ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅޭނެ ގޮތް ހައުސިން މިނިސްޓްރީން ހަމަޖައްސައިދީފި އެވެ.

އެ މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ، އަލަށް އެކުލަވައިލި އުސޫލުގެ ދަށުން ފޯމު ހުށަހަޅަން ހުޅުވާލާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކަމަށެވެ.

އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާނީ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. 

ހައުސިން މިނިސްޓްރީން މީގެ ކުރިން އާއްމުކުރި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު"ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓެގަރީއެއް ހާއްސަކޮށްފައިވެ އެވެ. ނަމަވެސް، އޭގައި އޮންނަ ގޮތުން، އޭރު ޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ ބައިގައި ހަމައެކަނި ފާހަގަ ޖަހާލާށެވެ.

އެކަމަކު، އަލަށް ގެނައި ބަދަލުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުން މާލޭގައި ދިރިއުޅުނު މުއްދަތު ވަނީ ކުޑަކޮށްފަ އެވެ.

ބޯހިޔާވަހިކަން ހޯދަން މި ފަހަރު ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުމެވެ. 

ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުން މާލޭގައި ދިރިއުޅުނު މުއްދަތު ވަނީ ކުރުކޮށްފަ އެވެ.

މިނިސްޓްރީން ބުނީ މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް ހުށަހެޅޭނެ ކަމަށެވެ. އޭގެ އިތުރުން އެ މީހެއްގެ ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް ބުންޏެވެ.

އެ ހައުސިން ސްކީމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ.