"ބޯހިޔާވަހިކަން އެންމެންނަށް" ގެ ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، އޭގައި ހިމެނޭ ހިޔާ ވެށިފަހި ކެޓަގަރީ އަށް ހުށަހެޅުމުގައި ހައުސިން މިނިސްޓްރީން ލުޔެއް ދީފި އެވެ. 

ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރާނެ އެވެ. އޭގެ ތެރެއިން ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓު ކަނޑައަޅާފައިވާއިރު އޭގައި ވަނީ ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެ ކަމުގެ ލިޔުުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައި ނުވާ މީހުންނަށް 500 ފްލެޓެވެ. 

ހައުސިން މިނިސްޓްރީން އެކްސްގައި މިއަދު ބުނީ އެ ކެޓަގަރީއަށް އެޕްލައި ކުރުމުގައި ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތް ނަމަ ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ. 

މިނިސްޓްރީން ބުނި ގޮތުގައި ކަމާގުޅޭ އިދާރާއަކުން އާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެ މީހަކަށް ފްލެޓު ލިބޭނެކަން ކަށަވަރުވާ ނަމަ އެފަދަ މައުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެ އެވެ.  

ފްލެޓާއި ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން މި ސްކީމުގެ އަސާސީ ޝަރުތެއްގެ ގޮތުގައި ހިމެނެނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނެވެ. 

ފްލެޓު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުންދާ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ. 

ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 އަށް އޮންނާނެ އެވެ.