް އިންނާނީ. އެހެންވީމަ، އެ ބަދަލު ގެނައީ،" އޭނާ ވިދާޅުވި އެވެ.

އަނބިމީހާ/ފިރިމީހާގެ ތަނެއް މާލެ ސަރަހައްދުގައި ނެތިއްޔާ އެޕްލިކޭޝަން ހުށަހެޅޭނެ

އުސޫލަށް ގެނައި ތިންވަނަ ބަދަލަކީ ފްލެޓާއި ގޯއްޗަށް ކުރިމަތިލާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ތަނެއް މާލެ ސަރަހައްދުގައި ނެތް ނަމަ ޝަރުތު ހަމަވުމެވެ. އެ އުސޫލު ކުރިން އޮތް ގޮތުން، ފްލެޓާއި ގޯއްޗަށް ކުރިމަތިލާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް މާލެ ހިމެނޭހެން ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތް ނަމަ ޝަރުތު ހަމައެއް ނުވެ އެވެ.

"ކުރިން އޮތީ އަނބިމީހާ/ފިރިމީހާގެ ވެސް ރާއްޖޭގެ އެއްވެސް ތަނެއްގައި ތަނެއް އޮތަސް، ޝަރުތު ހަމަ ނުވާ ގޮތަށް. މިހާރު އިންނާނީ އަނބިމީހާ/ފިރިމީހާގެ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް އޮތިއްޔާ ޝަރުތު ހަމަ ނުވާނެ ކަމަށް. ރަށެއްގައި ތަނެއް އޮތަސް ޝަރުތު ހަމަވާ ގޮތަށް،" މުއްތަލިބް ވިދާޅުވި އެވެ.

"މައިގަނޑު ޕޮއިންޓަކީ، މި ކިޔަނީ އާއިލީ ބޯހިޔާވަހިކަމޭ، އެހެންވީމަ އާއިލާތަކަށް ތަނެއް ދިނުމަށް ހިންގާ ޕްރޮގްރާމެއް ވީމަ އެގޮތަށް ހެދީ."

އުސޫލަށް މި ބަދަލުތައް ގެނައި ނަމަވެސް، މުއްތަލިބް ވިދާޅުވީ ސަރުކާރުން އަދިވެސް އެންމެ އިސްކަމެއް ދޭނީ އެއްވެސް ކަހަލަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ފްލެޓާއި ގޯތި ދިނުމަށް ކަމަށެވެ. ޕޮއިންޓް ދޭ މިންގަނޑު ވެސް އެކުލަވާލާފައި ވާނީ އެއްވެސް ކަހަލަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަންދެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ. އަދި ފްލެޓާއި ގޯއްޗަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ އެވެ.